Advertisement

ސައިކުރާ ނައީމްގެ ހިދުމަތަށް ދިވެހި ދައުލަތުން ދެއްކި އަގަކީ ކުށްވެރިއެއްގެ ގޮތުގައި އަރުވާލުން!

25 ޖޫން 2024 - 07:10 4

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ސައިކުރާ ނައީމްގެ ހިދުމަތަށް ދިވެހި ދައުލަތުން ދެއްކި އަގަކީ ކުށްވެރިއެއްގެ ގޮތުގައި އަރުވާލުން!

25 ޖޫން 2024 - 07:10 4

ސައިކުރާ ނައީމު އޭ ބުނީމާ މިއަދުގެ އެންމެ ޒުވާން ޖީލުގައި ހިމެނޭ ޒުވާނުންގެ ހިތުގައި ކުރެހޭނީ ކޮންކަހަލަ ތަސްވީރެއް ކަމެއް ނޭނގެ އެވެ. އެއީ ކާކުކަން އެނގޭނޭ ބާވަ އެވެ. އެނގޭ ނަމަ، އެއީ މަޝްހޫރު 'ޔަމަނުގެ މައުސޫމާ' މި ޅެމާއި މިފަދަ ރީތި އެތައް ޅެމެއްގެ ޝާއިރު ކަން ނޫން އިތުރު އެއްޗެއް އެނގޭނެ ބާވަ އެވެ. 'މަންމަ' ވާހަކައާއި، 'އެގަތުލުގެ ސިއްރު' އަދި 'އިންތިޒާރު' ފަދަ ނާވިލުތަކުގެ މުސައްނިފުކަން އެނގޭނީވެސް ބައެއް މީހުންނަށެވެ. މި ހިދުމަތްތެރި ޝަހުސިއްޔަތާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފަހުގެ ޖީލުތަކަށް ނޭނގޭނަމަ އެއީ އަޅުގަނޑުމެންގެ ގައުމަށް ހިދުމަތްކުރެއްވި ބޭފުޅުންނާމެދު ވެވިފައިވާ އިހުމާލުތަކަށް އިތުރުވާ ބޮޅަކަށް މެނުވީ ނުވާނެ އެވެ.

ނައީމުއާ ގުޅޭ ދެތިން ވާހަކައެއް ލިޔާން ކަމަށް ހިތައި މި ފަށައިގަތީ ހޮޅުދޫގޭ އާއިލާގައި ތިބި އަޅުގަނޑުގެ އެކުވެރިންގެ އިޒުނައެއް ނެތި އެވެ. އެހުމެއް ކެހުމެއްވެސް ނެތި އެވެ. އިޒުނައެއް ހޯދާން ނުވިސްނީ ނައީމުގެ ދިރިއުޅުއްވުމުގައި ކުރައްވާފައިވާ ގިނަގުނަ ހިދުމަތްތަކާއިއެކު އޭނާގެ ވާހަކަ، އޭނާއާއި އޭނާގެ އާއިލާގެވެސް ބާރުން ވީއްލި، އެއީ މިހާރު ގައުމީ ތަރިކައަކަށް ވެފައިވާކަމަށް އަޅުގަނޑަށް ފެންނާތީ އެވެ. އަމިއްލަ ދިރިއުޅުއްވުމުގައި، ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭއިންސާފުތަކާމެދު ހިމޭނުން ހުންނެވުމަކީ ނައީމުގެ ހަޔާތުގައި ނިންމެވި އެންމެ އުނދަގޫފުޅު ނިންމުމަށް ވާނެ އެވެ. އެކަންކަމުން އަޅުގަނޑުމެންގެ ޖީލަށް ފިލާވަޅެއް ދަސްކުރެވޭނީ ނައީމުގެ ހަޔާތުގެ ސަފުހާތައް ކިޔައި ބަލައިގެންނެވެ.

އަޅުގަނޑަށް ސައިކުރާ ނައީމުއާ ބައްދަލުވުމުގެ ނަސީބު ލިބުނީ 2007 ވަނަ އަހަރު އެވެ. އެކަމަކު އޭގެ ދެތިން އަހަރެއް ކުރިން އަޅުގަނޑު އޭނާ ދަންނަން ފަށައިފީމެވެ. އޭނާގެ ޅެންވެރިކަމާއި، ގައުމީ ހިދުމަތުގެ ތެރެއިންނެވެ. އެ މައުލޫމާތުތައް އަޅުގަނޑަށް ފުރަތަމަ ލިބުނީ އޭނާ ލިޔުއްވި 'ރަތްވިލާ' ފޮތުންނެވެ. އަޅުގަނޑުގެ އުފަން ރަށުގައި ދިރިއުޅުނުއިރު އަޅުގަނޑަށް ލިބުނު އެފޮތުގެ ނަކަލު އޮތީ ވަރަށް ބޮޑަށް ވީދި ހަލާކުވެފަ އެވެ. ދިނީ ކާކު ކަމެއް ހަނދާނެއް ނެތެވެ. ވީދިފައިވާ ބައެއް ސަފުހާތަކުގައި ޓޭޕު އަޅަން ކޮށްފައިވާ މަސައްކަތުގެ ސަބަބުން އެންމެ ރީތި ޅެމުގެ ބައެއް ބައިތުތައް ނުވެސް ފެނެ އެވެ. އޭރު އެ ފޮތް އަޅުގަނޑަށް ކިޔެނީ މަދެއްކޮށެއް ނޫނެވެ. މައުސޫމު ހިތުގައި އިޝްގު ހެން ވީހާ އޮއިވަރެއްވެސް ހިނގަމުން ދިޔަ ދުވަސްވަރަކަށް ވީމާވެސް ތޯއްޗެކެވެ. ފޮތުގައި ހުރި ގިނަ ޅެންތައް އަޅުގަނޑު ހިތު ދަހެވެ. ޔަމަނުގެ މައުސޫމާ އެކީއެކަށް ދަސްކުރެވުނެވެ. މިހާރުވެސް ރަނގަޅު ވަގުތެއްގައި ލޯމަރައިގެން އިނދެ ފަށައިފިނަމަ ހުއްޓާނުލައި ގިނަ ބައިތުތައް ކިޔާލެވޭނެ އެވެ.

