Advertisement

ހުޅުމާލޭގެ އަށް ސަރަހައްދަކުން ޕާކިން ޖާގަ ކުއްޔަށް ދޫކުރަނީ

17 ސެޕްޓެންބަރު 2024 - 21:32 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އިމާރާތް -- ފޮޓޯ: ފައިލް / އަދަދު


ހުޅުމާލޭގެ އަށް ސަރަހައްދަކުން ޕާކިން ޖާގަ ކުއްޔަށް ދޫކުރަނީ

17 ސެޕްޓެންބަރު 2024 - 21:32 1

ހުޅުމާލޭގެ އަށް ސަރަހައްދަކުން 1,374 ޕާކިން ޖާގަ ކުއްޔަށް ހިފުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕާކިން ޖާގަ ކުއްޔަށް ދޭނެ ފަރާތެއް ކަނޑައަޅާނީ، ޖާގަތައް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށެވެ. އެ ކޯޕަރޭޝަނުން ޕާކިން ޖާގަ ދޫކުރަނީ ބީ1 އަދި ސީ1 ކެޓެގަރީގެ ރެޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރާ އެ ޕާކިން ޒޯނުތަކަށް މަހު ކުލީގެ ގޮތުގައި 2000ރ. ދައްކަން ޖެހެ އެވެ. އެޗްޑީސީން ބުނީ ޕާކިން ޖާގަ ކުއްޔަށް ހިފުމަށް އެދި ހުށަހެޅޭނީ މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށެވެ.

ޕާކިން ޒޯނުތައް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަން ޖެހި ނުދައްކާ އޮތް ފަރާތަކަށް ވެގެން ނުވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ކުއްޔަށް ދޫކުރާ ޕާކިން ޖާގައަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން މިއަންނަ އޮކްޓޫބަރު 1، ގެ ނިޔަލަށެވެ. އެ ކޯޕަރޭޝަނުގެ އިއުލާނުގައި ބުނެފައި ވަނީ ގުރުއަތުލުން ކުރިއަށް ގެންދާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

ހުޅުމާލެއިން ދޫކުރާ ޕާކިން ޖާގަތައް ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުމާއި އިތުރު ތަފުސީލު އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވެ އެވެ.