16 ޖޫން 2024 - 11:29 0
16 ޖޫން 2024 - 11:29 0
ޔުއެފާ އިން އަންނަނީ 1996 ވަނަ އަހަރުން ފެށިގެން ކޮންމެ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި، ޓެކްނިކަލް އޮބްޒާވަރުންތަކެއް ނަގައި، މުބާާރާތުގެ ޓެކްނިކަލް ރިޕޯޓްތައް ތައްޔާރުކުރެ އެވެ. މިހާރު ޖަރުމަނުގައި، ކުރިއަށްދާ މި ފަހަރުގެ ޔޫރޯ އަށް ޔުއެފާ އިން ވަނީ މަޝްހޫރު ކޯޗުންތަކެއް ޓެކްނިކަލް އޮބްޒާވަރުންގެ ޓީމަށް ނަގައިފަ އެވެ.
އެންމެ ފުރަތަމަ ޔުއެފާ އިން، 1996 ވަނަ އަހަރު ނެގި ޓެކްނިކަލް އޮބްޒާވަރުންގެ ޓީމުގައި ވެސް ކޯޗުން ހިމެނުނެވެ. އެ ފަހަރު، ނެގި ކޯޗުންނަކީ، ޖެރާޑް ހޫލިއޭ، ޑެނިއަލް ޖޯންޑިޕޯ، ރައިނަސް މިޝޭލްސް، ޓޮމީ ސްވެންސަން އަދި ރޯއީ ހޮޖްސަން އެވެ.
ޔުއެފާ އިން ކޮންމެ މުބާރާތެއްގެ ވެސް ޓެކްނިކަލް އޮބްޒާވަރުން މެދުވެރިކޮށް، ރިޕޯޓްތައް ތައްޔާރުކުރާ އެންމެ ބޮޑު ބޭނުމަކީ، ޔުއެފާގެ ލައިބްރަރީގައި މި ރައްކާކުރުމެވެ. މިއީ، ފުޓްބޯޅައިގެ ތާރީހީ ކަންކަން ދިރާސާކުރާ މީހުންނާއި ކޯޗިން އަށް އަލަށް ނުކުންނަ ފަރާތްތަކަށް ފަސޭހައެއްގެ ގޮތުންނެވެ.
އެ ގޮތުން، މި ފަހަރުގެ ޔޫރޯގައި ޓެކްނިކަލް އޮބްޒާވަރުންގެ ޓީމަށް ނަގާފައިވާ ފަރާތްތަކަށް ބަލާއިރު، އިޓަލީގެ މަޝްހޫރު ކޯޗު، ފަބިއޯ ކަޕެއްލޯ، ރޮމޭނިއާގެ ކުރީގެ ކުޅުންތެރިޔާ، އިއޮއާން ލޮޕެސްކޫ، ނޮދަން އަޔަލެންޑްގެ ކޯޗު، މައިކަލް އޮނީލް، މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ހޭމް އަށް ކޯޗުކޮށްދީފައިވާ ޑޭވިޑް މޮއިސް، ކްރޮއޭޝިއާގެ ކުރީގެ ކުޅުންތެރިޔާ، އަލްޖޯސާ އަލްސަނޯވިޗް، ސްޕެއިނާއި އިނގިރޭސި ގިނަ ކްލަބްތަކަށް ކޯޗުކޮށްދިން ރަފައެލް ބެނިޓޭޒް، އިޒްރޭލަށް އުފަން ކޯޗު އަވްރަމް ގްރާންޓް، އަޔަލެންޑްގެ ކުރީގެ ކީޕަރު ޕެކީ ބޯނާ، ނެދަލެންޑްސްގެ ކުރީގެ ކުޅުންތެރިޔާ، ފްރޭންކް ޑި ބޮއާ، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު، އޮލެ ގުނަ ސޯލްޝެއާ، ރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ، އައިޓޯ ކަރަންކާ އަދި ފްރާންސްގެ ކުރީގެ ޑިފެންޑަރު، ޖިއަން ފްރަންކޮއިސް ޑޮމާގީ އެވެ.
ޔޫރޯގެ މެޗުތަކުގެ މޮޅު ކުޅުންތެރިޔާ ހޮވުމާއި މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާ ހޮވުމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެހެން އިންޑިވިޖުއަލް އެވޯޑްތައް ލިބޭ ކުޅުންތެރިން ކަނޑައަޅާނީ ވެސް ޓެކްނިކަލް އޮބްޒާވަރުންގެ ލަފަޔާ އެކު އެވެ. އަދި ޔުއެފާ އިން މުބާރާތުގެ ޑްރީމް ޓީމު ހޮވާނީ ވެސް ޓެކްނިކަލް އޮބްޒާވަރުން ދޭ މައުލޫމާތުތަކަށް ބަލައިފަ އެވެ.
ޔުއެފާ އިން 2017 ވަނަ އަހަރު ބެލްފާސްޓްގައި ބޭއްވި ކޯޗިން އެޑިއުކޭޝަން ކޮންފަރެންސްގައި ބައިވެރިވި ކޯޗުންގެ 82 ޕަސެންޓް ކޯޗުން ވަނީ ޔުއެފާގެ ޓެކްނިކަލް ރިޕޯޓްތަކުން ދަސްވި ކަންތައްތަކުގެ ފައިދާ ކުރާ ކަމަށް ބުނެފަ އެވެ.
Comment