އެއާޕޯޓު ރެޕަކު ޓޫރިސްޓުންތަކަކާއެކީ ވެލާނާ އެއާޕޯޓުގައި: ކޮވިޑަށް ފަހު ޓޫރިޒަމް ހަމައަކަށް އެޅުނު ފަހުން އެންމެ މަދުން ޓޫރިސްޓުން އަންނަ އޮފް ސީޒަނަށް ވުމުގެ ފުރުސަތު އެބައޮތް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މިދިޔަ މަހާއި މި މަހު ޓޫރިސްޓުން އަންނަ އަދަދު މަދުވަމުން އައުމާ ގުޅިގެން މި އޮފް ސީޒަނަކީ ކޮވިޑަށް ފަހު އެންމެ މަދުން ޓޫރިސްޓުން އަންނަ އޮފް ސީޒަނަށް ވެދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި އީދު ބަންދުގެ ކުރިއަށް މި މަހުގެ ތެރޭގައި 40،153 ޓޫރިސްޓުން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރަށް ވުރެ ވެސް ދަށް އަދަދެކެވެ.
ތަފާސްހިސާބުތަކުން ފާހަގަވީ އަނެއް ކަމަކީ، މިހާރު ދުވާލަކު ޓޫރިސްޓުން އަންނަ އަދަދު ހުރީ މި އަހަރުގެ ތެރޭގައި ނުވެއްޓޭ ވަރަށް ވެއްޓިފައިވާ ކަމެވެ. މިއާ ގުޅިގެން މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދަށް ވުރެ ވެސް، މި މަހު އަންނާނެ ޓޫރިސްޓުންގެ އަދަދު މަދު ވުމުގެ ފުރުސަތު އެބައޮތެވެ.
މިދިޔަ މަހަކީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް އެންމެ މަދުން ޓޫރިސްޓުން އައި މަހެވެ.
މިހާރު ޓޫރިސްޓުން އަންނަ އަދަދު މަދު ނަމަވެސް، މި އަހަރުގެ ކުރީކޮޅު ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައުމާ ގުޅިގެން އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ކުރީ އަހަރުތަކަށް ވުރެ އިތުރެވެ. މިއާއެކީ، އެންމެ އަވަހަށް އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރާނެ އަހަރަކީ ވެސް މިއީ ކަމަށް ބެލެވެ އެވެ.
އެންމެ ފަހުން އާންމުކޮށްފައިވާ ރެކޯޑުތަކުގައިވާ ތާރީހާ ހަމައަށް 932،398 ޓޫރިސްޓުން ޒިޔާރާތްކޮށްފައިވާއިރު، އަންނަ މަހުގެ ތެރޭގައި އެއް މިލިއަން ޓޫރިސްޓުންގެ އަމާޒާ ހަމައަށް ވާސިލުވެވޭނެ ކަމަށް، އަހަރުގެ މިހާތަނަށް ދުވާލަކު އައި ޓޫރިސްޓުންގެ ނިސްބަތުން ހިސާބުކުރުމުން ދަައްކަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment