23 ޖޫން 2024 - 13:58 0
މަރިޔަމް އަފާ ނިޒާމް
އައްޑޫ ރީޖަނަލް ޕޯޓް -- ފޮޓޯ: ސޯޝަލް މީޑިއާ
23 ޖޫން 2024 - 13:58 0
އަންނަ ޖުލައި މަހުން ފެށިގެން އައްޑޫ ސިޓީއަށް ދާއިމީކޮށް އިންޑިއާއިން ޕެރިޝަބުލް މުދާ ގެންނަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ޕެރިޝަބުލް ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ ގޮތް ހަމަޖެއްސުމަށް އެމްޕީއެލް އަދި ހިތަދޫ ރީޖަނަލް ޕޯޓުން ކުރި މަސައްކަތް ކާމިޔާބުވެފައިވާ ކަމަށެވެ.
އެގޮތުން އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ލިބެން ފަށާނެކަމުގެ ޔަގީންކަން ވަޖީހު ދެއްވި އެވެ.
އައްޑޫ ސިޓީއަށް މުދާ ގެންދާނީ ރާއްޖޭ އަށް އެންމެ ގިނައިން ޕެރިޝަބުލް ކާގޯ ގެންނަ އިންޑިޔާގެ ފައިނެސް ގުރޫޕް މެދުވެރިކޮށް ކަމަށް އެމްޕީއެލްއިން މައުލޫމާތުދެ އެވެ. އަދި ދަތުރުތައް ރާވާފައިވަނީ ކޮންމެ 10 ނުވަތަ 15 ދުވަހުގެ ތެރޭގައި ކާގޯ ބޯޓެއް އައްޑޫ ސިޓީ އަށް ދާގޮތަށް ކަމަށް އެ ކުންފުނީގެ ސީއީއޯ ވަޖީހު މައުލޫމާތުދެއްވި އެވެ.
ވަޖީހު އިތުރަށް ވިދާޅުވީ މީގެ ކުރިން މި ހިދުމަތް ދެނީ ލަކުޑި ބޯޓު ފަހަރުން ކަމަށް ވާތީ ހިދުމަތް ދެވެނީ ވަކި ދުވަސްތަކެއްގައި ކަމަށެވެ. އޭގ ސަބަބުން އައްޑޫ ސިޓީ އަށް ބޭނުންވާ މުދާ މާލެއިން ގެންދަންޖެހޭ ކަން ވަޖީހު ފާހަގަކުރެއްވި އެވެ.
ޖުލައި މަހުން ފެށިގެން އައްޑޫ ސިޓީއަށް ފެރިޝަބުލް މުދާ ގެންދިއުމަށް ބޭނުންކުރަން ހަމަޖެހިފައިވަނީ ދަގަނޑު ބޯޓު ފަހަރެވެ. މިއާއެކު މެދުކެނޑުމެއް ނެތި މި ހިދުމަތް ލިބެމުންދާނެ އެވެ.
"އެކެއް ޖުލައިން ފެށިގެން މި ހިދުމަތް ދެވޭނީ ދަގަނޑު ބޯޓު ފަހަރުން ކަމަށްވާތީ، މުޅި އަހަރު ތެރޭ ހުރިހާ ދުވަސް ތަކެއްގައިވެސް މެދު ކެޑުމެއްނެތި، މި ހިދުމަތް ލިބެމުން ދާނެ،" ޕޯސްޓުގައި ވަޖީހު ފާހަގަކުރެއްވި އެވެ.
މި ހިދުމަތާއިއެކު އައްޑު ސިޓީއަށް ގެންދާނެ ޕެރިޝަބުލް މުދަލުގެ ބާވަތްތަކުގެ ތެރޭގައި ބިސް، ފިޔާ އަދި އަލުވީގެ އިތުރުން ތަރުކާރީގެ އެހެން ބާވަތްތަކާއި، މޭވާގެ ބާވަތްތައް ހިމެނެ އެވެ. މީގެ އިތުރުން އައްޑޫ ސިޓީ ގެ ރައްޔިތުން އިންޑިއާއިން ގެންދަން ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާއި ޖެނެރަލް ކާގޯގެ ބާވަތްތައް ވެސް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.
Comment