12 ޖޫން 2024 - 17:28 1
މުހައްމަދު އުޝާމް
މަސްވެރިން މާލެ ފަޅުގައި މުޒާހަރާކުރަމުން ދަނިކޮށް މިނިސްޓަރު ޝިޔާމް މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަވަނީ - ފޮޓޯ: މިރާން ނާޝިމް / އަދަދު
12 ޖޫން 2024 - 17:28 1
މި އަހަރު މިފްކޯއަށް ކަންނެލި ނުގަނެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ލޭނު އެޅުން ސަރުކާރުން ހުއްދަ ކުރަން ކުރާ މަސައްކަތާ ދެކޮޅަށް އަދި ސަރުކާރުގެ ވައުދާ އެއް ގޮތަށް މިފްކޯއިން ކަންނެލި ގަތުމަށް ޑިމާންޑުކޮށް، ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން އިސްވެ ކަންނެލި މަސްވެރިކަމުގައި އުޅޭ ފަރާތްތަކާއެކު 35 ދޯނި މާލޭ ފަޅު ތެރޭ ވަނީ ބަނދަރުކޮށްފަ އެވެ.
މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފިޝަރީޒް މިނިސްޓަރު ޝިޔާމް އެ ތަނަށް ވަޑައިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ މިފްކޯއިން ކަންނެލި ގަތުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ވިޔަސް ގައުމާއި މިފްކޯގެ މާލީ ހާލަތު ހުރި ގޮތުން މި އަހަރު އެ ކަން ނުކުރެވޭނެ ކަމަށެވެ.
"މި އަހަރަކު އަޅުގަނޑުމެންނަކަށް ނެތް ކަންނެލި މަސްވެރިންގެ އަތުން ކަންނެލި ގަނެވޭކަށެއް. މިފްކޯ އޮތީ އެ ހާލަތަކު ނޫން. މިފްކޯ ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ، ދައުރުގެ ވަރަށް ކުރީކޮޅު ވައުދުތައް ފުއްދަމުންނޭ މި ދަނީ، އެ ކަން ވެސް ސަރުކާރުގެ ވައުދާ އެއް ގޮތަށް ހިނގަމުންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ލޭނު މަސްވެރިކަން ހުއްދަ ކުރުމާ ގުޅޭ ގޮތުން ސަރުކާރުން މަޝްވަރާ ކުރަނީ ދައުލަތުގެ މާލީ ހާލަތު ދަށްވުމުން އާމްދަނީ ލިބޭނެ ހުރިހާ ގޮތެއް ބެލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ޝިޔާމް ވިދާޅުވި އެވެ. ހުއްދަ ދިނަސް މީގެ ކުރީގައި ލޭނު އަޅާ ގޮތަށް އަޅަން ފުރުސަތު ނުދޭނެ ކަމުގެ ޔަގީން ކަން އޭނާ ދެއްވި އެވެ.
އެހެން ނަމަވެސް ލޭނު އެޅުން ހުއްދަ ކުރަން އުޅުމާ ދެކޮޅަށް މަސްވެރިން ދިޔައީ މިނިސްޓަރުގެ ކުރިމަތީގައި ވެސް އަޑު އުފުލަމުންނެވެ.
ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން އަލުން ފަށަން މަސައްކަތް ކުރަނީ އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރުމަށް އެކި ފަރާތްތަކަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ދޭ ކޯޓާގެ ދަށުން ރާއްޖެއަށް ކަނޑައަޅާ ކޯޓާ ހަމަކުރަން ކަމަށް ބުނެ އެވެ.
ރާއްޖޭގެ ކަނޑުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރީން ދަނީ ބޮޑު ކަންނެލި ޔޫނިއަންގެ އިތުރުން ވެސް ކަމާގުޅުންހުރި އެހެން ފަރާތްތަކާ ބައްދަލު ކުރަމުންނެވެ. އެކަމުގައި ގޮތެއް ނިންމާނީ ހުރިހާ އެންމެންގެ ހިޔާލު ހޯދުމަށްފަހު ކަމަށް ފިޝަރީޒް މިނިސްޓަރީން ބުނެ އެވެ.
Comment