އަޅުގަނޑަށް މާލެ އާދެވުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސައިކުރާ ނައީމުއާ ބައްދަލުކުރެވޭތޯ މަސައްކަތް ފަށައިފީމެވެ. އެއާ އެކުއެކީހެން އޭނާގެ 'ރަތްވިލާ' ފޮތް ގަންނަން ލިބޭތޯވެސް ބެލީމެވެ. މާލޭގެ ފޮތް ފިހާރައަކުން އެ ފޮތެއް ނުފެނުނެވެ. ނައީމުއާ ބައްދަލުކުރުމަށް ކުރަންޖެހުނު ބުރަ މަސައްކަތުގައި އަޅުގަނޑަށް އެހީތެރިވެދިނީ ކޮލަމާފުށީ ދާހަދާގޭ އިބްރާހީމް ޒަކީ އެވެ. އެކި ގޮތްގޮތުން އެކި މީހުންނަށް ގުޅައިގެން، ނައީމު ދިރިއުޅުއްވާ ގޭގައި ހުރި ފޯނަކަށް ގުޅޭ ގޮތް ވެއްޖެ އެވެ. ވާހަކަ ދެއްކެވީ ވަރަށް ލަސްލަހުން، މަޑުމައިތިރި ކޮށެވެ. ބައްދަލުކުރަން އެދޭ ވާހަކަ ދެންނެވުމުން ވިދާޅުވީ މާދަމާ މެންދުރު ފަހު 1:30 އަށް ރައީސް އޮފީސް ކުރިމައްޗަށް އައުމަށެވެ. އެ ވަގުތަށް 'ރަތްވިލާ' ފޮތުގެ ކޮޕީއެއްވެސް ތައްޔާރުކޮށްފައި ބާއްވަވާނޭކަމަށް ވިދާޅުވި އެވެ.

ވިދާޅުވި ގަޑީގެ 10 މިނެޓު ކުރިން އަޅުގަނޑު ރައީސް އޮފީސް ކުރިމައްޗަށް ގޮސް، ހުރަވީ ބިލްޑިންގގެ ބޭރު ފާރުގައި އެއްފައި ވިއްދައި އަޅުގަނޑުގެ ހަށިގަނޑުގެ ބަރު އެފާރަށް ދީގެން ހުރީމެވެ. ބައްދަލުކުރަން ކީ ވަގުތު ޖެހުނުއިރު ރައީސް އޮފީހުގެ ދޮރުން އެ ނިކުމެވަޑައިގަންނަވަނީ ސައިކުރާ ނައީމު އެވެ. އެއީވެސް އާދަޔާ ހިލާފު ކަމެކެވެ. އަޅުގަނޑު އެތަނަށް ގޮސް އިތުރު މީހަކަށް އިޝާރާތެއް ކުރާކަށް ނުޖެހެ އެވެ. މަޑުކުރާކަށްވެސް ނުޖެހެ އެވެ. ހަމަޖެހުނު ގަޑިއަށް ނައީމު ނުކުމެވަޑައިގަތީ އެވެ. ދެފަރާތް ހޯއްދަވަން ފެއްޓެވުމުން އެ ނުކުމެވަޑައިގަތީ އަޅުގަނޑާ ބައްދަލުކުރުމަށްކަން ޔަގީންވި އެވެ. އަޅުގަނޑު އަތުން ހަނާއަޅާލުމުން މަގުހުރަސް ކުރައްވައި އަޅުގަނޑު ހުރިތަނަށް ވަޑައިގަތެވެ.

ފުރަތަމަ ވާހަކަ ދެއްކެވީ ނައީމު އެވެ. އެއްސެވީ އަޅުގަނޑުގެ ނަމެވެ. ދެން މިފޮތް ހޯދާ ސަބަބެވެ. ދިވެހި ބަހަށާއި ޅެންވެރިކަމަށް ލޯބިކުރާތީ އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ. ދެން އަތްޕުޅުގައި އޮތް ފޮތް އަޅުގަނޑަށް ދެއްވަމުން ބަނޑޭރިގަނޑުގައި 'ހެޔޮއެދުންތަކާއެކު- ސިނަފް' މިހެން ލިޔުއްވައި ސޮއިވެސް ކުރެއްވި އެވެ. ފޮތުގެ އަގަށް 'ޕޭ ކުރަންވީ ކިހާވަރެއްތޯ' އޭ އެހުމުން ވިދާޅުވި އެވެ. 'އަސްތާ! ތިޔަ ޖުމުލަ ތިޔަވީ ދެކޮޅު ދެކުލަ ބޭސްގުޅައަކަށް ނޫންހެއްޔެވެ.' އެ ވިދާޅުވީ ދިވެއްސާއި އިނގިރޭސި މަސްހުނިކޮށްގެން އަޅުގަނޑު ބުނި ޖުމުލައަށެވެ. އަޅުގަނޑަށްވެސް އެކަން އިހުސާސުވުމުން އެ ޖުމުލަ އަލުން ބުނެލީމެވެ. އެ ފޮތަށް އަގެއް ދައްކާނެ ކަމެއް ނެތޭ ނައީމު ވިދާޅުވި އެވެ. އަދި އެވަގުތު އޮތް ބައްދަލުވުމަކަށް ވަޑައިގަންނަވަންޖެހޭތީ ފަހުން ބައްދަލުވާންވާނޭކަމަށް ވިދާޅުވެ ވަޑައިގަތީ އެވެ. އެހެންނަމަވެސް ދެވަނަ ބައްދަލުވުމެއްގެ ނަސީބު އަޅުގަނޑަކަށް ނުލިބުނެވެ.

