12 ޖޫން 2024 - 10:02 0
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަަކު "ބަޖެޓު ފޮތް 2023" ބައްލަވާލައްވަނީ: ބަޖެޓުގައި ޖަހާ އަދަދަށް ވުރެ އިތުރަށް އެކި ކަންކަމަށް ހަރަދުކުރާ މައްސަލަ ވަރަށް ބޮޑު --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
12 ޖޫން 2024 - 10:02 0
ރާއްޖެއަށް ލިބޭ އާމްދަނީ އަހަރުން އަހަރަށް އިތުރުވިޔަސް، އެ އިތުރުުވުން ދައުލަތުގެ ހަރަދާ އަރައި ހަަމަކުރެވޭނެ ކަމުގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ. ދައުލަތުގެ މާލީ ހާލަތު ކޮންމެ ބަޔަކު ދިރާސާކޮށްލާ ކޮންމެ ފަހަރަކުމެ ފެންނަން އޮތީ ދައުލަތުގެ ކޮށާރުރައް ފޫގޮސްފައިވާ ތަނެވެ. މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓާ މެދު ކަންހިނގާފައިވާ ބަލައި، އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަަވައިލި "ބަޖެޓް ޕޮޒިޝަން ރިޕޯޓް 2023" ގައި ވެސް އެންމެ ބޮޑު ކަންބޮޑުުވުމެއް ފާޅުކޮށްފައި އޮތީ އެ ބާގަނޑުތަކާ މެދުގަ އެވެ.
އާދިއްތަ ދުވަހު އާއްމުކުރި އެ ރިޕޯޓްގައިވާ ގޮތުން އެ ބާގަނޑުތަކުން ލީކުވެ، މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ނިމުނު އިރު ބަޖެޓު ކުރި ފައިސާގެ 87 ޕަސެންޓް އޮތީ ހަރަދުވެ ނިމިފަ އެވެ. އެހެން އެކަން ހިނގި އިރު ކަންބޮޑުވުން ހުރި ހަރަދުތަކަކީ އާސަންދައަށް ކުރި ހަރަދު، ދައުލަތުގެ ރައުސްމާލު އިތުރުކުރަން ހަރަދުކުރި ފައިސާ، ޑަބަލް ޕެންޝަން އަދި ދަރަނި އަދާކުރުމަށް ޓަކައި ކުރަން ޖެހުނު ހޭދަ އެވެ.
ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުގައި ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ"ގެ ހަރަދުތައް މިދިޔަ އަހަރު ހުރީ ދެމެހެއްޓެނިވި މިންވަރަކަށް ވުރެ މާ މަތީގަ އެެވެ. އަހަރުގެ ފުރަތަަމަ ނުވަ މަސްދުވަހުގެ ތެރޭގައި އާސަންދައަށް 1.6 ބިލިޔަން ރުފިޔާ ހަރަދުވި އިރު އެއީ ބަޖެޓް ކުރި ވަރަށް ވުރެ 49 ޕަސެންޓް އިތުރު އަދަދެކެެވެ.
މިދިޔަ އަހަރު ނިމުނު އިރު އާސަންދައަށް 2.2 ބިލިޔަން ރުފިޔާ ހަރަދުވެފައިވާނެ ކަމަށް ލަފާކޮށް ރިޕޯޓްގައި ބުނީ އާސަންދައަށް ކުރާ ހަރަދު ކުޑަކުރަން މިދިޔަ އަހަރުތަކުގައި ކުރި މަަސައްކަތް ކާމިޔާބުނުވެ، އެ ސްކީމް "ދައުލަތަށް ބުރައަކަށް ވެފައިވާ" ކަމަށެެވެ.
އެންމެންގެ ބޭސްފަރުވާއަށް ދައުލަތުން ހަރަދުކުރާ އާސަންދަ އޮތް އިރު ސިފައިންނާއި ފުލުހުން އަދި އެމީހުންގެ އާއިލާތަކުގެ ބޭސްފަރުވާއަށް ހަަމަ އެފަދަ އެހެން ސްކީމްތަކެއް ހިންގަމުން ގެންދިއުމަކީ ވެސް ދައުލަތުން ފައިސާ އިސްރާފުވާ ސަބަބެއް ކަން އޮޑިޓް ރިޕޯޓުން އެނގެ އެެވެ.
އެ ސްކީމްތަކަށް މިދިޔައަހަރު ބަޖެޓް ކުރި 180 މިލިޔަން ރުފިޔާ ފުރަތަަމަ ނުވަ މަސްދުވަހުގެ ތެރޭގައި އޮތީ ބޭނުންކޮށް ނިިމިފަ އެެވެ. ރިވައިސްޑް ބަޖެޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ސްކީމްތަކަށް ޖުމްލަ 241 މިލިޔަން ރުފިޔާ ހަރަދުވެފައި ވާނެ އެެވެ. އަދި ކޮންމެ އަހަރެއްގައި ވެސް ބަޖެޓު ކުރާ އަދަދަށް ވުރެ އިތުރަށް މި ދާއިރާއިން ވެސް ހަރަދުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކުރިން ހުރި ޕެންޝަން ސްކީމްތައް އުވައިލަން ލާޒިމުވާ ގޮތަށް 2008 ވަނަ އަހަރު "ދިވެހިރާއްޖޭގެ ޕެންޝަން ގާނޫނު" ފާސްކުރި ނަމަވެސް އެފަދަ ސްކީމްތައް ސަރުކާރުން އަދިވެސް ގެންދަނީ ހިންގަމުންނެވެ. ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވާ ގޮތުގައި އެކަން އެގޮތަށް ކުރިއަށް ގެންދިއުމަކީ ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތަށް ބުރައަކަށް ވާނެ އެެވެ.
