14 ޖޫން 2024 - 15:29 0
14 ޖޫން 2024 - 15:29 0
އަލްބޭނިއާ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައިވަނީ، ކޮލިފައިން ގްރޫޕް އީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މީގެ ކުރިން އަލްބޭނިއާ، ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކުޅެފައިވަނީ، 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގަ އެވެ.
އަލްބޭނިއާ އިން މުޅިން އަލަށް 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރިއިރު، އެ ފަހަރު ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުން، ސްވިޒަލެންޑާއި ފްރާންސް އަތުން ބަލިވި ނަމަވެސް، މުބާރާތް ނިންމާލީ ގްރޫޕްގެ ފަހު މެޗުގައި، 1-0 އިން ރުމޭނިއާ ބަލިކޮށްގެންނެވެ. މިއީ އަލްބޭނިއާ އަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި މިހާތަނަށް ލިބުނު ހަމައެކަނި މޮޅެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތަށް ދެ ވަނަ ފަހަރަށް އަލްބޭނިއާ ކޮލިފައިވިއިރު، މި ފަަހަރު އެ ޓީމު މިހާ ހިސާބަށް ގެނެސްދިނުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ފަރާތަކީ، އެ ޓީމާ ހަވާލުވެހުރި ކޯޗު، ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ، ސިލްވީނިއޯ އެެވެ. ސިލްވީނިއޯ، މިދިޔަ އަހަރުގެ ޖެނުއަރީ މަހު، އަލްބޭނިއާއާ ހަވާލުވެ، އޭނާ އަށް ދިން ޓާގެޓަކީ ވެސް މި ފަހަރުގެ ޔޫރޯ އަށް އެ ޓީމު ކޮލިފައިކޮށްދިނުމެވެ.
އަލްބޭނިއާ އިން ކޮލިފައިން ގްރޫޕްގެ އެއް ވަނަ ހޯދީ، ޕޮއިންޓްގެ ގޮތުން، ދެ ވަނައިގައި އޮތް ޗެކް ރިޕަބްލިކާ އެއްވަރުވި ނަމަވެސް ހެޑް ޓު ހެޑް އަށް ބަލާއިރު ކުރި ލިބޭތީ އެެެވެ. ޔޫރޯ އަށް އަލްބޭނިއާ ކޮލިފައިކޮށްދިނުމުން އޭނާ އަށް ވަނީ އެ ގައުމުގެ ރަށްވެހިކަން ވެސް ދީފަ އެެވެ.
ސްޕެއިނާއި އިޓަލީ އަދި ކްރޮއޭޝިއާއާ އެއް ގްރޫޕެއްގައި އަލްބޭނިއާ އޮތްއިރު، އެ ޓީމުން ރަނގަޅު ނަތީޖާއެއް ނެރޭ ކޮންމެ މެޗެއް ވާނީ މުބާރާތުގެ އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވާނެ މެޗަށެވެ.
އަލްބޭނިއާ ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ފުލަމްގެ އަރްމާންޑޯ ބްރޯޖާ އާއި އެޓަލަންޓާގެ ބެރާތު ޖިމްޝީޓީ ހިމެނެ އެވެ.
Comment