Advertisement

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ

16 ޖޫން 2024 - 09:33 0

އެސްޓީއޯގެ ހެޑް އޮފީސް. އެ ކުންފުނީގެ މައިގަނޑު އާމްދަނީއަކީ ރާއްްޖެއަށް ތެޔޮ އެތެރެކޮށް ވިއްކުން -- ފޮޓޯ: އަދަދު ފައިލް


އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ

16 ޖޫން 2024 - 09:33 0

މިދިޔަ އަހަރަކީ ރެކޯޑު އަދަދަކަށް ފައިދާވި އަހަރެއް ކަމަށާއި އެގޮތުން ސަރުކާރުގެ ވިޔަފާރި ކުންފުނި, އެސްޓީއޯގެ ދަށުން ހިންގަމުންދާ އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީސްގައި ހިމެނޭ ހުރިހާ ކުންފުންޏެއް ހިމެނޭ ގޮތަށް ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިދިޔަ އަހަރަކީ އެ ކުންފުންޏަށް ވެސް ރެކޯޑު އަދަދަކަށް ފައިދާވި އަހަރެކެވެ. މިދިޔަ އަހަރު 16.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް އެއީ އޭގެ ކުރީ އަހަރަށް ވުރެ 10 ޕަސެންޓު ދަށްވުމެކެވެ.

"މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދައްވުމާއެކު އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގުވެސް ދަށްކުރުމުން. އެހެންނަމަވެސް ފާއިތުވި އަހަރު މި ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވުމާއިއެކު، އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވުމާއިއެކު، ޖުމްލަފައިދާގެ ގޮތުގައިވަނީ 3 ބިލިއަން ރުފިޔާ ލިބިފައި," އެސްޓީއޯއިން ބުނެފައިވެ އެވެ.

މިދިޔަ އަހަރު ޖުމުލަ ފައިދާ އިތުރުވުމާ ގުޅިގެން ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ އެސްޓީއޯއަށް ލިބިފަ އެވެ. އެއީ އޭގެ ކުރީ 2022 އަށް ވުރެ 300 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ޓެކްސްއަށް ކެނޑުމަށްފަހު 2023 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ އެސްޓީއޯއިން ވަނީ ރެކޯޑު ކޮށްފަ އެވެ. މިއީ އެ ކުންފުނީގެ ތާރީހިގައިވެސް ރެކޯޑް އަދަދެކެވެ. 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 728 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ 12 ޕަސެންޓުގެ ކުރިއެރުމެކެވެ.

ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއި އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއިއެކު އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް ރެކޯޑު 1.1 ބިލިއަނަށް އެރި އެވެ.