12 ޖޫން 2024 - 14:14 10
އަމަން ހަލީމް
ޕީއެސްއެމް ޔޫރޯ ފޯރި އިފުތިތާހު ކުރި ހަފުލާގެ ތެރެއިން: ޕީއެސްއެމްއަކީ 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏެއް -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
12 ޖޫން 2024 - 14:14 10
ހުކުރު ދުވަހު ފަށާ "ޔޫރޯ 2024" ފުޓުބޯޅަ މުބާރާތުގެ ކަވަރޭޖު ސްޕޮންސާކުރަން ދައުލަތުގެ މީޑިއާ ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހުޅުވާލުމުން، މާލީ ބޮޑެތި ގޮންޖެހުންތަކެއްގައި އޮތް، ދައުލަތުގެ ކުންފުނިތަކުން އެ މުބާރާތް ސްޕޮންސާކޮށްފި އެވެ.
ޔޫރޯ 2024 މުބާރާތުގެ ކަވަރޭޖާ ގުޅިގެން އިތުބާރު ކުރެވޭ މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި، ޕީއެސްއެމްއިން މި ކަވަރޭޖުގެ ޓައިޓަލް ސްޕޮންސާ އާއި މެއިން ސްޕޮންސާ އަދި ކޯ-ސްޕޮންސާ ޕެކޭޖުތައް ވިއްކަން ހުޅުވާލީ ބޮޑު އަގެއްގަ އެވެ. މި ހުރިހާ ޕެކޭޖުތަކެއް ވެސް ގަތީ ދައުލަތުގެ ކުންފުނިތަކުންނެވެ.
އެގޮތުން ޓައިޓަލް ސްޕޮންސާއަކީ ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އެވެ. މެއިން ސްޕޮންސަރުންނަަކީ ކަރަންޓު ކުންފުނި ސްޓެލްކޯ އާއި ބަނދަރުތައް ހިންގާ އެމްޕީއެލް އެވެ. ކޯ-ސްޕޮންސަރުންނަކީ އިންފްރާސްޓްރަކްޗާ އާއި ދަތުރުފަތުރުގެ ހިދުމަތްދޭ އެމްޓީސީސީ އާއި ފެން ކުންފުނި އެމްޑަބްލިޔުއެސްސީ އާއި އެޗްޑީސީ އެވެ.
މި ކުންފުނިތަކަށް ސްޕޮންސާ ޕެކޭޖުތަކަށް ވިއްކި އަގު އެއްކޮށްލުމުން ޕީއެސްއެމްއަށް 4.9 މިލިއަން ރުފިޔާ ލިބޭނެ އެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ޔޫރޯ ސްޕޮންސާކުރި ކުންފުނިތަކުގެ ތެރެއިން އެމްޕީއެލް ނޫން ހުރިހާ ކުންފުނިތަކަކީ ހިންގުމުގެ ހަރަދުތަކަށާއި ދަރަނި އަދާކުރުމަށާއި ހިދުމަތް ފޯރުކޮށްދިނުމުގެ އަގު ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން ފައިސާ އާއި ލޯނާއި ސަބްސިޑީ ފޯރުކޮށްދެމުންދާ ކުންފުނިތަކެކެވެ.
ޔޫރޯ ސްޕޮންސާ ކުރުމަށް ޕީއެސްއެމްއިން ކަނޑައެޅި އަގުތައް
ވަކިވަކި ކުންފުނިތަކަށް ނަޒަރު ހިންގާލާއިރު، އެޗްޑީސީއަކީ ދައުލަތުން އެންމެ ބޮޑު ހަރަދެއްކޮށްގެން ހިންގާ ކުންފުންޏެވެ. މިފަހުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ބަޖެޓު ޕޮޒިޝަން ރިޕޯޓުގައިވާ ގޮތުގައި 2018 އިން 2022 އަށް ހިނގި ފަސް އަހަރުގެ ތެރޭގައި ކެޕިޓަލް ކޮންޓްރިބިއުޝަނާއި، ޓްރެޝަރީ ލޯނާއި، އޮންލެންޓް ލޯނުތަކުން އެންމެ ގިނަ އަދަދަކަށް ދަރާފައިވާ ކުންފުންޏަކީ އެޗްޑީސީ އެވެ.
ސްޕޮންސާކުރި ކުންފުނިތަކުގެ ތެރެއިން މާލީ ހާލަތު ދެން އެންމެ ދަށް ކުންފުންޏަކީ ސްޓެލްކޯ އެވެ. އެ ކުންފުންޏަކީ ގެއްލުމުގައި ކަރަންޓު ވިއްކަން ޖެހޭތީ ސަރުކާރުން އެކި ގޮތް ގޮތުން ލޯނާއި ފައިސާ އާއި ސަބްސިޑީ އާއި އެ ނޫން ވެސް ލުއިތައް ދީގެން ހިންގަމުން އަންނަ ކުންފުންޏެކެވެ.
މި މުބާރާތް ގެނެސްދޭ ޕީއެސްއެމްއަކީ ވެސް ދައުލަތުގެ މާލިއްޔަތަށް ވަރަށް ބުރަ ބޮޑު ކުންފުންޏެކެވެ. ކޮންމެ އަހަރެއްގައި ވެސް ބަޖެޓު ކުރާ ވަރަށް ވުރެ އިތުރަށް ޕީއެސްއެމްއަށް ފައިސާ ދޭން ޖެހޭއިރު، ދޯހަޅި ހިންގުމާއި ކޮރަޕްޝަނުގެ ސަބަބުން އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކަށް ވެސް އެ ކުންފުނިން ވަނީ ގިނަ އަދަދަކަށް ފައިސާ ދައްކަން ޖެހިފަ އެވެ.
ޕީއެސްއެމްއިން ބޭނުންވާ އަދަދަށް ސްޕޮންސަރުން ނުލިބުނު ކަމަށް މި ލިޔުމުގައި ކުރިން ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ.
Comment