19 ޖޫން 2024 - 11:09 0
19 ޖޫން 2024 - 11:09 0
ސްޓުޓްގާޓް (ޖޫން 19) - ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަނު ބަލިކުރަން ހަންގޭރީ އަށް ބޭނުންވަނީ ހުރިހާ ކަމެއް ފުރިހަމަ މެޗެއް ކަމަށް އެ ޓީމާ ހަވާލުވެހުރި އިޓަލީގެ ކޯޗު، މާކޯ ރޮސީ ބުނެފި އެވެ.
ހަންގޭރީ ވަނީ ފުރަތަމަ މެޗުން 3-1 އިން ސްވިޒަލެންޑް އަތުން ބަލިވެފަަ އެވެ. އެ މެޗަށް ފަހު، ހަންގޭރީގެ ކޯޗު ރޮސީ ބުނީ، އެ މެޗުގައި އެ ދިޔަ ގޮތަށް ކަންކަން ގޮސްގެން، ޖަރުމަނު ބަލިކުރުމަކީ ނުކުރެވޭނެ ކަމެއް ކަމަށެވެ. އެކަމަކު، ޖަރުމަނުގެ މެޗުގެ ކުރިން، ރޮސީ ބުނީ، ހަންގޭރީ އަށް ޖަރުމަނު ބަލިކުރަން ކިރިޔާ ވެސް ފުރުސަތެއް އޮތީ، ހުރިހާ ކަމެއް ރަނގަޅަށް ފުރިހަމަ އަށް ކޮށްގެން ކަމަށެވެ.
"ކުރެވުނު ހުރިހާ ކަމެއް ކޮށްގެން، ކޮންމެ ބޯޅަ އަކަށް ފައިޓްކުރަންވީ، ސަމާލުކަން ދޭން ޖެހޭ ހުރިހާ ކަމަކަށް ބަލަންވީ، މި ހުރިހާ ކަމެއް ރަނގަޅަށް ކޮށް، ފުރިހަމަ މެޗެއް ނިންމާލެވިގެން ނޫނީ ޖަރުމަނު ބަލިނުކުރެވޭނެ،" ރޮސީ ބުންޏެވެ.
އޭނާ ބުނީ މި ދެކެނީ ހާސިލްނުކުރެވޭނެ ހުވަފެނެއް ނޫން ކަމަށާއި ފުޓްބޯޅައިގެ ވިސްނުމުގައި ރާވައިގެން ކަންތައްތަކެއް ކޮށްގެން ކުރެވިދާނެ ކަމެއްގެ އުންމީދުގައި ކުރާ މަސައްކަތްތަކެއްގެ ވާހަކަ ކަމަށެވެ.
ރޮސީ ބުނީ މި ވަގުތަށް ބަލާއިރު ޖަރުމަނަކީ މުޅި މުބާރާތުގައި ވެސް އިދިކޮޅަށް ކުޅެން އެންމެ އުނދަގޫވާނެ ޓީމު ކަމަށެވެ. ހަންގޭރީ އަށް ވުރެ ހުރިހާ ގޮތަކުން ބެލިޔަސް ޖަރުމަނަކީ މޮޅު ޓީމެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު ފުޓްބޯޅަ މެޗެއްގައި އޮންނާނީ ދަނޑުމަތީގައި ކުރާ މަސައްކަތް ކަމަށް ރޮސީ ބުނެފައިވެ އެވެ.
ޖަރުމަނުން އެންމެ ފަހުން ހަންގޭރީއާ ދެކޮޅަށް އަމިއްލަ ގަައުމުގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.
ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުތަކުން ޖަރުމަނު 13 މެޗުން މޮޅުވެފައިވާއިރު، 12 މެޗުން ބަލިވެ، 12 މެޗުން ވަނީ އެއްވަރުވެފަ އެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނީ 2022 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގުގަ އެވެ. ޖަރުމަނުގައި ކުޅުނު އެ މެޗުން ހަންގޭރީ މޮޅުވީ 1-0 އިންނެވެ.
އެންމެ ފަހުން ބޭއްވި ޔޫރޯގައި، ޖަރުމަނާއި ހަންގޭރީ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މިރޭ މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ 9 ޖަހާއިރު އެެވެ.
Comment