Advertisement

ޔުނައިޓެޑް ވިކްޓަރީ އަތުން ބޮޑު މޮޅެއް ހޯދައި މާޒިޔާ ސެމީ އަށް

24 ޖޫން 2024 - 19:26 0

މާޒިޔާގެ އަނޫފް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ނައުޝަމް ވަހީދު/ އިމޭޖަސް.އެމްވީ


ޔުނައިޓެޑް ވިކްޓަރީ އަތުން ބޮޑު މޮޅެއް ހޯދައި މާޒިޔާ ސެމީ އަށް

24 ޖޫން 2024 - 19:26 0

މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޔުނައިޓެޑް ވިކްޓަރީ އަތުން 4-0 އިން ބޮޑު މޮޅެއް ހޯދައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާުތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މާޒިޔާ އިން ގްރޫޕް ބީގެ މެޗުތައް ނިންމާލީ ތިން މެޗުން ހަތް ޕޮއިންޓާ އެކު، އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފައިވާ ކްލަބް ގްރީން ސްޓްރީޓްސް އެވެ. ތިން ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި ޔުނައިޓެޑް ވިކްޓަރީ ނިންމާލީ ތިން މެޗުން ޕޮއިންޓެއް ނުލިބި އެވެ.

މި ގްރޫޕުން ސެމީގެ ފަހު ޖާގަ ލިބޭ ޓީމެއް އެނގޭނީ މިރޭ ގްރީން ސްޓްރީޓްސް އާއި އީގަލްސް ކުޅޭ މެޗުންނެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 14 ވަނަ މިނިޓްގައި މާޒިޔާގެ ކެޕްޓަން، އާދަމް ލަޔާން ރަޝީދު ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އެ ޓީމުގެ، އިބްރާހިމް އަނާން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މާޒިޔާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ނައުޝަމް ވަހީދު / އަދަދު


މާޒިޔާ އިން ފުރަތަމަ ހާފު ނިންމާލީ އެއް ގޯލުގެ ލީޑެއްގަ އެވެ. އެ ޓީމުން ލީޑުފުޅާކުރީ މެޗުގެ 62 ވަނަ މިނިޓްގައި އަނޫފް އަބްދުﷲ ޖެހި ގޯލުންނެވެ. މިއީ، މާޒިޔާގެ އަބްދުﷲ ލޫތު އިބްރާހިމް އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކަށް އަރައި އަނޫފް ޖެހި ގޯލެކެވެ.

މެޗުގެ ތިން ވަނަ ގޯލު މާޒިޔާ އިން ކާމިޔާބުކުރީ 81 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ފައުޒާން މޫސާ އެވެ. މިއީ ޔުނައިޓެޑް ވިކްޓަރީގެ ދެ ކުޅުންތެރިއަކު ކައިރިން މާޒިޔާގެ ލޫތު ތަނަަވަސްކުރި ފުރުސަތެއްގައި، އެ ބޯޅަ ހޯދައި، އޭރިއާތެރެއިން ފައުޒާން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ލަނޑެކެވެ. އޭގެ ދެ މިނިޓް ފަހުން، މާޒިޔާ އިން ވަނީ ހަތަރު ވަނަ ލަނޑު ޖަހައިފަ އެެވެ.

މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަނާން އެވެ. މެޗުގެ 83 ވަނަ މިނިޓްގައި، ޔުނައިޓެޑް ވިކްޓަރީ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު، އަނާން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މި މެޗުގައި ޔުނައިޓެޑް ވިކްޓަރީން ފޮނުވާލި ބައެއް ހަަމަލާތައް ހުއްޓުވުމުގައި މާޒިޔާގެ ކީޕަރު، އަސަދުﷲ އާލިމް އަފީފް ވަނީ މަތަކޮށްފަ އެވެ.