12 ޖޫން 2024 - 19:15 0
ލީވާން އަލީ ނާސިރު
ބަޔޮސްފިއާ ރިޒާވަށް ޔަމަހާ 150 ހޯސްޕަވަރުގެ އިންޖީނު އެލިއާއިން ހަދިޔާކުރުން -- ފޮޓޯ: އެލިއާ
12 ޖޫން 2024 - 19:15 0
އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ބަޔޮސްފިއާ ރިޒާވަށް ޔަމަހާ 150 ހޯސްޕަވަރުގެ އިންޖީނެއް އެލިއާ އިންވެސްޓްމަންޓުން ހަދިޔާ ކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިންޖީނު ހަވާލުކޮށްދެއްވީ އެލިއާގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ. އަދި އިންޖީނާއި ޙަވާލުވެ ވަޑައިގެންނެވީއެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.
ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން މިނިސްޓަރު ތޯރިގު ވަނީ އެލިއާގެ ވިޔަފާރިއަށް 60 އަހަރުވުމާއި ގުޅިގެން އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް މަރުހަބާ ދަންނަވާފަ އެވެ. އަދި، ރާއްޖޭގައި ވިޔަފާރީގެ ދިގު ތާރީހެއް އޮތް ކުންފުންޏަކުން މިފަދަ ކަމަކަށް އިސްނެންގެވީތީ އެކަމަށް ޝުކުރު ދެންނެވި އެވެ.
މިއީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއަށް ހަދިޔާކުރި ފުރަތަމަ އަދި އެންމެ އަގުހުރި ހަދިޔާކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މިއަދު މިފެށިގެންދިޔައީ އެލިއާ އާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާގެ ވަރުގަދަ ގުޅުމެއް. ދެ ފަރާތަށްވެސް ފައިދާކުރުވަނިވި ގުޅުމަކަށް ވާނޭކަމަށް އުންމީދުކުރައްވަން،" ތޯރިގު ވިދާޅުވި އެވެ.
ބަޔޮސްފިއާ ރިޒާވަށް ޔަމަހާ 150 ހޯސްޕަވަރުގެ އިންޖީނު އެލިއާއިން ހަދިޔާކުރުން -- ފޮޓޯ: އެލިއާ
ދުނިޔޭގެ އެކި ހިސާބުތަކުގައި ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި 109 ގައުމެއްގެ 564 ސަރަހައްދެއް ކަނޑައެޅިފައިވާއިރު، ޔުނެސްކޯގެ ފަރާތުން ބ. އަތޮޅުގައި ކުރެވުނު ދިރާސާތަކުން ދައްކާގޮތުން އެ އަތޮޅަކީ ގުދުރަތީ ވަސީލަތްތަކާއި، ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަން ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭފަދަ ދަރަޖައަކަށް ލިބިފައިވާ އަތޮޅެއް ކަމަށެވެ.
އެ އަތޮޅަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތައް ދެމެހެއްޓެނިވިގޮތަށް ބަލަހައްޓަމުން ދަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިޕާޓްމަންޓަކުންނެވެ. އެހެންކަމުން އެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ހަދިޔާ ކުރެވުނު އިންޖީނަކީ ފައިދާހުރި ވަސީލަތަކަށް ވާނެކަމަށް އުންމީދު ކުރާ ކަމަށް އެލިއާއިން ބުނެ އެވެ.
އެލިއާއަށް ވިޔަފާރީގެ ކާމިޔާބު 60 އަހަރު ފުރުން މި އަހަރު ފާހަގަ ކުރަމުންދާއިރު، އެލިއާއަކީ ދަތުރުފަތުރުކުރުމުގެ ދާއިރާގައި ދިވެހި ކަނޑުތަކަށް އިންޤިލާބެއް ގެނެސްދިން ބައިވެރިއެކެވެ.
ރާއްޖެއަށް ޔަމަހާ އައުޓްބޯޑު އިންޖީނު އެލިއާއިން ތައާރަފުކޮށް، ފެންވަރު ރަނގަޅު އާފްޓާ ސޭލްސް ސާވިސްއެއް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން އަންނަތާ 50 އަހަރު ފުރުންވެސް މި އަހަރު ފާހަގަ ކުރާނެވެ.
Comment