17 ޖޫން 2024 - 10:20 0
17 ޖޫން 2024 - 10:20 0
ފްރޭންކްފަޓް (17 ޖޫން) - މިދިޔަ ސީޒަންގައި އަނިޔާގެ މައްސަލަތަކެއް ކުރިމަތިވިޔަސް، ބެލްޖިއަމްގެ ކެޕްޓަން، ކެވިން ޑި ބްރޭނާ މިހާރު ހުރީ ޔޫރޯ އަށް ތައްޔާރުވެފައި ކަމަށް އެ ޓީމުގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ ބުނެފި އެވެ.
ޔޫރޯގެ ގުރޫޕް އީގައި މިރޭ ސްލޮވާކިއާއާ ދެކޮޅަށް ބެލްޖިއަމް ނުކުންނާނެ އެވެ.
މި މުބާރާތުގެ ކުރިން ބެލްޖިއަަމް ކެޕްޓަން، ޑި ބްރޭނާގެ ފިޓްނަސްއާ މެދު ވަނީ ސުވާލުތައް އުފެދިފަ އެވެ.
މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ ޑި ބްރޭނާ އަށް މިދިޔަ ސީޒަންގައި ފުރަތަމަ ބައިގައި ގިނަ މެޗުތަކެއް ގެއްލުނެވެ. ކޮލިފައިންގައިވެސް އެއް މެޗު ފިޔަވައި އެހެން ހުރިހާ މެޗެއްގައި ޑި ބްރޭނާ އަށް ނުކުޅެވުނެވެ.
އެކަމަކު، ޔޫރޯ އަށް ތައްޔާރުވުމަށް މޮންޓެނީގްރޯ އާއި ލަގްޒެމްބާގްއާ ދެކޮޅަށް ބެލްޖިއަމް ކުޅުނު ދެ މެޗުގައި ޑި ބްރޭނާ ކުޅުނެވެ. މިއީ މާޗު މަހަށް ފަހު އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުތަކެވެ.
މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޓެޑެސްކޯ ބުނީ ޔޫރޯ އަށް ޑި ބްރޭނާ ތައްޔާރުވެފައިވާ ކަމަށް ޔަގީންކުރެވޭ ކަމަށެވެ.
"ޑި ބްރޭނާ މިހާރު ހުރީ ތައްޔާރަށް،" ޓެޑެސްކޯ ބުންޏެވެ.
"ޑި ބްރޭނާ ކަހަލަ ކުޅުންތެރިއެއް ނުލައި އެއް އަަހަރު ހޭދަކުރުމަކީ ފަސޭހަކަމެއް ނޫން. ގަައުމީ ޓީމުންވެސް އޭނާ ފިޓްނަސް އަށް މަސައްކަތްތަކެއްކޮށްފި. މިހާރު ޔަގީން އޭނާހުރީ މުބާރާތަށް ފިޓުކޮށް."
ބެލްޖިއަމް އިން މި އަހަރުގެ ޔޫރޯ އަށް ނުކުންނަނީ ބޮޑެތި ބަދަލުތަކާ އެކު އެވެ. ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ފަހު އެ ޓީމުގެ ކޯޗުކަމުން ރޮބާޓާ މާޓިނޭޒް ވަކިވިިއިރު، އެޑިން ހަޒާޑް ވަނީ ކުޅުން ހުއްޓާލައިފަ އެވެ.
މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޑި ބްރޭނާ ބުނީ ގަތަރު ވޯލްޑް ކަޕްގެ ވާހަކަ މިހާރު ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ބެލްޖިއަމް އޮތީ މި އަހަރުގެ ޔޫރޯ އަށް ތައްޔާރުވެގެން ކަމަށެވެ.
"ޓީމަށް ބޮޑެތި ބަދަލުތަކެއް އައިސްފި. ޕޮސިޓިވްކޮށް މުބާރާތް ފަށަންޖެހޭނީ،" ޑި ބްރޭނާ ބުންޏެވެ.
މި ފަހަރުގެ ޔޫރޯ އަށް ބެލްޖިއަމް އިން ނެގި ސްކޮޑުގައި، ޓީމުގެ އެއް ވަނަ ކީޕަރު ތިބޯ ކޯޓުއާ ނުހިމެނެ އެވެ. ކޯޓުއާ ފިޓްވީ މި ފަހަރުގެ ޔޫރޯ ފެށެން ކުޑަތަންވެފައި އޮއްވައި ކަމަށް ބުނެ، ޓެޑެސްކީ ވަނީ ކޯޓުއާ އަށް ފުރުސަތު ނުދޭން ނިންމައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑްގެ ގޯލު ބަލަހައްޓައި، ކޯޓުއާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ރޫމޭނިއާ އާއި ޔޫކްރޭން ވެސް ހިމެނޭ ގުރޫޕް އީގެ ފޭވަރިޓުންނަކީ ބެލްޖިއަމް އެވެ. މިރޭ، 9 ޖަހާއިރު، ސްލޮވާކިއާއާ ދެކޮޅަށް ނުކުންނައިރު ބެލްޖިއަމް އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމު އަތުން ބަލިވެފައިނުވުމެވެ.
Comment