އެ ކުރު ބައްދަލުވުމުންވެސް ނައީމުގެ ޝަހުސިއްޔަތުގެ ހަރުދަނާކަމާއި ހިތްތިރިކަމުގެ ސަބަބުން އަޅުގަނޑު އޭނާއަށް ކުރި އިހުތިރާމާއި ވީ ލޯބި އެތައް ގުނައަކުން އިތުރުވި އެވެ. ނައީމު ދެއްވި ފޮތް އަދިވެސް އަޅުގަނޑުގެ ހަޒާނާގައި އެބައޮތެވެ.

އަޅުގަނޑަށް ނައީމުއާ ބައްދަލުވިއިރު، މާކުރިން ނައީމު ސިޔާސީ މައްސަލައެއްގައި ކުށްވެރިވެ، އަރުވާލެވުނުކަމުގެ މައުލޫމާތު އޮތީ ލިބިފަ އެވެ. ސިޔާސީ ވާހަކަތަކެއް ދެކެވުނު މަޖިލީހަކަށް އަޅުގަނޑުގެ ކަންފަތް ދީގެން އިންދައި އެ އަޑުވެސް އިވުނީ އެވެ. ދެކެވެމުންދިޔައީ ރައީސް މައުމޫނުގެ ވެރިކަމުގައި އެކި މީހުންނަށް ކުރި ކަމަށްބުނާ އަނިޔާތަކުގެ ވާހަކަ އެވެ. އަޅުގަނޑު ހިތައިގެން ހުރީ އެ ވާހަކަވެސް ނައީމުއާ ދައްކާލައި އެ މައުލޫމާތުވެސް ލިބިގަންނާށެވެ. އެއީ ފޮތަކުން ކިޔާލަން ލިބޭނޭ ވާހަކައަކަށް ނުވާތީ އެވެ. އެހެންނަމަވެސް އެ ދުވަހު އެ ވާހަކަ ނޭހުނުކަން އެއީ ވަރަށް ބޮޑު ނަސީބެކޭ ފަހުން ހިތަށް އެރި އެވެ. ނައީމު އަޅުގަނޑަކާ އެ ވާހަކައެއް ނުދެއްކެވީހެވެ. ކުޑަކުޑަ ކުއްޖަކަށް ނައީމުގެ ހަޔާތްޕުޅުގެ އެންމެ ހިތި ސަފުހާތައް ހުޅުއްވައެއް ނުދެއްވާނެ އެވެ. މިކަން ކަށަވަރުވީ މާ ފަހުން ލިބުނު މައުލޫމާތުތަކުންނެވެ.

"ނައީމުއެވެ. ތިޔައީ އާދައިގެ ދިވެއްސެއް ނޫނެވެ. ގަލަމާ ފޮތާ ހިފައިގެން މަސައްކަތުގައި އުޅޭތާ ބައިގަރުނަށްވުރެ މާ ގިނަވެއްޖެ އެވެ. އެ ދިގު މުއްދަތުގައި ގައުމުގެ ހާލުގެ ދުލުން ދެއްކި ވާހަކަތައް ވާނީ އަޑުއަހާފަ އެވެ. ދިމާވި ނިކަމެތި ހާލަތާ ގުޅިގެން ރުއިރުއިންތައް ވާނީ އަޑުއަހާފަ އެވެ. އަދި ދިމާވި އުފާވެރިކަމުގައި ހޭންފެށި ގޮތަށް ގަދަ ހުނުމުގައި އެ ހުނުން ހުއްޓާނުލެވިގެން އުޅުނުތަން ވެސް ވާނީ ދެކެފަ އެވެ. ގައުމެއްގެ ފެންވަރުގައި ނުފޯރާފޮތިން ފޫގެޅޭތޯއާއި ވީދުނު ފޭރާމުން އޮރިޔާން ނިވާނުވެގެން އުޅުނުއުޅުންވެސް ވާނީ ނައީމު ހަމަ ރަނގަޅަށް ދެކެފަ އެވެ. ނައީމު އެވެ. އަހަރުމެން މިތިބީ ދުވަސްވެ މުސްކުޅިވެފަ އެވެ. އިސާހިތަކު ދުނިޔެއާ އާއިލާއާ ވަކިވެ އެހެން ދުނިޔެއަކަށް ދަތުރުކުރަންޖެހިދާނެ އެވެ. އުޖާލާވެ ދުވަހުން ދުވަހަށް އަލިވަމުން އަންނަ އަހަރުމެންގެ ދަރިވަރުންގެ ދުނިޔެއަށް އަހަރުމެން ދުވަސްވީ މީހުންގެ ވާހަކަތައް ކިޔައިދޭންޖެހެ އެވެ. ލިޔެދޭންޖެހެ އެވެ. އަހަރުމެން ދުށްތަން މިހާރުގެ ކުދިންނަކަށް ނުފެންނާނެ އެވެ. އެ ވާހަކަތައް ކިޔައިދިނީމާ، ލިޔުނީމާ ލިބޭނީ ބޮޑު ހައިރާންކަމެކެވެ. ވީމާ.... އަޅެ ލިޔެލަމާ ހެއްޔެވެ؟ ޖުމުލައިގެ އެއްބައި ނުނިމި އުޅެނިކޮށް ނޫނެކޭ ބުނާގޮތަށް ބޯހަލުވާލާފައި، ހިތި، ހަމަ ވަރަށް ހިތި ކުޑަ ހިނިތުންވުމަކާއެކު ބުނަނީ އެވެ. "ނޫނެކެވެ. ތިޔަކަމެއް ނުވާނެ އެވެ." ބުނެފައި ދެން އެވާހަކަ ނުވެސް ދެއްކީ އެވެ."

މިއީ ވާރޭވިލާ އަލީ ހުސައިންއާއި، ސައިކުރާ ނައީމުއާ ދެމެދު މި މައުލޫގައި ދެކެވުނު ވާހަކަ އަލީ ހުސައިން ސިފަ ކުރައްވާފައިވާ ގޮތެވެ. ވީއިރު، އަޅުގަނޑު ކަހަލަ ކުޑަކުޑަ މީހަކަށް އޮންނާނީ ކޮން ފުރުސަތެއް ހެއްޔެވެ؟

ފަސްދޮޅަހުގެ އަހަރުތަކާއި ހަތްދިހައިގެ ކުރީކޮޅުގައި ނައީމުގެ ހަޔާތްޕުޅަކީ ހިނދުކޮޅަކަށްވެސް ހުއްޓުމެއް މަޑުޖެހުމެއް ނެތް ހަލި ހަޔާތްޕުޅެކެވެ. އެއީ އަބަދުވެސް ބިޒީ ބޭފުޅެކެވެ. ރާއްޖޭގައި ނުކުންނަ ދުވަހު ނޫސްތަކުގެ އެޑިޓަރުކަން ކުރައްވަމުން އެ ނޫހުގެ ސަފުހާތައް ފުރުއްވުމަށް އެކި މައުލޫތަކަށް ލިޔުއްވަ އެވެ. ހަބަރު ހޯއްދެވުމަށް ހާދިސާ ހިނގިތަނަށް ވަޑައިގެން މީހުންނާ އިންޓަވިއު ކުރައްވަ އެވެ. ސްޓޭޖް ޝޯއެއް އޮންނަނަމަ އެ ޝޯ ހުށަހަޅުއްވައި ދެއްވަ އެވެ. ޖަލްސާއެއް އޮންނަނަމަ އެއީ އެ ޖަލްސާގެ ޖަލީސެކެވެ. ކުޅިވަރެއް ކުޅޭނަމަ އެއީ ކޮމެންޓޭޓަރެވެ. ޅެން ހައްދަވައި ކުރު ވާހަކަ ލިޔުއްވައި، އެތައް ނާވިލެއް ލިޔުއްވި އެވެ. މި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދެވީ ބޮޑުވަޒީރުގެ އޮފީސްކޮޅާއި، ފަހުން ރައީސް އޮފީސްކޮޅުގައި ކުރައްވަމުން ގެންދެވި ރަސްމީ މަސައްކަތްޕުޅުތަކުގެ އިތުރުންނެވެ. މި ޒަމާނުގައި މިފަދަ މަސައްކަތެރި މުރާލި މީހަކު ދައްކައިފިނަމަ...... އެފަދަ މީހަކު މި ރާއްޖެއަކު ނެތްކަން ހަމަ ޔަގީނެވެ.

ލިޔުންތެރިއެއްގެ ހައިސިއްޔަތުން ނައީމު ވަނީ ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވުމުގެ މަސައްކަތުގައިވެސް ބައިވެރިވެވަޑައިގެންފަ އެވެ. އެ މަސައްކަތުގެ އެންމެ މުހިންމު އެއް ބަޔަކަށްވީ، އިނގިރޭސިން ބޭރުކުރުމާމެދު ދިވެހިންގެ ހިތްހަލާލު ހޯދުމެވެ. އެ ކަމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރީ ނައީމުގެ ލިޔުއްވުންތަކެވެ. މިކަމާ އިނގިރޭސީން ވެސް ނައީމުއާމެދު ހިތްހަމައެއް ނުޖެހެ އެވެ. އެހެންވެ، ދޫނިދޫގައި ބާއްވާ ހަފުލާތަކަށްވެސް ނައީމުއަށް ދައުވަތު ދިނުން ހުއްޓާލި އެވެ.

އެއްފަހަރަކު ރަސްމީ އިހުތިފާލަކަށް ދައުވަތު ލިބިވަޑައިނުގަތުމުން ނައީމު ހެއްދެވި ގޮތަކީ، މާލެއިން ފުރަން އޮތް އުޅަނދު ކައިރިއަށް ގޮސް މީހުން ގެންދިއުމުގެ އިންތިޒާމު އޮތްގޮތް ފުރަތަމަ ބައްލަވައި ވިލަރެސް ކުރެއްވީ އެވެ. ސަފަކަށް އެތުރިގެން ތިބި މީހުން ލޯންޗަށް އަރަނީ އެމީހެއްގެ ނަން ގޮވާލީމަ އެވެ. ލޯންޗަށް އަރުވާއިރު އެމީހެއްގެ އައިޑީކާޑު ބަލައި ކާކުތޯ ކަށަވަރެއް ނުކުރެ އެވެ. މިކަން ފާހަގަވުމުން ނައީމު ހެއްދެވިގޮތަކީ، އެތަނަށް ގޮސް ހުރި އަންހެން ބޭފުޅެއްގެ އިޒުނައާއެކު، އޭނާގެ 'މިސްޓަރު' ކަމަށް ދައްކައިގެން ލޯންޗަށް އަރުއްވައި ދޫނިދޫއަށްވެސް ވަޑައިގަތީ އެވެ. ދޫނިދޫގައި ހުރި އިނގިރޭސީންގެ ސަފީރު، މިސްޓަރ އާރތިންޓަންޑޭވީއަށް ނައީމު ފެނިގެން އޭނާއަށް ދައުވަތު ލިބުނު ގޮތެއް ބަލަން ކުޑަވަރެއްގެ ތަހުގީގެއްވެސް ފަހުން ހިންގި އެވެ.

މިކަހަލަ ހަލަބޮލި، ހަރަކާތްތެރި ދިރިއުޅުއްވުމެއް އުޅުއްވަމުން ގެންދަވަނިކޮށް ރާއްޖޭގެ ސިޔާސީ ޖައްވަށް ބޮޑު ބަދަލެއް އައެވެ. ރައީސް ނާސިރު ވެރިކަން ދޫކޮށްލެއްވީ އެވެ. ރައީސް މައުމޫނު ވެރިކަމާ ހަވާލުވެވަޑަތްތާ ގާތްގަނޑަކަށް އެއް މަސް ދުވަސް ވާން އުޅެނިކޮށް، ޑިސެމްބަރު 7، 1978 ގައި ނާސިރު ސިންގަޕޫރަށް ދިރިއުޅުން ބަދަލުކުރެއްވީ އެވެ. އޭނާގެ އަރިހުގައި، އެ ދަތުރުފުޅުގައި ނައީމުވެސް ގެންދެވި އެވެ. ނައީމުގެ ބޭނުންފުޅަކަށްވީ ކުޑަ ޗުއްޓީއެއް ހޯދާލުމާއި، ކޮންމެވެސް ވަރަކަށް ބޭސްފަރުވާގެ ކަންކަންވެސް ކޮށްލުމެވެ. އޭރު ނައީމުގެ އެންމެ ބޮޑު މަސައްކަތަށް އޮތީ މޫންލައިޓު ނޫހުގެ އެޑިޓަރު ކަމެވެ.

ނައީމު އެނބުރި މާލެވަޑައިގަތީ އޭގެ ދެމަހެއްހައި ދުވަސް ފަހުންނެވެ. އޭރު ރާއްޖޭގައި އުފެދިފައި އޮތީ ކުރީގެ ރައީސާއި، އޭރުގެ ސަރުކާރުގެ ވެރިންނާ އިދިކޮޅު ރޫހެކެވެ. އެ އަލިފާންގަނޑު ރޯކޮށް އެއަށް ދަރުއަޅައި ބޮޑުކުރަމުން ގެންދިޔައީ އައު ސަރުކާރުގެ ބެލެހެއްޓުމާއި އިންތިޒާމުތަކުގެ ތެރެއިންނެވެ. މި ހައިޖާނުގެ ތެރޭގައި ނައީމު ސިންގަޕޫރުގައި ހުންނަވަނިކޮށް، ސަރުކާރުން މޫންލައިޓު ނޫސް ހުއްޓުވައިފި އެވެ. އެހެންކަމުން އެނބުރި ވަޑައިގެންނެވިއިރު ނައީމު އަދާކުރައްވާނޭ ވަޒީފާއެއް ނެތެވެ. ނައީމުގެ މުޅި އާއިލާ ބަރޯސާވެފައި އޮންނަނީ އޭނާއަށް ލިބޭ އާމްދަނީގެ މައްޗަށްކަމުން ވަޒީފާއެއް ނެތުން ވެގެން ދިޔައީ ވަރަށް ބޮޑު ކަންބޮޑުވުމަކަށެވެ. އެހެންނަމަވެސް ނައީމަކީ ނައީމެވެ. ހަލާލު މަސައްކަތުން އާމްދަނީ ހޯއްދަވަން އެނގިވަޑައިގަންނަވާނެ އެވެ. ކުރައްވާން އެނގިވަޑައިގަންނަވާ އަދި ކުރައްވާން ކެރިވަޑައިގަންނަވާ މަސައްކަތްތައް ގިނަކަމުން، މާލޭގެ ފަސްގަނޑުގައި އާމްދަނީއެއް ނުލިބި އުޅޭން ޖެހުމަކީ ނައީމުއަށް ކުރިމަތިވެދާނޭ ހާލަތެއްވެސް ނޫނެވެ.

އެހެންނަމަވެސް ނަސީބު ރާވާފައި އޮތީ އެހެން ކުޅިގަނޑެކެވެ. މާލޭގެ ފަސްގަނޑުގައި ފައި ޖެހުނުއިރު، ނައީމުއާ ހަތަރުކަޅި ހަމަކޮށްލާ ތިބީ މަދުބައެކެވެ. އެކުގައި މަސައްކަތްކުރި އެކުވެރިންނާއި، އޭރު އެންމެ ގާތުން މަސައްކަތްކުރި މީހުންވެސް ބަލަނީ ނައީމުއާ ވީހާވެސް ދުރުން އުޅެވޭތޯ އެވެ. ވެގެން އުޅޭ ގޮތެއް އެނގުނީ އޭރުގެ ވަރަށް ހާއްސަ ތަހުގީގު ކޮމިޓީއަކަށް ހާޒިރުވުމުގެ އަމުރު ލިބުމުންނެވެ.

ނައީމުއާމެދު މައިގަނޑު އެއް ތުހުމަތަކަށް އޮތީ އޮތީ ރައީސް އިބްރާހީމް ނާސިރު ކުރެއްވި ކަމަށް ތުހުމަތުކުރެވޭ ގާނޫނާ ހިލާފު ކަންކަން ސިއްރު ކުރުމެވެ. ދެވަނަ ތުހުމަތަކީ ނާސިރު އަރިހުގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި ހުންނަވައިގެން ރާއްޖޭގެ ވެރިންނާ ބެހޭ ގޮތުންނާއި، ރާއްޖޭގައި ހިނގާ ކަންކަމާ ގުޅޭގޮތުން ރާއްޖޭގެ އިދާރާތަކަށް ޝަކުވާ ލިޔުއްވުމެވެ. ތިންވަނަ ތުހުމަތަކީ ރައީސް ނާސިރުގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް، ރައްޔިތުންގެ ހާއްސަ މަޖިލީހަށް ހުށަހެޅުނު ކަންކަމަށް ވޯޓު ނުދެއްވި މެންބަރުންނަށް ފާޑުވިދާޅުވެ، އެ މެންބަރުން އެގޮތަށް ވޯޓު ދެއްވުމުގެ ކުރިން ދާއިރާގެ ރައްޔިތުންނާ މަޝްވަރާކުރެއްވިތޯ ސުވާލު އުފައްދަވައި މޫންލައިޓުގައި ލިޔުމެއް ލިޔުއްވުމެވެ. އޭރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގުމުގެ ދާއިރާގައި ކުރީގެ ރައީސަށް ދައުރެއް އޮންނާންޖެހޭނޭ ފަދަ ކަންތައްތަކެކެވެ.

މި މައްސަލަތަކުގެ ތަހުގީގަށް ބަޔާން ދެއްވުމަށް ނައީމު ހާޒިރުކުރެވުނީ ފެބުރުއަރީ 6، 1979 ދުވަހު އެވެ. އޭނާ އެ ދުވަހު ދެ ބަޔާނެއް ދެއްވި އެވެ. ފުރަތަމަ ބަޔާނުގައި އޮތީ...

"އަޅުގަނޑު އެންމެ ފަހުން ރާއްޖެއިން ބޭރުގައި ހުރިހުރުމުގައި މާލޭގެ އެއްވެސް މީހަކަށް، ސަރުކާރުގެ ވެރިންނާ ބެހޭ ގޮތުން ވިޔަސް، އަދި މާލޭގައި ހިނގާ ކަންތައްތަކާބެހޭ ގޮތުން ވިޔަސް އެއްވެސް ނޭދެވޭ ވާހަކައެއް ހަމަ އެއްގޮތަކަށްވެސް ނުލިޔަމެވެ. އައްބާސް އިބްރާހީމްއަށް ލިޔުނު ސިޓީއެއްގެ ޖަވާބު ނުލިބޭ ވާހަކަ މުލީއާގޭ ކާތިބަކަށް ލިޔުނީމެވެ. މިއީ އަޅުގަނޑު ވަރަށް ބޮޑަށް ހަނދާންކޮށްގެންވެސް މިކަން ހިތަށް ގެނެވުނު ވަރެވެ."

ދެންހުރި ތުހުމަތުތަކާ ގުޅޭގޮތުން ދެއްވީ ވަކި ބަޔާނެކެވެ. ހަމަ އެތާރީހުގަ އެވެ. އެ ބަޔާނުގައި އޮތީ...

"1. އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައިވާކަމެއް އަޅުގަނޑަށް އެނގިފައެއް ނުވެ އެވެ.

2. ރައްޔިތުންގެ ހާއްސަ މަޖިލިސްގެ ޖަލްސާ އެންމެ ފަހުން ކުރެވުނުއިރު ސަރުކާރުން ހުށަހަޅުއްވާފައިވާ ބައެއް ކަންތައްތަކަށް ވޯޓުނުދިން ބޭފުޅުންނާމެދު، އަޅުގަނޑުގެ އެޑިޓަރުކަމުގެ ދަށުން ނުކުތް 'މޫންލައިޓު' ގައި ރައްޔިތުންގެ މަޖިލިސްގެ މެންބަރުން، ނުވަތަ ރައްޔިތުންގެ ހާއްސަ މަޖިލިސްގެ މެންބަރުން ވޯޓު ދެއްވީ އެ މެންބަރުން ހޮވިފައިވާ ދާއިރާގެ މީހުންނާ މަޝްވަރާކޮށްފައިތޯ އަޅުގަނޑު ޝާއިއުކުރި އެއްޗަކީ އަޅުގަނޑު ޝާއިއުކޮށްގެންނުވާނޭ އެއްޗެއްކަން މިހާރު އަޅުގަނޑު ވިސްނާލީމާ އަޅުގަނޑަށް އެނގެ އެވެ."

ނައީމުގެ މައްޗަށް އެކި ކުށްތަކުގެ ތުހުމަތު ކުރެވި ތަހުގީގު ހިނގަމުންދިޔައިރު، އަނެއްކޮޅުން މާލެތެރެ ބޮޑު މުޒާހަރާއަކަށް ތައްޔާރުވަނީ އެވެ. ކުރީގެ ރައީސް ނާސިރާ ދެކޮޅަށެވެ. މުޒާހަރާ އިންތިޒާމު ކުރައްވަނީ ސީދާ ސަރުކާރުންނެވެ. ހަރުއަމުރުފުޅު އައިސްފައި އޮތީ 'މިރޭ މާލޭގައި ބާއްވާ މުޒާހަރާގައި އަންހެން ފިރިހެން ފައިއިނދޭފުރައިން މުޅި ރަށް ބައިވެރިވުމަށެވެ.' އަދި މިކަމަށް ނުދާ މީހުންނަކީ ކޮންބައެއްކަން ސަރުކާރުން ބައްލަވާނޭކަމަށްވެސް އޮތީ އަންގަވާފަ އެވެ.

ނައީމުއަށް ލިބިވަޑައިގެންފައިވާ ތަރުބިއްޔަތަކީ ގައުމަށް ހިދުމަތްކުޅައުމާއި ވެރިންނަށް ވަފާތެރިވުމެވެ. އޭރަކު އޮންނަ ސަރުކާރަކީ ނައީމުގެ ސަރުކާރެވެ. ވީމާ، ކުރީގެ ރައީސް ނާސިރާ ކިތަންމެ އަރިހުގައި މަސައްކަތްކުރެއްވިފައި އޮތަސް، ނައީމު ދެކެވަޑައިގެންނެވި ގޮތުގައި އޭނާ ހިދުމަތްކުރެއްވީ ސަރުކާރަށެވެ. ވަކި މީހަކަށް ނޫނެވެ. އެހެންކަމުން، ކުރީގެ ވެރިމީހާއާ ދެކޮޅަށް ކަމުގައިވިޔަސް މުޒާހަރާއަށް ނުކުތުމަށް ސަރުކާރުން އަމުރުކުރެއްވުމުން ނައީމުވެސް އެތަނަށް ވަޑައިގަތެވެ. އެއްވެފައި އޮތް މީހުންގަނޑު ތެރެއިން، ނަންހުރި ބަޔަކަށް ނައީމު ފާހަގަވެއްޖެ އެވެ. 'ކަލޭ ނާސިރު ކައިރިއަށް ވަންނަންދާށޭ' ކިޔައި ގޮވައިގަތުމާއެކު ނައީމުއާ ދިމާކޮށްގަތެވެ. އޭނާގެ މޫނުފުޅުގައި ދޫލައި، އިސްތަށިފުޅަށްކުޅުޖަހައި ކޮއްޕައި ގަޅުވައި އެތައް ކުދި އަނިޔާއެއް ކުރި އެވެ. ނައީމު ހަމަ އެއްވެސް އެއްޗެއް ވިދާޅުނުވެ އިސްދަށަށް ޖައްސަވައިގެން ހުންނަވައި އަވަހަށް އެތަނުން ނުކުމެވަޑައިގެންނެވީ އެވެ. އެއްޗެއް ވިދާޅުވެވޭކަށްވެސް ނެތެވެ. ނައީމު ހަވަރަށް ދިނުމުގައި އެންމެ އިސްކޮށް އުޅުނީ އޭނާއާއެކު މަދަރުސާގައި ކިޔަވަން އުޅުނު އެކުވެރިންނެވެ. އޭނާގެ ގާތުން ދަރިވަރުވެ، ސަރުކާރުގެ އިދާރާތަކުން ވަޒީފާ ލިބި އަރިހުގައި މަސައްކަތްކުރި މީހުންނެވެ. މިހާރު އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ލައްވާންލިބި އަރާފައިވާ ފޯރިއެއްގައި ހޭބުއްދި ފިލާފައިވީ ތޯއްޗެކެވެ.

މިކަމެއް ހިނގާފައި އޮއްވައި، ތަހުގީގު ކޮމިޓީގެ މަސައްކަތް ނިންމައި، ކުރި ޝަރީއަތެއްކޮށް، ހުކުމް އަތުވެއްޖެ އެވެ. ނައީމުއަށް ހުކުމް ކުރެވުނީ 12 މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށެވެ. ސާބިތުވީ ނައީމުގެ މައްޗަށް ކުރެވުނުނަމަ ކުރެވުނުހައި ތުހުމަތެކެވެ.

ވިސްނަވާށެވެ. ހަގީގަތުގައި 'މޫންލައިޓު' ގައި ނައީމު އެ ފާޅުކުރެއްވީ އޭނާގެ ހިޔާލުފުޅެކެވެ. ނޫސްވެރިކަމަކީ އެއީ ނޫންތޯ އެވެ. އޭނާ ކުރެއްވި ސުވާލަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި މަޖިލީހުގެ މެންބަރުން ގޮތް ނިންމެވުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯއްދެވުމުގެ މުހިންމުކަން ފާހަގަކުރައްވައި ކުރެއްވި ސުވާލެކެވެ. އެހެންނަމަވެސް އެ ސުވާލަށް ނައީމު ދައްކަވަންޖެހިވަޑައިގެންނެވީ ވަރަށްވެސް ބޮޑު އަގެކެވެ. އެއީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި 12 މަސް ދުވަހުގެ މުއްދަށް ނ.އަތޮޅު މަނަދޫއަށް އަރުވާލެވިގެން ހުންނެވުމެވެ. އޭނާގެ އެކަނި ބެލެހެއްޓުމުގެ ދަށުގައި އޮތް އާއިލާ ބިކަވާން ދޫކުރައްވައި، މާލޭގެ ފަސްގަނޑުން ފައްސާ ނަގާލެވުނީ އެވެ.

އަރުވާލެވުނު މުއްދަތު ހަމަވުމުގެ ކުރިން ނައީމުއަށް މައާފުލިބި މާލެ ގެނެވުނެވެ. އެހެންނަމަވެސް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތީ ހަމަ ކުރީގެ ބީރައްޓެހިކަމެވެ. އެންމެ ފުރަތަމަވެސް މަސައްކަތްކުރެއްވީ އޭނާ ބަލަހައްޓަންޖެހޭ އާއިލާގެ ހައްގުގައި، ވަޒީފާއެއް ލިބޭތޯ އެވެ. އެ ފުރުސަތު ފަހިކޮށްދެއްވީ ވާރޭވިލާ އަލީ ހުސައިން އެވެ. އަލީ ހުސައިންގެ ޗާޕުހާނާގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ނައީމުއަށް ދެއްވުމަކީ އަލީ ހުސައިންއަށްވެސް އެކިގޮތްގޮތުން އޭގެ ގެއްލުން ތަހައްމަލުކުރައްވަންޖެހިވަޑައިގެންނެވި ކަމެކެވެ. ސިދާގޮތުންނާއި، ނުސީދާ ގޮތުން އެތަކެއް އިންޒާރެއް އަލީ ހުސައިންއަށްވެސް ލިބިވަޑައިގަތެވެ. އެހެންނަމަވެސް އަލީ ހުސައިންއަކީ 'ފަހަތުން ހޭރޭހައި ބަޅަކަށް ނުބަލައި ކުރިއަށް ދާން' ދަސްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެހެންވިޔަސް، ނައީމުގެ ސަލާމަތަށްޓަކައި އޮފީހުގެ ހަތަރުފާރުން އެތެރެނުވެ، ނައީމުގެ އަމިއްލަ ގޭގައި މަސައްކަތް ކުރެއްވޭނޭ ގޮތް ހަމަޖައްސަވައި ދެއްވި އެވެ.

ފަހުން ސަރުކާރުން ނައީމުއަށް ވަޒީފާ ދެއްވި އެވެ. އަވަހާރަވުމާ ހަމައަށްވެސް އުޅުއްވީ ސަރުކާރަށް އެހިނދަކަށް ބޭނުންވެއްޖެ ކޮންމެ ހިދުމަތެއްގައި އެންމެ ކުރީ ސަފުގަ އެވެ. މަސައްކަތް ކުރެއްވީ، ދައުލަތުގެ ނަމުގައި އޭނާއަށް އަނިޔާވެރިވީ މީހުންނާއި، އަމިއްލަ ވަފާތެރިކަން ސާބިތުކޮށްދިނުމަށް ނައީމު ހަވަރަށް ދިނުމަށް މަސައްކަތްކޮށް އެތައް އަނިޔާއެއް ދިން މީހުންނާ އެންމެ ގާތުންނެވެ. އެހެންނަމަވެސް އެއިން ކަމަކާމެދަށް ކުޑަވިޔަސް އިޝާރާތެއް ނުކުރައްވަ އެވެ. ސަރުކާރާއި ވެރިންނަށް ހިދުމަތްކުރުމާއި ވަފާތެރިވުމުގައި ގެންގުޅުއްވީ އިހުހުރި ރޫހެވެ. ލިބިވަޑައިގެންނެވި އަނިޔާތަކާއި، ތަހައްމަލުކުރެއްވި ހިތްދަތިކަމުގެ ވާހަކަ އެއްވެސް ވަރަކަށް ނުދައްކަވަ އެވެ.

ނައީމު ކުށްވެރިކޮށް އަރުވާލިއިރު، ހަމައެކަނި ޝަރުއީ ހުކުމަކުން ފުއްދާލީކީ ނޫނެވެ. އާއިލާއާ އެކުވެރިންނާއި ބޮޑުންނާއި ޖުމުލަކޮށް މާލޭގޭ މީހުންގެ ކުރިމަތީގައި ނައީމުއަކީ ނުމީހަކަށް ހެދީ އެވެ. މާލެއިން ބޭރުކޮށްލީ މާލޭގައި އޭނާއަށް ހައްގުވާ އިހުތިރާމެއް ގަދަރެއް ނެތްކަމަށް ބޮޑުންގެ އަމަލުން ދައްކުވައިދީ، އޭނާގެ އަމިއްލަ ނަފުސަށް އޮތް އިތުބާރު ފޫއަޅުވާލައި، އޭނާގެ ޝަހުސިއްޔަތުވެސް ކަތިލައި، ނަފުސު ހަމަހިމޭން ކަމެއްގެ ތެރެއަށް ވައްޓާލާފަ އެވެ. އެތެރޭގައި ހިނގަމުންދިޔަ ހައިޖާނެއް ބޭރަށް ނުދައްކައި، އެންމެ ފަހު ދުވަހާ ހަމައަށް ނައީމު ކުޅަ ހިތްވަރު ދެއްކިދާނޭ އިތުރު މީހަކު ހުރެދާނޭ ބާއޭ ހިތަށް އަރަ އެވެ.

މިއީ ނައީމު އަމިއްލަފުޅަށް ނުދައްކަވާ، އޭނާގެ ދިރިއުޅުއްވުމުގެ ވާހަކައިން ބާބެކެވެ. ނައީމުގެ ހިދުމަތްތަކާއި އޭނާގެ ދިރިއުޅުއްވުމުން ލިބެނީ ލިޔުންތެރިކަމުގެ އުކުޅުތަކާ ގުޅޭ ފިލާވަޅެއް އެކަންޏެއް ނޫނެވެ. ޅެންވެރިކަމާއި، ލިޔުންތެރިކަމާއި، އަދަބިއްޔާތުގެ ފަންނުތަކަށްވުރެ، އޭނާގެ ކެތްތެރިކަމުގެ މަތިވެރިކަމަކީ އޭނާގެ ހަޔާތުން ދަސްކުރުން މާ އައުލާ ފިލާވަޅެކޭ ހިތަށް އަރަ އެވެ. މާތްﷲ އެ މަރުހޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި އެވެ.