Advertisement

މި ފަހަރު ފްރާންސާ މި ކުޅެނީ "ތަފާތު" ނެދަލެންޑްސް އެއް

21 ޖޫން 2024 - 14:13 0


މި ފަހަރު ފްރާންސާ މި ކުޅެނީ "ތަފާތު" ނެދަލެންޑްސް އެއް

21 ޖޫން 2024 - 14:13 0

ލައިޕްޒިގު (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސާ ދެކޮޅަށް މި ކުޅޭ ނެދަލެންޑްސް އަކީ ކޮލިފައިންގައި ފެނުނު ޓީމާ "ތަފާތު" ޓީމެއް ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ކޮލިފައިންގައި ފްރާންސް ވަނީ ދެ މެޗުން ވެސް ނެދަލެންޑްސް ބަލިކޮށްފަ އެވެ. ޕެރިހުގައި ކުޅުނު ހޯމް މެޗުން ފްރާންސް 4-0 އިން މޮޅުވިއިރު، އަމްސްޓެޑަމްގައި ކުޅުނު އަވޭ މެޗުން ފްރާންސް ކުރިހޯދީ 2-1 އިންނެވެ.

"ސީދާ ކޮން ތަފާތުތަކެއް ކަމެއް ބުނެދޭކަށެއް ނޭނގޭ. އެކަމަކު، އަހަރެމެން މި ފަހަރު މި ހުރީ އެ މެޗުތަކަށް ވުރެ ރަނގަޅަށް ތައްޔާރުވެގެން، އަހަރެމެންގެ ކުޅުންތެރިންގެ ފޯކަސް ރަނގަޅުވާނެ، މި ފަހަރުގެ މުބާރާތުގެ ތައްޔާރީތަކަށް ފަހު،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޫމަން ބުންޏެވެ.

އޭނާ ބުނީ ނެދަލެންޑްސް އިން މި މެޗަށް ތައްޔާރުވަނީ ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ކުޅޭނީ މެޗުގެ ކޮން ހިސާބަކުންތޯ އެ އަށް ވިސްނައިގެން ނޫން ކަމަށެވެ. މި މެޗުން ބޭނުންވަނީ ފްރާންސްގެ އެންމެ ވަރުގަދަ ޓީމާ ޗެލެންޖްކޮށް ކާމިޔާބު ކުރެވޭ ވަރަށް ވަރުގަދަ އަށް ތައްޔާރުވާން ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.

ފްރާންސާއި ނެދަލެންޑްސް ވަނީ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. އެހެންކަމުން، މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ބާކީ މެޗެއް އޮއްވައި ގަދަ 16 ޔަގީންވާނެ އެވެ.

"އަހަރެމެން އަތުގައި އޮތް ފުރުސަތެއް ބޭނުންކުރުމާ މެދު އަހަރެމެން ސަމާލުވާން ޖެހޭނެ،" ދެ ވަނަ ފަހަރަށް ނެދަލެންޑްސް ޓީމާ ހަވާލުވެ މަސައްކަތް ކުރަމުން އަންނަ ކޫމަން ބުންޏެވެ.

މިއީ ޔޫރޯގައި ނެދަލެންޑްސް އާއި ފްރާންސްގެ ހަތަރު ވަނަ ކުރިމަތިލުމެވެ. އެ ގޮތުން، 1996 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ފްރާންސް އިން ނެދަލެންޑްސް ބަލިކުރި އެވެ. އެކަމަކު، ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު މީގެ ކުރިން ކުޅުނު ދެ ފަހަރު ވެސް ކުރިހޯދީ ނެދަލެންޑްސް އިންނެވެ. އެއީ 2000 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ މުބާރާތުގަ އެވެ.

ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ވަނީ މި ފަހަރުގެ ޔޫރޯގެ ދެ ފޭވަރިޓުން ނެގިއިރު، އޭގެ ތެރޭގައި ފްރާންސް ހިމަނައިފަ އެވެ. އިންގްލެންޑާއި ފްރާންސަކީ ސްކޮޑަށް ބަލާއިރު އެންމެ ވަރުގަދަ ދެ ޓީމުކަން ފާހަގަކޮށް، ވެން ޑައިކް ބުނީ ނެދަލެންޑްސް އިން ކޮންމެ މެޗެއްގައި ވެސް ކުޅުންތެރިންގެ އެންމެ ރަނގަޅު ލެވަލަށް ކުޅެފިނަމަ ކޮންމެ ޓީމެއް އަތުން ވެސް މޮޅުވެވޭނެ ފެންވަރު އެބަހުރި ކަމަށެވެ.

ފްރާންސާއި ނެދަލެންޑްސް މިރޭ ކުޅޭ މެޗު ފަށާނީ 12 ޖަހާއިރު އެވެ.