25 ޖޫން 2024 - 08:33 0
25 ޖޫން 2024 - 08:33 0
ކޮލޯން (ޖޫން 25) - އިނގިރޭސި ގައުމީ ޓީމަށް މީގެ ކުރިން އައި ފާޑުކިޔުންތަކުން އޭނާ އަށް އަސަރުކުރި ނަމަވެސް މިހާރު އެ ފަދަ ގޮތަކަށް ކަންކަން ދިމާވުމަށް ވުރެ އަމިއްލަ ނަފްސުގެ ކޮންޓްރޯލް އެބައޮތް ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.
މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި ސްލޮވީނިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން، އިންގްލެންޑަށް ވަނީ ގަދަ 16 ޔަގީންވެފަ އެވެ. އިންގްލެންޑަށް ނޮކައުޓް ބުރުގެ ޖާގަ ޔަގީންވީ، ގްރޫޕް އޭ އާއި ގްރޫޕް ބީ ނިމުނުއިރު، ނަތީޖާތަށް ނުކުތް ގޮތުންނެވެ.
އިންގްލެންޑުން މި ފަހަރު ކުޅުނު ފުރަތަމަ މެޗުގައި ސާބިއާ އަތުން 1-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުން ވަނީ ޑެންމާކާ 1-1 އިން އެއްވަރުވެފަ އެވެ. މި ދެ މެޗުގައި އިންގްލެންޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެންނަ ކަމަށާއި މި ފަހަރުގެ ޔޫރޯ އަށް އިންގްލެންޑުން ސްކޮޑު ނެގީ ވެސް ރަނގަޅަށް ނޫން ކަމަށް ބުނެ، ކުރީގެ ކުޅުންތެރިންނާއި އިނގިރޭސި ކޯޗުން އަންނަނީ ފާޑުކިޔަމުންނެވެ.
އެކަމާ ގުޅިގެން އަމާޒުވި ސުވާލުތަަކަށް ސައުތުގޭޓް ވަނީ ޖަވާބުދީފަ އެވެ.
"މި ވަޒީފާގައި ގިނަ ދުވަސްތަކެއް ހުރުމުގެ އެންމެ ބޮޑު ފައިދާ އަކީ، އަހަންނަށް އަމިއްލަ ނަފްސު މެނޭޖްކުރަން ވެސް ދަސްވެއްޖެ. އަހަރެން މީގެ ކުރިންނަމަ އެ އަމާޒުވާ ފާޑުކިޔުންތަކުގައި އެ ދައްކާ ވާހަކަތައް އަޑުއަހައި، އޭގެއިން އަސަރުވެސް ކުރާނެ. އެކަމަކު، މިހާރު އެ ފަދަ ކަންކަމާ ބެހޭގޮތުން ވިސްނައި އަހަރެންގެ ގައިން ހަކަތަ ގޮސް، ފޯކަސް ގެއްލެން ވަގުތެއް ނުދެވޭނެ،" 2016 ވަނަ އަހަރު އިންގްލެންޑާ ހަވާލުވެ، ބޮޑު ހަތަރު މުބާރާތުގައި އެ ޓީމަށް ކޯޗުކޮށްދީފައިވާ ސައުތުގޭޓް ބުންޏެވެ.
ސައުތުގޭޓް ބުނީ އޭނާ އަކީ އަބަދުވެސް މުޅި ޓީމު ގޮވައިގެން ކުރިއަށްދާން އެނގޭ ކޯޗެއް ކަމަށެވެ.
އަމާޒުވަމުން އަންނަ ފާޑުކިޔުންތަކާ ދެކޮޅަށް ބަސްބުނެ، ސައުތުގޭޓްގެ ދިފާއުގައި އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން، ހެރީ ކޭން ވަނީ ވާހަަކަ ދައްކައިފަ އެވެ.
ކޭން ބުނީ، ސައުތުގޭޓަކީ އިންގްލެންޑަށް އެންމެ ރަނގަޅު ކޯޗު ކަމަށެވެ. އަދި އިންގްލެންޑް ޓީމަށް އެތައް ޒަމާނެއް ވަންދެން ކާމިޔާބެއް ނުލިބި އޮތް ސަބަބު ހޯދައި، އެކަމަށް ވިސްނާލާއިރު، މިހާރު ފާޑުކިޔަމުން އަންނަ ބައެއް ފަރާތްތަކަކީ ވެސް ގައުމީ ޓީމުގައި ހުރެ ކަންކަން ހާސިލްނުކުރެވުނު ބައެއް ކަަމަށެވެ.
ޔޫރޯގައި އިންގްލެންޑުން ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި، މިރޭ 12 ޖަހާއިރު ސްލޮވީނިއާއާ ކުޅޭނެ އެވެ.
Comment