Advertisement

ކަނޑުއޮތްގިރީގެ ބަނދަރަށް ބޮޑު ހޭދައެއް ކުރުމަށް ފަހު ކާރުހާނާ ހުޅުމާލެއަށް ބަދަލުކުރަނީ

13 ޖޫން 2024 - 12:38 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކަނޑުއޮތްގިރި. މިއީ މިފްކޯއިން 1999 އިން ފެށިގެން އޮޕަރޭޓު ކުރަމުންދިޔަ ރޯމަސް ޕެކޭޖު ކުރުމަށް ފަހު ބޭރުކުރާ ކާރުހާނާއެއް --- ފޮޓޯ: ގޫގުލް އާތު


ކަނޑުއޮތްގިރީގެ ބަނދަރަށް ބޮޑު ހޭދައެއް ކުރުމަށް ފަހު ކާރުހާނާ ހުޅުމާލެއަށް ބަދަލުކުރަނީ

13 ޖޫން 2024 - 12:38 2

ލަފާފުރުމުގެ ދަތިކަމާ ހުރެ ބަނދަރު އަޕްގްރޭޑު ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ހިންގި ކ. ކަނޑުއޮތްގިރީގައި ހުންނަ މަސް ބަންދުކުރާ ފެސިލިޓީ ހުޅުމާލެއަށް ބަދަލުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެކަން ހާމަކުރެއްވީ އިއްޔެ މާލޭ ފަޅުތެރެއަށް ވަދެ ކަންނެލި އޮޑޮދޯނިފަހަރުން ކުރި މުޒާހަރާގެ ބައިވެރިންނާ ބައްދަލުކުރެއްވުމަށް އޭގެއިން ދޯންޏަކަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެ މުޒާހަރާގެ ތެރެއިން ޝިޔާމްއާ ވާހަކަ ދެއްކި ބައިވެރިޔަކު ބުނި ގޮތުގައި ކަނޑުއޮތްގިރި ތަރައްގީ ކުރުމަކީ ބޭކާރު ހަރަދެއް ކަމަށެވެ.

"ތިއީ ބޭކާރު ހަރަދެކޭ. ކަނޑުއޮތްގިރިއަކަށް ދޯނިފަހަރު ވައްދައިގެން މަހެއް ނުނެގޭނޭ. މި ސަރުކާރުން އަޅުގަނޑުމެންނަށް ހެޔޮ ހިތުން ކަމެއް ކޮށްދޭނަމަ ރަނގަޅު އޮމާން ބަނދަރަކުން މަސް ނެގޭނެ ގޮތް ހަދަންވީ," އިއްޔެގެ މުޒާހަރާގައި ޝިޔާމްއާ ކަންބޮޑުވުން ހިއްސާކުރި މަސްވެރިޔަކު ބުންޏެވެ.

"ތި ބޭފުޅުން އަގު ކަނޑައަޅަން 100ރ. 80ރ. ކަނޑައެޅުމުގެ ބަދަލުގައި ކޮށްދޭންވީ ކަމަކީ ރަނގަޅު ފެކްޓްރީއެއް ގާއިމުކޮށް ކުދި ފެކްޓްރީތަކުގެ މީހުންނަށް މަސް ބޭރުކުރެވޭނެ ނިޒާމެއް ގާއިމުކުރަންވީ."

އެ މަސްވެރިޔާ ބުނި ގޮތުގައި އެކަމަށް ހައްލެއް އަންނާނީ "ހުޅުމާލޭގެ ސަރަހައްދުން މިފްކޯއިން މަސް ބަންދުކުރާނެ ގޮތެއް ހޯދައިދީގެން," ކަމަށެވެ.

އެ މަސްވެރިޔާއަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވި ގޮތުގައި އެ ބޭފުޅުން ވެރިކަމާ ހަވާލުވުމަށް ފަހު ކަނޑުއޮތްގިރީގެ ހާލަތު ބެލިއިރު އެއީ "ކަންނެލި ކިރަން ވެސް, ކަންނެލި ބާލަން ވެސް" ވަދެވޭ ވަރު ތަނެއް ނޫން ކަމަށެވެ.

"އެހެންވެގެން އަޅުގަނޑުމެން މިހާރު މިދަނީ އެޗްޑީސީއާ އެކު މުއާމަލާތް ކުރަމުން ކަނޑުއޮތްގިރި ސްވޮޕް ކުރެވޭތޯ [ބަދަލު ކުރެވޭތޯ], ކަނޑުއޮތްގިރި އާއި ހުޅުމާލެއިން [ބިމެއް]. އެ ނިޔަތް ސާފުކޮށް އޮވެ އެބަ މަސައްކަތް ކުރަން," ޝިޔާމް ވިދާޅުވި އެވެ.

އެ ރަށުގެ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުއަކީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި ހިންގާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓާ ޕްރޮޖެކްޓް ގެ ތެރެއިން، ފިޝަރީޒް މިނިސްޓްރީ ގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫއުއެކެވެ.

އެ މަސައްކަތް ކުރުމަށް 77 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ މެއި 2022, ގަ އެވެ. މިއީ މަސްދޯނިފަހަރަށް ސަލާމަތާއި ރައްކާތެރިކަމާ އެކު ބަނދަރު ކުރެވޭނެ ގޮތަށް ކަނޑުއޮތްގިރީގެ ބަނދަރު ބަދަލުކުރުމަށް ފެށި މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ ދަށުން 125 މީޓަރުގެ އެއްގަމު ތޮއްޓަކާއި 265 މީޓަރުގެ ބޭރު ތޮއްޓެއް ވަނީ ލާފަ އެވެ. އެންމެފަހުން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން އެނގޭ ގޮތުގައި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ވަނީ ނިމިފަ އެވެ.