Advertisement

މިފްކޯ އައްޑޫ ފެކްޓްރީގެ މުވައްޒަފުން ރޭ ނިދަން ޖެހުނީ ބޭރުގަ

23 ޖޫން 2024 - 13:59 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މިފްކޯ އައްޑޫ ފެކްޓްރީ މުވައްޒަފުން ރޭ ނިދަންޖެހުނީ ބޭރުގައި --


މިފްކޯ އައްޑޫ ފެކްޓްރީގެ މުވައްޒަފުން ރޭ ނިދަން ޖެހުނީ ބޭރުގަ

23 ޖޫން 2024 - 13:59 0

އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ މިފްކޯ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ކުރަމުންގެންދާ މުޒާހަރާގެ ތެރެއިން، ފެކްޓްރީގެ ކަރަންޓު ކަނޑައިލުމުގެ ސަބަބުން އެ ފެކްޓްރީގެ މުވައްޒަފުން ރޭ ބޭރުގައި ނިދަންޖެހިއްޖެ އެވެ.

މިފްކޯއިން މިއަދު ބުނީ އައްޑޫ ފެކްޓްރީގެ މުވައްޒަފުން ތިބޭ އެކޮމޮޑޭޝަން ބްލޮކުން ކަރަންޓު ކަނޑައިލުމުގެ ސަބަބުން ރޭ މުވައްޒަފުން ނިދީ ބޭރުގައި ސަތަރި އަޅައިގެން ކަމަށެވެ. އަދި މަސްވެރިންގެ ޑިމާންޑަކީ ފެކްޓްރީގެ އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގް، ކެފެޓީރިއާއިން ކަރަންޑު ކަނޑާލާފަ ބެހެއްޓުން ކަމަށް މިފްކޯއިން ބުނެ އެވެ.

"ރެއިން ފެށިގެން އޭއެފްސީ މުވައްޒަފުން ނިދަނީ ބޭރުގަ ސަތަރި އަޅައިގެން. މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް ވަނީ ނުފުދިފަ. ކެއިން ބުއިމާ ފާހަނަކުރުން ފަދަ ކަންކަން،" މިފްކޯގެ މެސެޖުގައިވެ އެވެ.

މިފްކޯގެ އައްޑޫ ފެކްޓްރީގައި ގާތްގަނޑަކަށް 100 މުވައްޒަފުން ވަޒީފާ އަދާކުރެ އެވެ.

ރޭގައި ފުލުހުންގެ އެދުމުގެ މަތިން ފެކްޓްރީއަށް ކަރަންޓު ދިނުމުން މުޒާހަރާގެ މަސްލަހަތު ގެއްލި، ތަނާއި މުދަލަށް އަދި މުވައްޒަފުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމަށް ކުންފުންޏަށް ގަބޫލުކުރެވުމުން ފެކްޓްރީން ކަރަންޓު ކަނޑާލީ ކަމަށް މިފްކޯއިން މައުލޫމާތުދެ އެވެ.

މިފްކޯއިން ވަނީ މަސްވެރިންގެ މުޒާހަރާ ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.

އެގޮތުން އެ ކުންފުނީގެ މުދަލާއި މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް ނުފުދި، ގެއްލުން ލިބޭ ގޮތަށް ކަންތައް ނުކުރުމަށް ވެސް އެ ކުންފުނިން އިލްތިމާސްކުރެ އެވެ. އަދި މުވައްޒަފުންގެ ހައްގުގައި މިފްކޯއިން ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެ ކަމަށް މިފްކޯއިން ބުންޏެވެ.

އީދު ބަންދަށް މިފްކޯއިން 46 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ. އަދި ބާކީ ފައިސާ ދޫކުރުމާއި މެދު ހެދޭނެ ގޮތެއް ބަލައި، ސަރުކާރާއެކު މަޝްވަރާކޮށްގެން އަވަސް ގޮތެއް ހޯދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.