Advertisement

ސައުދީގެ ހިއުމަން ރައިޓްސް ވާހަކަތަކަށް ޑި ބްރޭނާ ދިނީ ބީރުކަންފަތެއް

14 ޖޫން 2024 - 08:49 0


ސައުދީގެ ހިއުމަން ރައިޓްސް ވާހަކަތަކަށް ޑި ބްރޭނާ ދިނީ ބީރުކަންފަތެއް

14 ޖޫން 2024 - 08:49 0

ބްރުސެލްސް، ބެލްޖިއަމް (ޖޫން 14) - ސައުދީ އަރަބިއްޔާ އަކީ ހިއުމަން ރައިޓްސް (އިންސާނީ ހައްގުތައް) ކަށަވަރުކުރުމުގައި މައްސަލަަތަކެއް ހުރި ގައުމެއްގެ ގޮތުގައި، މީޑިއާތަކުން ދައްކާ ވާހަކަތަކަށް ސަމާލުކަން ދޭން ބޭނުންނުވާ ކަމަށް މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ ބުނެފި އެވެ.

ސިޓީ އާއެކު ޑި ބްރޭނާ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހު ހަމަވާނެ އެވެ. އެހެންވެ, ސިޓީ އިން މި ފަހަރުގެ ޓްރާންސްފާގައި ޑި ބްރޭނާ ވިއްކާލަން މަސައްކަތް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑި ބްރޭނާގެ ސޮއި ހޯދަން މަސައްކަތް ކުރަމުން އަންނަނީ ސައުދީގެ އަލް ނަސްރު އަދި އަލް ހިލާލުންނެވެ.

ދާދި ފަހުން، އެޗްއެންއެލް މީޑިއާ އަށް ދިން އިންޓަވިއުގައި ޑި ބްރޭނާ ބުނީ، އޭނާ މިހާރު ހުރީ ކެރިއަރުގެ ފަހު ކޮޅުގައި ކަމަށާއި މިހާރު ސައުދީ އަރަބިއްޔާގެ ކްލަބަކަށް ކުޅެގެން އޭނާ އަށް ލިބޭ ފައިސާ އަކީ ދިގު މުއްދަތަކަށް އޭނާގެ ދިރުއުޅުމުގެ ކަންކަން ހަމަޖައްސަން ފަސޭހައެއް ކަމަށެވެ. އެހެންވެ، ދެން ސޮއިކުރާނެ ކޮންޓްރެކްޓަކާ މެދު ނިންމާނީ އޭނާ އާއި އާއިލާގެ މުސްތަގުބަލާ މެދު ވިސްނާފައި ކަމަށް ޑި ބްރޭނާ ބުނެފައިވެ އެވެ.

ސައުދީ އަރަބިއްޔާ އަކީ، ހިއުމަން ރައިޓްސް މައްސަލަ ބޮޑު ގައުމެއް ކަމަށް މީޑިއާތަކުން ބުނާއިރު، އެ ފަދަ ގައުމަކަށް ދިއުމާ މެދު ވިސްނަނީ ކިހިނެއްތޯ އެހުމުން ޑި ބްރޭނާ ދިނީ ތަފާތު ޖަވާބެކެވެ.

"އަހަރެން ދެކޭގޮތުގައި ކޮންމެ ގަައުމެއްގައި ވެސް ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން ހުންނާނެ. ބައެއް މީހުން މިސާލުތަކެއް ދައްކާނެ މި ގައުމަށް (ސައުދީ) އަށް ނުދާށޭ. ހަމަ އެ ގޮތަށް ބެލްޖިއަމް އާއި އިންގްލެންޑަށް ނުދާށޭ ބުނާނެ ބަޔަކު ވެސް ތިބޭނެ،" ޑި ބްރޭނާ ބުންޏެވެ.

ޑި ބްރޭނާ ބުނީ، ހުޅަނގުގެ ގައުމުތަކުގައި ހުންނަ ނުރަނގަޅު ކަންތައްތަކުގެ ވާހަކަ ވެސް ދައްކާނެ ފަރާތްތައް ތިބޭނެ ކަމަށެވެ.

ސިޓީން ޑި ބްރޭނާ ގަތީ، 2015 ވަަނަ އަހަރު ވުލްފްސްބާގް އަށް 65 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު އެވެ. އޭގެ ފަހުން، އޭނާ އަންނަނީ ސިޓީން ހޯދަމުން އަންނަ ގިނަ ކާމިޔާބީތަކުގައި އިސް ރޯލެއް ކުޅެމުންނެވެ. ޑި ބްރޭނާ ވަނީ ޕްރިމިއާ ލީގުގެ ތަށި ސިޓީގައި ހުރެ ހަ ފަހަރު ހޯދައިފަ އެވެ.