23 ޖޫން 2024 - 11:22 0
23 ޖޫން 2024 - 11:22 0
ސްޓުޓްގާޓް (ޖޫން 23) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ހަންގޭރީން، ގްރޫޕްގެ ފަހު މެޗުގައި ސްކޮޓްލެންޑާ ކުރިމަތިލާއިރު، ފޯކަސް ހުރީ މޮޅުވާން ކަމަށާއި މުބާރާތުގައި އެ ޓީމަށް ކުރިއަށް ހުރި ގޮތަކާ މެދު ވިސްނައި ކަންކަން ބަލާނީ ފަހުން ކަމަށް ހަންގޭރީގެ ކޯޗު މާކޯ ރޮސީ ބުނެފި އެވެ.
ގްރޫޕް އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ޖަރުމަނު އޮތްއިރު، ދެ ވަނައިގައި ސްވިޒަލެންޑް އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ސްކޮޓްލެންޑަށް ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް ހަންގޭރީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ހަންގޭރީ އަށް ކިރިޔާ ވެސް ނޮކައުޓް ބުރުގެ ފުރުސަތެއް އޮތީ މިރޭ ސްކޮޓްލެންޑް އަތުން ރަނގަޅު މޮޅެއް ހޯދައިގެންނެވެ.
މި ފަހަރުގެ ޔޫރޯ އަށް ހަންގޭރީން ކުރިމަތިލީ ރަނގަޅު ފޯމެއް ދެމެހެއްޓުމަށް ފަހު އެވެ. އެ ގޮތުން، ނޮވެމްބަރު 2022 އިން ފެށިގެން މި އަހަރުގެ މާޗް މަހާ ހަމައަށް އެ ޓީމުން 14 މެޗު ބަލިނުވެ ފުރިހަމަ ކުރި އެވެ. މިދިޔަ އަހަރުގެ ނޭޝަންސް ލީގުގައި ހަންގޭރީން ވަނީ އިންގްލެންޑް ދެ މެޗުން ބަލިކޮށްފަ އެވެ.
އެހެންވެ، މި ފަހަރުގެ ޔޫރޯގައި ހަންގޭރީއާ މެދު ސަމާލުވާން ޖެހޭ ކަމަށް ގިނަ ބަޔަކު އުންމީދުކުރި އެވެ. އެހެން ނަމަވެސް އެ ޓީމު ފުރަތަމަ ދެ މެޗުން ބަލިވެ، އަމިއްލަ ބާރު ގެއްލިފައި އޮތްއިރު، އޭގެ ސަބަބުތައް ބައިވަރުކަމަށް އެ ޓީމުގެ ކޯޗު ރޮސީ ވަނީ ބުނެފަ އެވެ.
"އަހަރެމެން ވެސް މި ތިބީ ސްކޮޓްލެންޑެކޭ އެއް ހާލަތެއްގައި، ތިން ޕޮއިންޓް އަހަރެމެންނަށް ވެސް މުހިންމީ. އަހަރެމެން މެޗުން މޮޅުވިޔަސް އަނެއް ބުރަށް ނުގޮސްފާނެ. އެކަމަކާ މި ވަގުތު ވިސްނާކަށް އަހަރެން ބޭނުމެއް ނޫން، ގްރޫޕް ސްޓޭޖަށް ފަހު އެނބުރި ގައުމަށް ދާން ޖެހުނަސް، މި ތިން ޕޮއިންޓާ އެކު ދާން ބޭނުމީ،" ރޮސީ ބުންޏެވެ.
ހަންގޭރީގެ ކެޕްޓަން، ޑޮމިނިކް ސޮބޯސްލާއި މިރޭގެ މެޗަށް ފިޓްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރޮސީ ވަނީ ބުނެފަ އެވެ. ސޮބޯސްލާއި، މި މެޗުގެ ފަހު ޕްރެކްޓިސްގައި ފަރިތަކުރީ ވަކިންނެވެ.
މިއީ ވާދަވެރި މެޗެއްގައި ސްކޮޓްލެންޑާއި ހަންގޭރީ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ދެ ޓީމު ކުޅުނު ނުވަ މެޗަކީ ވެސް އެކުވެރިކަމުގެ މެޗުތަކެވެ. ސްކޮޓްލެންޑް ތިން މެޗުން މޮޅުވިއިރު، ހަންގޭރީ ވަނީ ހަތަރު މެޗު ކާމިޔާބުކޮށްފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިރޭ މި ދެ ޓީމު، ސްކޮޓްލެންޑާއި ހަންގޭރީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
Comment