Advertisement

ކޫމަން އުންމީދުކުރަނީ ނެދަލޭންޑްސްގެ ކުޅުން ރަނގަޅުވާނެ ކަމަށް

25 ޖޫން 2024 - 13:39 0


ކޫމަން އުންމީދުކުރަނީ ނެދަލޭންޑްސްގެ ކުޅުން ރަނގަޅުވާނެ ކަމަށް

25 ޖޫން 2024 - 13:39 0

ޑަސަލްޑޯފް (ޖޫން 25) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި މިރޭ އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ނެދަލޭންޑްސްގެ ކުޅުން ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

މިރޭގެ މެޗަށް ނުކުންނައިރު ނެދަލޭންޑްސް އަށް ވަނީ ގަދަ 16ގެ ޖާގައެއް ކަށަވަރުވެފަ އެވެ. އެހެން ނަމަވެސް، ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނެން އެ ޓީމުން ބޭނުންވާނެ އެވެ.

މި ގުރޫޕްގައި ނެދަލޭންްޑްސް އެންމެ ފަހުން ކުޅުނު މެޗުގައި ފްރާންސްއާ ލަނޑެއް ނުޖެހި އެއްވަރުވިޔަސް، މެޗުގައި ނެދަލޭންޑްސް އިން ދެއްކި ކުޅުމަށް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ކޫމަން ބުނީ ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ނެދަލޭންޑްސްގެ ފަރާތުން މައްސަލަތަކެއް ފެނުނު ކަމަށެވެ. އެކަަމަކު އުންމީދަކީ މިރޭގެ މެޗުގައި ނެދަލޭންްޑްސްގެ ކުޅުން ރަނގަޅުވާނެ ކަމަށެވެ.

"އަަހަރަމެން ބޭނުންވަނީ ގުރޫޕްގެ އެއް ވަނަ. އަހަރަމެން އެބަޖެހޭ ވަރަށް އަވަސް، ޕާސިން ގޭމެއްކުޅެން،" ކޫމަން ބުންޏެވެ.

ނެދަލޭންޑްސްގެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗަށްފަހު އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުވެފައިވަނީ އެ ޓީމުގެ ފޯވަޑް މެމްފިސް ޑެޕާއީ އަށެވެ. ދެ މެޗުގައި ވެސް ޑެޕާޢީއަށް ލަނޑެއް ނުޖެހެ އެވެ. އަދި އޭނާގެ ބަދަލުގައި މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ވައުޓް ވެގްހޯސްޓަށް ފުރުސަތު ދިނުމަށް ބައެއް ސަޕޯޓަރުން ވަނި ސޯޝަލް މީޑިއާގައި ގޮވައިފަ އެވެ.

ވެގްހޯސްޓް ވަނީ މި މުބާރާތުގެ ފުރަތަމަ މެޗުގައި ލަނޑު ޖަހައިފަ އެވެ.

އެކަމަކު، ކޫމަން ވަނީ ޑެޕާއީގެ ދިފާއުގައި ވާހަކަަދައްކައިފައެވެ. އެކަމަކު ޑެޕާއީގެ ކުޅުން ރަނގަޅުކުރަންޖެހޭ ކަމަށް ކޫމަންވެސް އެއްބަސްވިއެވެ.

"އޭނާ އަށް ވަރަށް ގިނަ އިންޖަރީގެ މައްސަލަތަކާ ކުރިމަތިވި. ރަނގަޅު ވާހަކައެއް އޭނާ އެބަޖެހޭ ކުޅުން ރަނގަޅުކުރުން. އެކަމަކު ޓީމުން އޭނާ އަށް ފުރުސަތު ލިބޭނެ،" ކޫމަން ބުންޏެވެ.

މީގެ ކުރިން ބައިނަލްއަގުވާމީ ބޮޑު ދެ މުބާރާތެއްގައި އޮސްޓްރިއާ އާއި ނެދަލެންޑްސް ދެ ފަހަރެއްގެ މަތިން ބައްދަލުކުރި އެވެ. ދެ މެޗުން ވެސް ނެދަލެންޑްސް މޮޅުވި އެވެ. އެއީ، 1978 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 5-1 އިންނާއި ޔޫރޯ 2020 ގައި، 2-0 އިންނެވެ. މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ.