5 މާރިޗު 2025 - 05:23 0
5 މާރިޗު 2025 - 05:23 0
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެގެންނާއި ރާއްޖޭގެ ކްލަބްތަކަށް އައި ބިދޭސީ ކޯޗުން ތަކުރާރުކޮށް ފާހަގަކުރާ އެއް ވާހަކަ އެއް އޮވެ އެވެ. ގްރާސްރޫޓުގެ ރަނގަޅު ސިސްޓަމެއްގެ ތެރެއިން، ގިނަ މެޗުތަކެއް ލިބި، އުމުރުފުރާ ޓިމުތަކަށް ކުޅެގެން، ޑިވެލޮޕްވަމުން އައިސް ސީނިއާ ލެވަލްގައި ކްލަބަށް ނޫނީ ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިންގެ ތަފާތު ބޮޑުވާނެ ކަމެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ސީނިއާ ލެވަލްގައި ގިނައީ ގްރާސްރޫޓުން ސީނިއާ ލެވަލް އަށް އެކަށޭނެ މެޗު ތަޖުރިބާ ނުލިބި އަންނަ ކުޅުންތެރިން ކަމަށާއި އެ ކަންކަން ފުރިހަމަ ނުވެ ވެސް ބައެއް ދިވެހި ކުޅުންތެރިން ދައްކާ ކުޅުން ވަރަށް ފުރިހަމަކަން ގިނަ ބިދޭސީ ކޯޗުން ފާހަގަކުރެ އެވެ. މީގެ ތެރެއިން، އެއް ކުޅުންތެރިއަކީ، ހއ. އުތީމަށް އުފަން އައިހަމް އަހުމަދު (ފަތޯ) އެވެ.
ފާއިތުވި ފަސް ވަރަކަށް އަހަރަށް ބަލާއިރު، ރާއްޖޭގެ ފުޓްބޯޅައިގައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއެރި ކުޅުންތެރިންނަށް ބަލާއިރު، އައިހަމްގެ ނަން ފާހަގަކުރަން ޖެހެ އެވެ.
އަދަދު ސްޕޯޓްސްގެ "ތަރިންގެ އަދަދު" އަށް ދިން އިންޓަވިއުއެއްގައި އައިހަމް ބުނީ، އޭނާގެ އުމުރުފުރާގެ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އޭނާ ވެސް ފުރަތަމަ ކުޅެން ފެށީ ރަށުގެ އަތިރިމަތީގައި ކަމަށެވެ. ފުޓްބޯޅަ ކުޅުމަކީ، ޝައުގުވެރިކަމާ އެކު، އެންމެ ކުރާހިތްވާ ކަންތައް ކަމަށްވާތީވެ، ހުސްކޮށް ލިބޭ ކޮންމެ ވަގުތެއްގައި ކަހަލަަ ގޮތަކަށް ފުޓްބޯޅަ ކުޅެން ދަނީ އެވެ.
ސަސްގެ މެޗެއްގެ ތެރެއިން އައިހަމް ބޯޅަ ހިފައިގެންދަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ
"ހެނދުނުހޭލާ ގޮތަށް ސައިވެސް ނުބޮއެ ހަމަ ދަން ބީޗަށް (ފުޓްބޯޅަ) ކުޅެން ރަށްޓެހިންނާ އެކު، ބޯޅައެއް ހިފައިގެން، ދެން އުޅޭނީ ހަމަ ތަޅަތަޅާ. އެއީ ފެށުނުގޮތް، ބީޗުގައި ރުއްވަލުގައި،" ފުޓްބޯޅަ ކުޅުން ފެށުނު ގޮތް، އައިހަމް ކިޔައިދިނެވެ.
ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުތީމު ޓީމުގައި ތަފާތު ދެއްކި، އައިހަމް ބުނީ ރަށުގައި އުޅުނުއިރު، ރާއްޖޭގެ ގައުމީ ޓީމުގެ މެޗުތަކާއި ފުރަަތަމަ ޑިވިޝަނުގެ މެޗުތައް ފެންނާތީވެ، ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އުފެދުނު ކަމަށެވެ. އެ ގޮތުން، މާލެ އާދެވިއްޖެނަމަ، ފުޓްބޯޅައިން ކުރިއަށްދާން އަޒުމު ކަނޑައެޅި އެެވެ.
"ފުރަތަމަ ޓާގެޓަކީ، ކުޅެގެން މޮޅުވެގެން ގައުމީ ޓީމަށް އެރުން، އެއީ، އެ ހިސާބުން، ބޯޅަ ބަލައިގެން ޓީވީންނާއި ފެނިގެން މާ އިތުރަށް ކުޅޭހިތްވި، ފުރަތަމަ ކުޅޭއިރުގައި އަނެއްހެން ނުބަލަން ދޯ ތަނެއް ދޮރެއް، ބީޗުގައި ވެސް، މީގެއިން ކުރިއަށްދާނެ ވިސްނުމެއް ނީނދޭ. ހަމަ މާލެ އައިސްފައި، އެ ޗާންސް ލިބުނީމަ ބޭނުންވީ ކުރިއަށްދާން،" އައިހަމް ބުންޏެވެ.
މާލެ ބަދަލުވެ، އޭ ލެވަލްއާ ހަމައަށް ކިޔެވުމަށް ފަހު، އައިހަމް ދެން ނިންމީ ފުޓްބޯޅަ ކެރިއަރު ފަށާށެވެ. އެކަމަކު، މިހާރު ގައުމީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަށް ލިބުނު އުމުރުފުރާ ޓީމުތަކަށް ކުޅެގެން ކުރިއަރައިގެން ދިއުމުގެ ނަސީބެއް އައިހަމް އަށް ނުލިބުނެވެ. އެއީ، 2019 ވަނަ އަަހަރު އިންޓަ ސްކޫލް ފެށެން ގާތްވެފައި އޮއްވައި، އޭނާ ރާއްޖޭން ބޭރަށް ދާން ޖެހުމުންނެވެ. އެ މުބާރާތުގައި ކުޅުނުނަަމަ، އައިހަމް އަށް 19 އަހަރުން ދަށުގެ ގައުމީ ޓީމަށް އަރަން ވެސް ފުރުސަތު އޮތެވެ. އެކަމަކު، ހާލަތު ނިޔާކުރި ގޮތުން، އެ މުބާރާތް ކުޅެގެން އެ ފުރުސަތުގެ ބޭނުން ހިފަން ނުލިބުނެވެ.
އައިހަމްގެ ކެރިއަރު ފަށަން މަގުކޮށައިދިނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އެކަޑަމީ ހިންގުމުގައި އިސް ރޯލެއް ކުޅެމުން އަންނަ ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ.
"ވިލާގައި އުޅެމުން، އިންޓަ ހައުސްގައި ދިމާވި ކޯޗެއް، މަރޭ ކޯޗު، މަރޭ ކޯޗު އުޅޭނީ ސަސް އެކަޑަމީގައި، ދެން، ސަސް އެކަޑަމީ ހިންގަން އުޅޭނެ ފަރީދު ކޯޗު، ފަރީދު ކޯޗަކީ އައިހަމް މި ހިސާބަށް ގެނެސްދިން ކޯޗަކީ، އޭނަ ދިން ޗާންސެއްގެ ސަބަބުން އައިހަމް މި ހިސާބަށް އައީ،" އައިހަމް ކިޔައިދިނެވެ.
ސަސް އަށް ގޯލެއް ޖަހައިދިނުމަށް ފަހު އައިހަމް އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ
ފަރިއްޓެއާ އެކު، ސަސްގެ ޔޫތު ޕްރެކްޓިސްތަކުގައި މަސައްކަތް ކުރަމުންދިޔަ، އައިހަމްގެ މަސައްކަތުގެ ރޭޓާއި ހުނަރު ފެނިފައި، ސަސްގެ ސީނިއާ ޓީމުގެ ކޯޗު، އިސްމާއިލް މަހަފޫޒް (އިންމަ) ނިންމީ، އައިހަމް ސީނިއާ ޓީމަށް ޕްރޮމޯޓް ކުރާށެވެ.
"އިންމަ ކޯޗު ބުނީ މީނަ ވަރަށް ރަނގަޅޭ. ބޮޑު ޓީމަށް ޕްރެކްޓިސްގައި ބައިވެރިވާންވީއޭ. އެ ހިސާބުން ސަސް ޖޯޒީ ލިބުނީ، އެ ހިސާބުން ފެށުނީ،" ސީނިއާ ކެރިއަރު ފެށި ގޮތް ކިޔައިދެމުން އައިހަމް ބުންޏެވެ.
"އިންމަ ކޯޗު ޕްރެޝަރެއް ނުދީ ފުރުސަތު ދިނީ. އެ ހިސާބުން ހަގީގަތުގައި ކުޅެން ރަނގަޅަށް ފެށުނީ ފުރަތަަމަ ކްލަބްގައި ވެސް،"
އިންޑިއާގެ ބެންގަލޫރުގައި 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނެގި 45 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި އައިހަމް ހިމެނުމަކީ ވެސް އޭނާ އާއި އާއިލާ އަށް ލިބުނު ހިތްހަަމަ ޖެހުމެކެވެ.
ޕްރިމިލިނަރީ ސްކޮޑުން ފައިނަލް ސްކޮޑަށް އެރުމުގެ ގޮން ޖެހުން ބޮޑެވެ. އަދި، ސްކޮޑު ފައިނަލް ކުރުމާ ގާތުގައި ވަނިކޮށް އައިހަމް އަށް ދިމާވި ގޮތުން، ޓީމުން ޖާގަ ނުލިބިދާނެ ކަހަލަ ވިސްނުމެއް ވެސް އައިހަމް އަށް އަ އެވެ.
"(ސްކޮޑު) އެ 23 އަށް ކުޑަކުރީ ލީގު މެޗެއް ނިންމާފައި. އެވެސް ވަރަށް ފައްކާކޮށްވީ މެޗެއް. މާޒިޔާއާ ކުޅުނު މެޗެއް. މެޗު ފެށުނުތަނުން ރަތް ކާޑެއް ދައްކާފައި ބާލައިފި، އެ މެޗު ނިންމާލާފައި ލީގު ހުއްޓާލަނީ ސާފަށް ސްކޮޑު ފައިނަލް ކުރަނީ އޭގެ އަނެއް ދުވަހު، އެންމެން، އާއިލާ މީހުންނާއި ރަށްޓެހިން ތިބީ ބިރުން ނުނަގާނެ ކަމަށް. އައިހަމް އަށް ހީވި މި ފަހަރު ނަގާފާނެއޭ. އެ ކޮންފިޑެންސްގައި އިންދައި ނެގީ. ވަރަށް ހެޕީކޮށް ދިޔައީ،" ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނު ގޮތާ ބެހޭގޮތުން އައިހަމް ބުންޏެވެ.
2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން އައިހަމް.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ
އައިހަމް ބުނީ، ގައުމީ ޓީމާ އެކު، އޭނާގެ ފުރަތަމަ މުބާރާތް ދިޔައީ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށާއި އޭގެ ސަބަބުތައް ވެސް ބައިވަރު ކަމަށެވެ. ތަޖުރިބާއިން ކަންކަން ދަސްކޮށްގެން އައިހަމް ވިސްނީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށްވާން މަސައްކަތް ކުރުމަށެެވެ.
އޭގެ ފަހުން، އައިހަމް ވަނީ، އެންމެ ފަހުން ގައުމީ ފުޓްބޯޅަ ޓީމުން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި މިދިޔަ އަހަރު ކުޅެފަ އެވެ. ގައުމީ ޓީމުގެ ތަރި، އިބްރާހިމް އައިސަމް އަނިޔާގެ ސަބަބުން ނެތްތަން ފޫބައްދަން ޓީމަށް އަރައި، އައިހަމް ދެއްކި ކުޅުމަށް ޓީމުގެ ކޯޗު އަލީ ސުޒޭން ތައުރީފުކުރި އެވެ.
ގައުމީ ޓީމުގައި ލިބޭ ކޮންމެ ފުރުސަތެއްގެ ވެސް ބޭނުންހިފައި، އައިހަމް ހުރީ ބޮޑު ހުވަފެނެއް ހަގީގަތަކަށް ހެދުމުގެ އުންމީދުގަ އެވެ.
"ގައުމީ ޓީމުގެ ޖޯޒީގައި ރަނގަޅަށް ކުޅެގެން ސާފް އެއް ނެގުން އެއީ ޓާގެޓަކީ. މި އަހަރު އެބައޮތް މުބާރާތެއް،" އައިހަމް ބުންޏެވެ.
ރާއްޖޭގައި މި ވަގުތަށް ބަލާއިރު، ކުޅުންތެރިންގެ ކަންކަން ހަމަޖައްސައިދީގެން އެންމެ ބަރާބަރަށް ހިންގާ ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. މާޒިޔާއާ ގުޅެން އައިހަމް އަށް ފުރުސަތު ލިބުމާ އެކު، އޭނާ އެ ބޮޑު ނިންމުން ނިންމުމަށް ގިނަ ބަޔެއްގެ ލަފާ ހޯދި އެވެ. އެއީ، ކެރިއަރުގައި ކުރިއަށް ދިއުމުގެ އަޒުމު އޮތުމުންނާއި މާޒިޔާއާ ގުޅުމުގެ ޗެލެންޖު ނަގާއިރު، ވިސްނަން ޖެހޭ ކަންކަމުގައި އެކި މީހުން ދެކޭ ގޮތް ދެނެގަތުމަށެވެ.
"ވަރަށް ގިނަ މީހުންނާ ވާހަކަ ދައްކާފައި މާޒިޔާ އަށް ބަދަލުވާން ނިންމީ. އަސްލު ބައެއް މީހުން ބޭނުމެއް ނުވޭ މާޒިޔާ އަށް އަންނަން،" މާޒިޔާ އަށް ބަދަލުވުމުގެ ކަންކަން ދިޔަ ގޮތަށް އިޝާރާތްކޮށް އައިހަމް ބުންޏެވެ.
"އެއީ މާޒިޔާ އަށް ބަލައިފިއްޔާ، އެއީ އަނެއްހެން ގައުމީ ޓީމު. މާޒިޔާގައި މި ތިބީ ރާއްޖޭގައި ބޯޅަ ކުޅޭ އެންމެ މޮޅެތި، ގިނަ މީހުން މި ތިބީ އެތާގައި ގާތްގަނޑަކަށް، މާޒިޔާގެ ސީނިއާ ހުރިހާ ކުޅުންތެރިން ދާނެ ގައުމީ ޓީމަށް އެ ލެވަލްގައި އޮތީ ވެސް. އަސްލު ޖެހިލުންވެސް ވި، އެކަމަކު، (ރިފާއު) އަސްކާ މެން، އެ ކަހަލަ، ސަސްގެ ކެޕްޓަން (ނިޒާމް) ޕީކޭ މެން ކަހަލަ މީހުންނާ ވާހަކަ ދައްކާލައިފައި ނިންމީ،"
މާޒިޔާ އިން އއ. އުކުޅަހުގައި ކުރިއަށްގެންދިޔަ ކޭމްޕްގެ ތެެރެއިން އައިހަމް.--- ފޮޓޯ: އަދަދު ސްޕޯޓްސް
ގިނަ ބަޔެއްގެ ލަފާ ހޯދިއިރު، ފުޓްބޯޅަ ކެރިއަރަށް ވިސްނައި، މާޒިޔާއާ ގުޅުމަކީ، އައިހަމް ނަގަން ރަނގަޅު ރިސްކެއް ކަމަށް ވިސްނުނެވެ.
"އެ މީހުން ބުނީ ރަނގަޅުވާނެ، ރިސްކެއް ނަގަން ވިޔަސް ދާށޭ ދޯ. ގޮސްފައި ހަމަ ދާ ގޮތަކަށް އެކަކަށް ވެސް ބޮންތިއަކު ނުހިފޭނެއޭ. އެކަމަކު ވެސް ދާށޭ، ގޮސް އެނގިދާނެ ނޫންހޭ ވާ އެއްޗެއް. އެހެން ހިތަށް އަރާފައި ރިސްކެއް ނަގާފައި ދިޔައީވެސް. އަސްލު ވަރަށް މަސައްކަތުން ޓީމަށް އެރުނީ، ނަމަކުން ވާ ކަމެއް ނޫންކަން އެ ދުވަހުން ފެށިގެން އެނގުން، ކޮންމެ ކަމެއް ވެސް މަސައްކަތް ކޮށްފިއްޔާ ވާނެކަން އެނގުނު،" އައިހަމް ބުންޏެވެ.
މިދިޔަ އަހަރު މާޒިޔާ އިން ކުޅުނު އޭއެފްސީ ޗެލެންޖު ލީގުގައި އައިހަމް ވަނީ ކުޅެފަ އެވެ. މާޒިޔާ ޖޯޒީގައި ރަސްމީކޮށް ލޯކަލް މުބާރާތެއްގައި ނުކުޅެ، އިންޓަނޭޝަނަލް މުބާރާތެއްގައި ކުޅެން ޖެހުނަސް އައިހަމް ހުރީ ޕްރެޝަރުގައި ކުޅެން، ކޯޗުގެ ވިސްނުންތަކާ އެއްގޮތަށް ތައްޔާރަށެވެ. އެކަން، އޭނާގެ ކުޅުމުން ވެސް ދެއްކި އެވެ.
"މާޒިޔާ އަށް އައިސް ފުރަތަމަ އިންޓަނޭޝަނަލް މުބާރާތުގައި ވެސް އެ ގޮތަށް ކުޅެލަން ލިބުނީމަ ވަރަށް ހިތްހަމަޖެހުނު. އިންޝާﷲ ޓާގެޓަކީ ބޭރުގެ މުބާރާތެއްގައި މާޒިޔާއާ އެކު ދެ ވަނަ ބުރު ކުޅުން. އެއީ ކަންނޭނގެ މާޒިޔާ އަށް ވެސް އޮތް ބޮޑު ޓާގެޓަކީ،" އައިހަމް ބުންޏެވެ. "މާޒިޔާއާ އެކު މޮޅަށް ކުޅެ ނެގެން ހުރި ހުރިހާ ތަށްޓެއް ނަގައި، ގައުމީ ޓީމުގައި ވެސް މުހިންމު ކުޅުންތެރިއަކަށް ވާން ބޭނުމީ. ދެން، ގައުމީ ޓީމާ އެކު ވެސް ކޮންމެވެސް ބޮޑު ތަށްޓެއް ނެގުން ހަމަ ޓާގެޓަކީ،"
އައިހަމް ބުނީ، މިދިޔަ ފަސް ވަރަކަށް އަހަރަށް ބަލާއިރު، ފުޓްބޯޅައިގައި އޭނާ އަށް ހާސިލްވި ހުރިހާ ކަމެއްގައި ވެސް ގިނަ ބަޔެއްގެ އެއްބާރުލުން ވަރަށް ރަނގަޅަށް ލިބުނު ކަމަށެވެ. އެހެންވެ، މި ވަގުުތު އޭނާ އަށް ފުޓްބޯޅައިގައި ހުއްޓި ހުރެވުނު އުސް ހިސާބަށް ވިސްނާލާއިރު، މި ކަމުގެ ކްރެޑިޓް ދޭން ޖެހޭ އެންމެނަށް ޝުކުރު އަދާކުރާ ކަމަށް އައިހަމް ވަނީ ބުނެފަ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment