Advertisement

ނާގަލްސްމަން ބުނީ ޖަރުމަނުން މޮޅުނުވާން ރާވައިގެން މެޗަކަށް ނުނިކުންނާނެ ކަމަށް

23 ޖޫން 2024 - 09:55 0


ނާގަލްސްމަން ބުނީ ޖަރުމަނުން މޮޅުނުވާން ރާވައިގެން މެޗަކަށް ނުނިކުންނާނެ ކަމަށް

23 ޖޫން 2024 - 09:55 0

ފްރޭންކްފާޓް (ޖޫން 23) - ޖަރުމަނުން ފުޓްބޯޅަ މެޗަކަށް ނުކުންނައިރު މޮޅެނުވެ، ވަކި ނަތީޖާއެއް ނެރެން އަމާޒުކޮށްގެން ނުނިކުންނާނެ ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާ ގައުމު ޖަރުމަނުން ވަނީ ބާކީ މެޗެއް އޮއްވައި ގަދަ 16 ބުރުން ޖާގަ ޔަގީންކޮށްފަ އެވެ. އެކަމަކު، އެ ޓީމުން ނޮކައުޓް ބުރަށް ދަނީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައިތޯ ޔަގީންކުރަން މިރޭ ގްރޫޕްގެ ފަހު މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ނަތީޖާއެއް ނެރެންޖެހޭނެ އެވެ. ސްވިޒަލެންޑް، މި ވަގުތު ގްރޫޕްގެ ދެ ވަނައިގައި އޮތްއިރު، މޮޅުވެއްޖެނަމަ ޖަރުމަނު ފަހަތަށް ޖައްސާލައި، އެއް ވަނަ އަށް އެރޭނެ އެވެ.

ޖަރުމަނާއި ސްޕެއިނުން ގްރޫޕްގެ ހުރިހާ މެޗަކުން މޮޅުވެއްޖެނަމަ، ކުއާޓާ ފައިނަލުގައި އެ ދެ ޓީމު ބައްދަލުކުރަން ޖެހޭނެ އެވެ. އެހެންވެ، އެ ކަމަށް ވިސްނައިފައި، ޖަރުމަނުން މިރޭގެ މެޗުން މޮޅުނުވާން ކުޅެފާނެތޯ މީޑިއާ އިން ވަނީ ސުވާލުކޮށްފަ އެވެ.

"ކޮންމެ ގޮތެއް ވިޔަސް ޓީމާ ވާހަކައެއް ނުދެއްކޭނެ ގޮސް ބަލިވަން ބުނެ އެއް. އެއީ ކުރެވޭނެކަމެއް ނޫން. ވާދަވެރި ރޫހެއްގައި މަސައްކަތްކުރާ މީހުން އުޅެގެން ވެސް ވާނެ ގޮތެއް ނޫން އެއީ. ފުޓްބޯޅަ ކުޅެނީ މޮޅުވާން، ކުރިއަށް އޮތް މެޗުގައި ވެސް އަހަރެމެން ކުޅޭނީ މޮޅުވާން،" ނާގަލްސްމަން ބުންޏެވެ.

ނާގަލްސްމަން ބުނީ ސްވިޒަލެންޑަކީ މި ގްރޫޕުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނެ އެންމެ ވަރުގަދަ ޓީމު ކަމަށެވެ. އެހެންކަމުން، ޖަރުމަނުން ނޮކައުޓް ބުރުގެ ކުރިން މި ތައްޔާރުވާން ޖެހެނީ ރަނގަޅު ޗެލެންޖަކަށް ކަމަށް ނާގަލްސްމަން ގަބޫލުކުރެ އެވެ.

"ވަރަށް ޝައުގުވެރިވާނެ ކުރިމަތިލުމެއް މިއީ. އަހަރެމެންނަށް ކުރެވުނު ކަމެއްކޮށް ކޮންފިޑެންސާ އެކު ގްރޫޕް ނިންމާލަން މެޗުން މޮޅުވާން ޖެހޭ،" ނާގަލްސްމަން ބުންޏެވެ.

ޖަރުމަނުން ގްރޫޕްގައި ކުޅުނު ފުރަތަަމަ މެޗުން ސްކޮޓްލެންޑް އަތުން 5-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ހަންގޭރީގެ މައްޗަށް ކުރިހޯދީ 2-0 އިންނެވެ. ނާގަލްސްމަން ބުނީ، ފަހު މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ޓީމަށް ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

ސްވިޒަލެންޑާއި ޖަރުމަނު ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.