Advertisement

ވިލިނގިލީ ޖަލުގައި ކުރި ލާއިންސާނީ އަނިޔާތަކުގެ ވާހަކަ

21 ޖޫން 2024 - 08:22 4

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

އަނދަގޮނޑިއެއް. އަނދަގޮނޑިއަކީ ރާއްޖޭގެ ޖަލުތަކުގައި ގައިދީންނަށް އަދަބު ދިނުމަށްޓަކައި ލަކުޑިން ހަދާފައިވާ އެއްޗެއް. އެ ފެންނަ ލޯވަޅުތަކަށް ލައްވާނީ ދެ ފަޔާއި ދެ އަތް. މި އަނދަގޮނޑީގެ އަސްލު ފޮޓޯ ނަގާފައި ވަނީ ހަސަން ސާޖިން (ޒުވާން މަސްވެރިޔާ)


ވިލިނގިލީ ޖަލުގައި ކުރި ލާއިންސާނީ އަނިޔާތަކުގެ ވާހަކަ

21 ޖޫން 2024 - 08:22 4

ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު، ރައްޔިތުންގެ މަޖިލީހާ ވަރަށް ހާއްސަ މަސައްކަތެއް ހަވާލުކުރެވުނެވެ. އެއީ 1968 އިން ފެށިގެން ވިލިނގިލީ ޖަލުގައި ކުރެވުނު ލާއިންސާނީ އަނިޔާތަކާއި، އެ އަނިޔާތަކުގެ ސަބަބުން ބައެއް މީހުން މަރުވެ ދިޔަ މައްސަލަ ތަހުގީގުކުރުމެވެ. ރައްޔިތުންގެ މަޖިލީހުން މިކަމަށް ނެގި ކޮމިޓީގެ ރިޔާސަތަކީ އެމަޖިލީހުގެ ރައީސް އައްޝައިހު އަހުމަދު ޝާތިރެވެ. ކޮމިޓީގައި އިތުރަށް ހިމެނިވަޑައިގެންނެވި ބޭފުޅުންނަކީ އަލްއުސްތާޒު އިބްރާހީމް ޝިހާބާއި އަލްފާޟިލް އިބްރާހީމް ހިލްމީއާއި އަލްއުސްތާޒު އަބްދުﷲ ހަމީދާއި އަލްއަމީރު މުހައްމަދު ނޫރައްދީނާއި އަލްފާޟިލް ސިއްކަގޭ ހުސައިން މަނިކުފާނާއި އަލްފާޟިލް ކުރެދިވަރު އަބްދުލްހަސީބެވެ. ކޮމިޓީގެ ތަހުގީގު ބިނާކޮށްފައި އޮތީ އެ ދުވަސްވަރު ޖަލަށް ލެވިފައި ތިބި މީހުން ކޮމިޓީއަށް ހާޒިރުކޮށް އެމީހުންގެ ތަޖުރިބާތައް ހިއްސާކުރުމަށް ފުރުސަތު ދިނުމުގެ މައްޗަށެވެ.

ގަދަރުވެރި އާއިލާތަކަށް ނިސްބަތްވާ ކިތަންމެ ބޭފުޅަކާއި، ނަން ބުނެލީމާ ކާކުކަން ނޭނގޭ ކަހަލަ އާދައިގެ އެތައް ބަޔަކުވެސް އޭރު ވިލިނގިލީ ޖަލު ތަޖުރިބާ ކުރި އެވެ. ބައެއް މީހުން އެ ޖަލަށް ދާންޖެހުނީ ވަރަށްވެސް އާދައިގެ ކަންކަމުގަ އެވެ. ޖަލުގައި ހޭދަކުރަންޖެހޭ މުއްދަތު ނިންމާފައި އަންނައިރު، ކުރެވުނު ތުހުމަތަކީ އަދި ކުށަކީ ކޮބައިކަން ނޭނގޭ މީހުންވެސް އޭގެ ތެރޭގައި ހިމެނުނެވެ.

ވިލިނގިލީ (ވިލިމާލެ) ގައި ރިސޯޓު ހިނގި ދުވަސްވަރުގެ ފޮޓޯއެއް.


ސިއްކަގޭ ނަސީމްއާ ޖަލުން ބައްދަލުވި މިފަދަ ބައެއް މީހުންގެ ވާހަކަ އޭނާ ލިޔުއްވި 'އަޅުގަނޑުގެ ހަނދާންތައް' ފޮތުގައި ލިޔުއްވާފައި ވެއެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ އަލީ ނަމަކަށް ކިޔާ ކުއްޖެކެވެ. އޭނާއަކީ ކައިރު އަބްދުލްގާދިރުގެ ފިހާރައިގެ ސޭޓަކަށް އުޅުނު ކުއްޖެކެވެ. އެ ފިހާރައިގެ ބޭރުގައި އެލުވާފައި އޮތް ދޮންކެޔޮގަނޑުން، މަޝްހޫރު ބޭހޮއްކޮ އިޒުނައެއް ނެތި ކެޔޮވަކެއް އުފުރާލައިގެން ކާން ފެށީމާ އަލީ ގާތަށް އައި ރުޅީގައި އޭނާ ކޮއްޕާލުމުން ވެއްޓި ހިސާބަކަށް އަނިޔާވީ އެވެ. އެ މައްސަލައިގެ ތަހުގީގަށް އަލީ ޖަލަށް ގެންދެވުނީ އެވެ. އޮންނަންޖެހޭނީ ކިހާ މުއްދަތެއް ވަންދެން ކަމެއް ނޭނގެ އެވެ. ދެން އޮތީ ފަރުހާދު ކިޔާ ކުއްޖެކެވެ. އޭނާ ހިތާވެގެން އުޅޭ ކުއްޖާއަށް ސިޓީއެއް ލިޔެގެން ގެންދަނިކޮށް ސިފައިންގެ ބޭކަލެއްކަމަށްވާ ރަންވިއްކާ އާދަމްމަނިކާ ދިމާވެގެން، މީނާ ބަލާފާސްކުރިއިރު ޖީބުން ފެނުނު ސިޓީ އުރައިގެ ބޭރުގައި 'ޑޭންޖަރު' މިހެން ލިޔެފައި އޮތް މައްސަލައިިގައި ޖަލަށް ލެވުނީ އެވެ. ދެން އަބްދުއްސައްތާރު އެވެ. އޭނާއަކީ މަހުކަމަތުއްހާރިޖިއްޔާގެ ޕިޔޯނެކެވެ. އެ މަހުކަމާގެ ވަކީލު ކޮންމެ ދުވަހަކު އަބްދުއްސައްތާރުގެ އަންހެނުންގެ ހަބަރު އައްސަވަނީ އެވެ. މިކަމާ ރުޅިއައިސްގެން 'މަގޭ އަންހެނުންނާ އަޅައިގަނެގެން ނޫޅޭށޭ' ތަންކޮޅެއް ބާރަށް ބުނެވުމުން ވަކީލާ ޒުވާބުކުރިކަމަށްވެ ކުށްވެރިވީ އެވެ.

އޭރު އެ ޖަލުގައި ތިބި ހާއްސަ ބޭފުޅުންގެ ތެރޭގައި މުހައްމަދު މޫސާ (ޗަންޕާ) ހިމެނެ އެވެ. އޭނާ ޖަލަށް ލެވުނީ ދައުލަތާ އިދިކޮޅު އަމަލެއް ހިންގުމާއި، ވަޒީރުލްއައުޒަމްގެ ފުރާނަފުޅަށް ގެއްލުމެއްދޭން ފިސްތޯލައެއް ހޯދަންއުޅުމާއި، ދައުލަތުގެ ވެރިންގެ ގަދަރާ އިއްޒަތާ ބެހޭ ގޮތުން ވާހަކަލިޔެ މާލެ ތެރެއަށް ލިޔުން އެޅި މައްސަލައެއްގަ އެވެ. މީނާގޭ ކުޑަތުއްތު ބަންދުކުރެވިިފައި އޮތީ ފިސްތޯލައެއް ހޯދައިދޭން އެއްބަސްވިކަމުގެ ތުހުމަތުގަ އެވެ. ގުލްދަސްތާގޭ މުހައްމަދު ހަމީޒު ކުށްވެރިވީ މުހައްމަދު މޫސާ ދައުލަތާ އިދިކޮޅަށް ލިޔުންލިޔެ ތަންތަނަށް އެޅިކަން އެނގިހުރެ ސިއްރުކުރުމުގެ ކުށުގަ އެވެ. ކޮލިގޭ އިބްރާހީމް އީސާފުޅުގެ މައްޗަށްވެސް ހަމަ އެ ތުހުމަތެވެ. ކެނެރީގޭ އަބްދުއްސައްތާރު ކުށްވެރިވީ ދެ ފިސްތޯލަ އާއި ވަޒަން ގަނެ، ގަވާއިދާ ހިލާފަށް މާލެ ފޮނުވުމުގެ ކުށުގައި އާއި މަހުކަމަތުލްއަމަންއާންމުގެ ތަހުގީގުގައި ދޮގު ހެދުމުގެ ކުށުގަ އެވެ. ހީރާ މުހައްމަދު ރަޝީދު ކުށްވެރިވީ މުހައްމަދު މޫސާ މާލެތެރެއަށް ލިޔުން އެޅުމަށް ތައްޔާރުކުރިއިރު، އޭނާއަށް ދެލި ފުޅިއެއް ދީފައިވާތީ އާއި، ސިޔާސަތާ ބެހޭ ގޮތުން ދައްކަން ނުވާ ވާހަކަ ދައްކައި ހިޔާލުފާޅުކުރުމާއި، މުހައްމަދު މޫސާ ވަޒީރުލްއައުޒަމް މަރާލުމަށް ރޭވިކަން އެނގިހުރެ ސިއްރުކުރިކަމުގެ ކުށުގަ އެވެ.

މަތީގައި ބުނެވުނު އާދައިގެ މީހުންނާއި ބޭފުޅުންނަށް ކުރެވުނު ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ތަހުގީގަކަށް ހޯދުނުކަން އެނގޭނޭ ލިޔުމެއް ފެންނާކަށް ނެތެވެ. ތަހުގީގުގެ އަސާސް ބިނާކޮށްފައި އޮތީ ހީއެއްގެ މައްޗަށެވެ. ހީވާ ހީވުން ޔަގީނަށް ބަދަލުކުރުމަށް ބޭނުންވަނީ މީގެ ތެރެއިން ބައެއްގެ އިއުތިރާފުކަމަށްވާތީ، ޖަލު ބަލަހައްޓަން ހަވާލުވެފައިތިއްބެވި ބޭކަލުންނަށް އޮތީ މި ބޭފުޅުންނަށް އަނިޔާކޮށްގެން އިއުތިރާފު ހޯދުމެވެ. މިކަމުގައި މިބޭފުޅުން ގެންގުޅުއްވާފައިވަނީ ވަރަށްވެސް އުފެއްދުންތެރި ހިޔާލުފުޅުތަކެކެވެ.

ޖަލު އަނިޔާގެ އެންމެ ހުށިޔާރު އުކުޅަކީ ހަނގާކުރުމާއި ހޭރުވުމެވެ. ކާށި ހޮވުމާއި ހެހެން ޖެއްސުމާއި، ހިއްތަލަ ކޮންނަން ޖެއްސުމާއި، ގާ ތަޅަން ޖެއްސުން ފަދަ ކަންކަމަކީ އަނިޔާއަކަށް ކުރާ ކަމެއްތޯ ނުވަތަ، ބުރަ މަސައްކަތާއެކު ޖަލަށް ލުމުމުގެ އަދަބު ތަންފީޒުކުރުމުގެ ތެރޭގައި ހިމެނޭ ކަމެއްތޯ މީހަކަށް ސާފެއް ނުވާނެ އެވެ. ފޯރިމީހުން އެންގީމާ އަންގާކަމެއް ކޮށްލުމަކީ ހަގީގީ އަނިޔާއިން ސަލާމަތްވެތިބެން އޮންނަ އެންމެ މޮޅު ބުއްދި އެވެ.

ސީނާ އަހުމަދު ޒާހިރު ޖަލަށް ގެނެވުނު ދުވަހުގެ ހަނދާންވެސް ސިއްކަ މުހައްމަދު ނަސީމު ލިޔުއްވާފައި ވެއެވެ. އަބަދުވެސް ނުލާހިކު ނަލަކޮށް ހުންނަވާ ސީނާ އަހުމަދު ޒާހިރުގެ ފުރަތަމަ އެދުމަކަށްވީ އޭނާ ގައިގައި ލުމަށް ސައިބޯނިކޮޅެއް ދިނުމެވެ. ފޯރިއަށް ހުރި ސިފައިންގެ މީހާ ބުންޏެވެ. ބަލަ ކަލޭ ހީކުރީ މިތަނުން އަދި ކަލެއަށް ސައިބޯނިވެސް ދޭނޭ ކަމަށް ހެއްޔެވެ. އެދުވަހު ސީނާ ޒާހިރު ފެންވެރީ ވިލިނގިލީ ޖަލުގެ ވަޅުގެ ވަށައިގެން އޮންނަ ތަޅުމުގެ ވަށައިގެން ހެދިފައިހުރި ޗަކަގަނޑުން ޗަކަވެލި ނަގައިގެން އެ ވެލި މުޅި ގައިގައި އުނގުޅައިގެންނެވެ.

އެ ދުވަސްވަރު ޖަލަށް ގިނަ ކުރެވެމުން ދިޔައީ ސިޔާސީ އެކިއެކި ތުހުމަތުގައި ގެނެވޭ މީހުންނެވެ. އާދައިގެ ގޮތެއްގައި ވިހި މީހުންނަށް ތިބެވޭ ގޮޅިއަށް ފަންސާސް މީހުން ލާފައި ތިބޭއިރު، އެ އެންމެން ބޮޑުކަމުދާން ދެވެނީ އެއް ބާލިދީ އެވެ. ގޮޅީގެ އެއްކަނުގައި މުންޑަކުން ނިވަލެއް ހަދާފައި ހުންނައިރު، ކޮންމެ މީހަކުވެސް ބޮޑުކަމުދާން ވުމުން ވަންނާންޖެހޭނީ އެ ނިިވަލަށެވެ. ބައެއް ފަހަރު ބޮޑުކަމުދާންޖެހި، 'ފާހާނާ' ހުސްނުވާތީ ބައެއް މީހުންނަށް އޮތްތަނަށް ބޮޑުކަމުދެވޭ ގޮތްވެ އެވެ. ދެންވެސް ގޮޅިން ބޭރަށް ނެރުމަކީ ވެރިންނަށް ފެނިވަޑައިގަންނަވާންދެން ކުރެވޭން އޮންނަ ކަމެއް ނޫނެވެ.

ޖަލުގައި އޭރު ތިބި މީހުންގެ ތެރެއިން ހީރާ މުހައްމަދު ރަޝީދަކީ ރާއްޖޭގެ އޭރުގެ ނިސްބަތުން ބޮޑު ވިޔަފާރިވެރިއެކެވެ. އުމުރުން އެންމެ އެކާވީސް އަހަރުގެ ޒުވާނެކެވެ. ޖަލުގައި ކަންކުރަމުންދާ އަނިޔާވެރިގޮތާ ނުރުހުން ފާޅުކޮށް އޭނާގެ ގޮޅިން ހުއްދަނެތި ބޭރަށް ނުކުތީ އެވެ. ޖަލު ބަލަހައްޓާ ފޯރި މީހުންނަށް މި މަންޒަރު ފެނި ކަށިގަނޑު ފުމެލުމުން ސިފައިން އެކި ތަންތަނުން ނުކުމެ، ގަދަ ހަޅޭކުގެ އަޑާއެކު ދުވެފައި އައިސް ރަޝީދަށް ހަމަލާ ދީފި އެވެ. އޭނާ ބިންމައްޗަށް ވައްޓާލައި އެންމެން ވަށައިގެން ތިބެ ފައިން އޭނާގެ ހަށިގަނޑުގެ އެތަންމިތަނުގައި ތަޅަމުން ގެންދިޔަ އެވެ. އޭނާ ގަދައަޑުން މަންމާއޭ ބައްޕާއޭ ގޮވަމުން ގެންދިޔަ އެވެ. ތަޅައި އަނިޔާނުކުރުމަށް އާދޭސް ކުރަމުން ގެންދިޔަ އެވެ. އެހެންނަމަވެސް ސިފައިންގެ ހަރަކާތް ހުއްޓާލީ އޭނާގެ ހަޅޭކުގެ އަޑުކެނޑުމުންނެވެ. އެމީހުންގެ ކޮނޑުމައްޗަށް އޭނާ ނަގައިގެން ގެންދިޔަ މަންޒަރު ޖަލު ގޮޅިތަކުގައި ތިބި މީހުންނަށް ފެންނާނެ އެވެ.

ވިދިގެން އައި ދުވަހު ރަޝީދު އޮތީ ޖަލު އޮފީސް ކުރިމަތީގައި އަނދަގޮނޑީގައި ބާއްވާފަ އެވެ. އެ އަނދަގޮނޑީގައި ފައިވެއްދުމަށް ހުރި ލޯވަޅު ރަޝީދުގެ ފަޔަށްވުރެ ހިމަ އެވެ. އެހެން ނަމަވެސް ދަތިއަޅުވައި ބާރުކޮށްފައި އޮތުމުން އޭނާގެ ފައިގެ މަސްގަނޑުން ބައެއް ޗަސްވެ، އެ ލޯވަޅަށް ފައި ހެޔޮވަރުވެފައި އޮތްއިރު އޮހޮރުނު ލެއިން ފައިއޮތީ ތަތްތެޅިފަ އެވެ.

ސިފައިން ކުރި އަނިޔާތަކަށް ފަރުވާއެއް ނުލިބިއޮވެ، 1968 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހީރާ ރަޝީދު ނިޔާވީ އެވެ. ގޮޅީގައި ތިބި މީހުންގެ ރުއިމުގެ އަޑާއި ތަކުބީރުގެ އަޑަށް ސިފައިން އައިސް ބެލިއިރު ހީރާ ރަޝީދު ނިޔާވެފައި އޮތްތަން ފެނުމުން އޭނާ އޮތް އަށިގަނޑާއެކު ގޮޅިން ބޭރަށް ނެރެގެން ގެންދިޔައީ އެވެ. ނަގައިގެން ދަމުން 'ހީރާލާލް މަރުވިއްޔޭ' އަންބާއެއްހެން ކިޔައި މަޖާނަގައި އުޅުނުތަން ދުށްކަމަށް ސިއްކަ މުހައްމަދު ނަސީމު ލިޔުއްވާފައި އޮވެ އެވެ.

މާލޭގެ ރައްޔިތުން ދިރިއުޅެން ވިލިމާލެ އާބާދުކުރަން ފެށީ 1990 ގެ ކުރީކޮޅުގައި. -- ފޮޓޯ: އަދަދު


ޖަލުގައި އަހަރެއްހައި ދުވަސް ކޮށްފައި ސިއްކަގޭ މުހައްމަދު ނަސީމު މިނިވަންވިފަހުން އޭރު ޖަލުގެ އިސް ބޭފުޅަކު ނަސީމުއާ ބައްދަލުކުރައްވައި މައާފަށް އެދިވަޑައިގަތެވެ. ނަސީމުގެ ޖަވާބަކަށްވީ ޖަލަށް ލުމަކީ ސަރުކާރުގެ ނިންމުމެއް ނޫންހޭ އެކަމުގައި ތިޔަ ބޭކަލަކު އެދިވަޑައިގަންނަވަންޖެހޭ މައާފެއް ނޯންނާނެޔޭ އެވެ. އެ ބޭކަލަކު ވިދާޅުވި އެވެ. ސަރުކާރުގެ ނިންމުމަކީ ޖަލަށްލުމެވެ. ޖަލުގައި އަނިޔާކުރުމެއް ނޫނެވެ. ނަސީމު މޫދަށް ލައި ސައުވީސް ގަޑިއިރު ވަންދެން މޫދުގައި ބޭއްވުމަށް އަދި އެ ނޫނަސް ކުޅަ އެފަދަ އަނިޔާތަކާއި ހޭރުވުންތަކަކީ ސަރުކާރުގެ އެންގުމެއް ނޫނެވެ. ނަސީމު އޭނާއަށް ހިތުގެ އަޑީން މައާފުކުރައްވި ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މައްސަލަ ތަހުގީގުކުރިއިރު، ޖަލު ތަޖުރިބާ ހުރި މީހުން ބަޔާންދޭ އަޑުއިއްވާން އޭރު ޖަލުގެ ކަންކަމާބެހޭ އެންމެ އިސްވެރިޔަކަށް ހުރި ބޭފުޅާވެސް ހާޒިރުކުރެވިފައި ވެއެވެ. ބޭނުމަކީ އޭނާގެ ލާއިންސާނީ ކަމުގެ ވާހަކަ ދައްކާ އަޑު އޭނާއަށް އިއްވައި، އޭނާ ލަދުގެންނެވުމާއި، ގެނެވޭ މީހުންނަށް އޭނާއަށް ބަވާލުމަށް ފުރުސަތު ދިނުމެވެ. ނަސީމު ހިޔާރު ކުރެއްވީ އޭނާއާ ދިމާލަށް އެއްވެސް އެއްޗެއް ވިދާޅުނުވުމަށެވެ. ދުނިޔެ ހިނގަނީ ތޮށަލިދުޅައަށްކަން ސާބިތުވީ ދުވަހެއްކަމުގެ އިހުސާސު ފިޔަވައި އެހެން ހިޔާލެއް ހިތްމައްޗަށް ނުގެނައީ އޭނާއާމެދު ބާއްވަންޖެހޭ ހަސަދައެއް ރުޅިވެރިކަމެއް ނެތްކަމުގެ މައްޗަށް އަމިއްލަ ހިތް ހަމަޖައްސާލުމަށެވެ.

އެ ޒަމާނުގައި ވިލިނގިލީ ޖަލުގެ އަނިޔާ ތަޖުރިބާ ކުރި މީހުން އަދިވެސް ދުނިޔޭގައި އެބަ ތިއްބެވެ. އެ މީހުންނަށް އޭރު އަނިޔާކުރި މީހުންނާމެދު އެމީހުންގެ ހިތް ސާފުވެފައިވާނޭ ބާވަ އެވެ. އެ އަނިޔާވެރިކަމުގެ އިސްވެރިންނަށް މީހަކު ތައުރީފުކުރާ އަޑުއިވުނީމާ އަނިޔާ ލިބުނު މީހުންގެ ހިތުގައި ހިނގާނީ ކޮންކަހަލަ އިހުސާސެއް ބާވައޭ ހިތަށް އަރަ އެވެ.

އެދުވަސް މާޒީވެއްޖެ އެވެ. މިހާރު ރާއްޖޭގެ ޖަލުތަކުގައި އެފަދަ އަނިޔާއެއް ނުކުރާކަން ހަމަ ކަށަވެރެވެ. ތާރީހުގެ އެ އަނދިރި ސަފުހާއިން އަޅުގަނޑުމެންނަށް އަރައިގަނެވިއްޖެ އެވެ. އެއީ ދިވެހިރާއްޖޭގައި އަލުން އިއާދަވުމުގެ ފުރުސަތުވެސް އޮތް ސަފުހާއެއް ނޫނެވެ.

މައުލޫމާތު؛ ސިއްކަގޭ މުހައްމަދު ނަސީމު، އަޅުގަނޑުގެ ހަނދާންތައް 1