Advertisement

މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދޭން އެމްޑީޕީން ގޮވާލައިފި

12 ޖޫން 2024 - 22:20 1

މަސްވެރިންގެ މުޒާހަރާގެ ތެރެއިން. ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދެނީ ނާގާބިލުކަމުން ކަމަށް އެ ޕާޓީން ވަނީ ސިފަކޮށްފައި --- ފޮޓޯ: މިރާން ނާޝިމް/އަދަދު


މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދޭން އެމްޑީޕީން ގޮވާލައިފި

12 ޖޫން 2024 - 22:20 1

މަސްވެރިން ކުރަމުންދާ މުޒާހަރަތަކާ ގުޅިގެން މަސްވެރިކަމުގެ ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

ލޭނު މަސްވެރިކަމަށް ދިވެހި ކަނޑުތައް ހުޅުވާލަން އުޅުމާއި ބޭނި މަހަށް ފައިސާ ނުލިބޭތީ ދެ މުޒާހަރާއެއް މިއަދު ބޭއްވި އެވެ. މާލޭގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މުޒާހަރާ ކުރިއިރު ގދ. މަޑަވެލީ މަސްވެރިން ވެސް އެ ރަށުގައި މުޒާހަރާ ކުރި އެވެ.

"މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ނާގާބިލުކަމުގެ ސަބަބުން ސަރުކާރަށް ނުކުޅެދިފައިވާއިރު، ކިރުވި މަހަށް މަސްވެރިންނަށް ދޫކުރަން ޖެހޭ ހުރިހާ ފައިސާއެއް ވެސް ބޮޑު އީދުގެ ކުރިން ޖަމާކުރަން މި ޕާޓީން ގޮވާލަން," އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ލޭނު މަސްވެރިކަމަށް ހުޅުވާލުމުގެ ކުރިން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަޝްވަރާ ހޯދުމަށް އެމްޑީޕީން އެދިފައިވެ އެވެ. އެ ޕާޓީގެ ވެރިކަމުގައި ލޭނު މަސްވެރިކަމަށް ލައިސެންސް ދޫކުރުން ހުއްޓާލީ ރާއްޖޭގެ ކަނޑުތަކުގައި ގާނޫނާއި، ގަވާއިދުތަކާއި، ބައިނަލްއަގުވާމީ މުއާހަދަތަކާ ހިލާފު އެތަކެއް ނޭދެވޭ އަމަލުތަކެއް ހިންގުމުން ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

"ރާއްޖޭގެ ކަނޑުތަކުގައި ބޭރުގެ ފަރާތްތަކަށް ލޭނު އަޅަން ފުރުސަތު ދިނުން ވެގެންދާނީ ރާއްޖޭގެ މަސްވެރިކަން އެއްކޮށް ހަލާކު ކޮށްލުމަށް ދެވޭ ފުރުސަތަކަށް. ލޭނު މަސްވެރިކަމުގެ ނިވަލުގައި ބޭރު މީހުންނަށް ރާއްޖޭގެ ކަނޑުތައް ވިއްކާލުން ކުށްވެރިކުރަން. މިއީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ކަމެއް," އެމްޑީޕީގެ ބަޔާނުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެފައިވެ އެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ. އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މަހަށް ހަމަ އަގު ނުލިބޭ އެންމެ ބޮޑު އެއް ސަބަބަކީ ޔޫރަޕަށް ބޭރުކުރާ ދިވެހި މަހުން ނަގާ ޑިއުޓީ އެވެ. އެ ޑިއުޓީ ކަނޑާލަން މަގުފަހި ކުރުމުގެ ގޮތުން “ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް” ގެ މެމްބަރުކަން އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭން ހޯދި ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެ ޖަމުއިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ލިބިފައިވާއިރު، ފުރިހަމަ ކުރަން ޖެހޭ އެހެނިހެން މަރުހަލާތަކަށް ފަހު، ރާއްޖޭގެ މަހުން ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ވީއެންމެ އަވަހަކަށް ޔޫރަޕިއަން ޔޫނިއަންގައި އެދުމަށް ގޮވާލަން," އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އިނގިރޭސިވިލާތާއެކު އެމްޑީޕީގެ ސަރުކާރުން ގާއިމުކުރަން މަޝްވަރާ ކުރަމުންދިޔަ ފްރީ ޓްރޭޑް އެގްރީމެންޓުގެ ސްކޯޕް ފުޅާކުރުމުގެ ނަމުގައި މަޑުޖައްސާލުމަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން."

ލޭނު އަޅައިގެން ރާއްޖޭގެ އީއީޒެޑުން 100 މޭލާއި 200 މޭލާ ދެމެދު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދަށް އަމަލުކުރަން ފެށީ ނޮވެމްބަރު 2014, ގަ އެވެ. އެ ގަވާއިދުގެ ދަށުން ލައިސެންސް ދޫކުރީ ދިވެހި ކުންފުނިތަކަށެވެ.

ނަމަވެސް, އެފަދަ އުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ 90 ޕަސެންޓަކީ ބިދޭސީ ފަޅުވެރިންނަށް ވުމުގެ ފުރުސަތު ގަވާއިދުން އޮތީ ފަހިކޮށްދީފަ އެވެ. އޭގެ ސަބަބުން, ގިނަ ދޯނިފަހަރުގައި ހަރަކާތްތެރިވީ އެންމެ ދިވެއްސެކެވެ.

އެހެންވެ, ގަވާއިދާއި ގާނޫނުތަކާ ހިލާފު އެތައް ކަމެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގި ކަމަށް އެކި ބައްދަލުވުންތަކުގައި މަސްވެރިކަމުގެ ދާއިރާ ބަލަހައްޓަވަން ތިއްބެވި ބޭފުޅުން ވިދާޅުވެފައިވެ އެވެ. މިފަދަ ކަންބޮޑުވުންތަކާ އެކު ލޭނު މަސްވެރިކަމަށް ލައިސެންސް ދޫކުރުން ހުއްޓާލީ އެމްޑީޕީގެ ވެރިކަމުގައި ޖުލައި 2019, ގަ އެވެ.