Advertisement

އޮސްޓްރިއާ މެޗުގައި ވެސް ލެވަންޑޯސްކީ ނުފެނިދާނެ, ޕޮލެންޑް ހާސްކަމެއްގައި

21 ޖޫން 2024 - 13:25 0


އޮސްޓްރިއާ މެޗުގައި ވެސް ލެވަންޑޯސްކީ ނުފެނިދާނެ, ޕޮލެންޑް ހާސްކަމެއްގައި

21 ޖޫން 2024 - 13:25 0

ބާލިން (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ވެސް ޕޮލެންޑްގެ ތަރި ރޮބަޓް ލެވަންޑޯސްކީ ނުފެނިދާނެ ކަމަށާއި، މިއީ ޕޮލެންޑް އަށް ކުރިމަތިވާނެ މައްސަލައެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު މައިކަލް ޕްރޮބިއާޒް ބުނެފި އެވެ.

ޕޮލެންޑުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ނެދަލަންޑްސް އަތުން 2-1 ގެ ނަތީޖާ އަކުން ވަނީ ބަލިވެފަ އެވެ. އެ މެޗުގައި ޕޮލެންޑްގެ ތަރި ލެވަންޑޯސްކީ ކުޅެފައެއް ނުވެ އެވެ.

އަނިޔާއިން ސަލާމަތްވެ, ލެވަންޑޯސްކީ ވަނީ އެންމެ ފަހުން ޕޮލެންޑުން ކުރި ފަރިތަކުރުންތަކުގައި ޓީިމާ އެކު ބައިވެރިވެފަ އެވެ. އެކަމަކު، އޮސްޓްރިއާ މެޗަށް ލެވަންޑޯސްކީ ފިޓްކޮށް ހުރިކަން ބުނަން އަދި ނޭނގޭ ކަމަށް ޕްރޮބިއާޒް ބުނެފައިވެ އެވެ.

"ލެވަންޑޯސްކީ ޓީމާ އެކު, ފަރިތަކުރަމުން މިހާރު އަންނަނީ, އެކަމަކު އޭނާ އޮސްޓްރިއާ މެޗުގައި ފަށާނެތޯ ކަނޑައަޅާނީ މެޑިކަލް ޓީމާ ވާހަކަ ދެއްކުމަށްފަހު" ޕްރޮބިއާޒް ބުންޏެވެ.

ޕްރޮބިއާޒް ބުނީ ދުނިޔޭގެ އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔާ، ލެވަންޑޯސްކީ ނުލައި ކުޅެން ޖެހޭއިރު, އެ ތަފާތު މުޅި ޓީމުންވެސް ފެންނާނެ ކަމަށެވެ. އެކަން ފުރަތަމަ މެޗުން ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށް ޕްރޮބިއާޒް އެއްބަސްވި އެވެ.

"އަހަރެން މި މަޑުކުރަނީ މެޑިކަލް ޓީމުގެ ޖަވާބަކަށް. އަހަރެން އުންމީދު މި ކުރަނީ މެޑިކަލް ޓީމުގެ ފަރާތުން ޕޮޒިޓިވް ޖަވާބެއް ލިބޭނެ ކަމަށް" ޕްރޮބިއާޒް ބުންޏެވެ.

ޕޮލެންޑް އާއި އޮސްޓްރިއާ ވަނީ 10 ފަހަރު ބައްދަލުކޮށްފަ އެވެ. ޕޮލެންޑް ފަސް ފަހަރު މޮޅުވެފައިވާއިރު، އޮސްޓްރިއާ މޮޅުވީ ތިން މެޗުންނެވެ. ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. ޕޮލެންޑުން މީގެ ކުރިން ޔޫރޯއެއްގެ ފުރަތަމަ ދެ މެޗުން ބަލިވެފައިނުވެ އެވެ.

އޮސްޓްރިއާ އާއި ޕޮލެންޑް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.