"ޑަބަލް ޕެންޝަން ނުވަތަ ޑަބަލް ކަވަރޭޖް މައްސަލައަކީ ވެސް އަންނަން އޮތް އަހަރުތަކުގައި ސަރުކާރަށް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ބުރަކައަކަށް ވާނެ" ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދައުލަތުގެ ކުންފުނިތަކަށް އެކިއެކި ގޮތް ގޮތުން ދޭން ޖެހޭ ފައިސާ އަކީ ވެސް ދައުލަތުގެ ބަޖެޓް ތަންފީޒުކުރުމުގައި ކުރިމަތިވެފައި އޮތް ބޮޑު ހުރަހެކެވެ. ރައުސްމާލް އިތުރުކުރަންދޭ ފައިސާ، ސަބްސިޑީ އަދި ލޯނުގެ ގޮތުގައި ވެސް އެކުންފުނިތަކަށް ފައިސާ ދޫކުރެ އެެވެ. ކުންފުނިތަކުން ލޯނު ނެގުމަށް ޓަކައި ދައުލަތުން ދޭ ގެރެންޓީއަކީ ވެސް ބުރަ އެކެވެ.
ކަން މިހެން ހުރި އިރު ކުންފުނިތަކުން ޑިިިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަަމަށް ބަޖެޓްގައި އަންދާޒާކުރާ ފައިސާގެ ބޮޑު ބައެއް ނުލިބެ އެވެ. މިދިޔަ އަހަރުގެ ފުރަތަަމަ ނުވަ މަސްދުވަހުގެ ތެރޭގައި އެގޮތަށް ލިބުނީ އަންދާޒާކުރި ފައިސާގެ އެންމެ 53 ޕަސެންޓެވެ.
އެހެން ނަމަވެސް ކުންފުނިތަކަށް ދޭން ބަޖެޓްގައި ކަނޑައެޅި އަދަދަށް ވުރެ މާ އިތުރަށް އޮތީ ދީފަ އެވެ. އެގޮތުން ފުރަތަަމަ ނުވަ މަސްދުވަހުގެ ތެރޭގައި 1.1 ބިލިޔަން ރުފިޔާ ދިން އިރު އެއީ ބަޖެޓް ކުރި ވަރަށް ވުރެ 40 ޕަސެންޓް އިތުރު އަދަދެކެވެ.
އެސްއޯއީތަކަށް މިހާ ބޮޑު ހޭދައެއް ކުރާ އިރު އެކުންފުނިތަކުން ނަގާފައިވާ ޓްރެޝަރީ ލޯނުތަކުގެ އޯވަޑިއު ބެލެންސް ހުރީ 994 މިލިޔަން ރުފިޔާ ގަ އެވެ. ލޯނުތަކުގެ ޖުމްލަ ހުރީ 2.2 ބިލިޔަނުގަ އެވެ.
"އެސްއޯއީތަކަށް ދޫކޮށްފައިވާ ޓްރެޝަރީ ލޯނުތަކުގެ އޯވަޑިއު ބެލެންސް އަހަރުން އަހަރަށް އިތުރުވަމުން ދިއުމަކީ ކަންބޮޑުވުމެކެވެ. އޯވަޑިއު ބެލެންސް ފުނިޖެހެމުން ދިޔަ ނަމަވެސް އެސްއޯއީތަކަށް ލޯނުދޫކުރުން ސަރުކާރުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާކަން އަަޅުގަނޑުމެންނަށް ފާހަގަވި،" އޮޑިޓް ރިޕޯޓްގައި ބުނެފަައިވެ އެވެ.
ސަރުކާރުން ހިންގާފައިވާ އެކިއެކި މުއާމަލާތްތަކުގައި ބަދަލުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު މިދިޔަ އަހަރު އެކަމަށް ބަޖެޓް ކުރި ވަރަށް ވުރެ މާ މައްޗަށް ދިޔަ އެވެ. އެގޮތަށް ހަރަދުކުރި ފައިސާގެ އަދަދު މިދިޔަ އަހަރު ނިމުނު އިރު ހުންނާނީ 436 މިލިޔަނުގައި ކަމަށް އޮޑިޓް ރިޕޯޓްގައި ލަފާކޮށްފައިވެ އެވެ. އެއީ ބަޖެޓްކުރި ވަރަށް ވުރެ 331 ޕަސެންޓް އިތުރު އަދަދެކެވެ.
ސަރުކާރުގެ ކޮންސޯލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް 2022 އާ ހަވާލާދީ އޮޑިޓް ރިޕޯޓްގައި ބުނީ ދައުލަތުން ބަދަލުގެ ގޮތުގައި ދިން ފައިސާގެ އަދަދު އެއަހަރު ނިމުނު އިރު 3.8 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
ކޮންޓިންޖެންސީއަށް (ބަޖެޓްގައި ވަކިކަމެއް ފާހަގަކޮށްފައިނުވާ ހަރަދުތައް) އަށް ހަރަދުކުރި ގޮތް ބެލި އިރު ރިޕޯޓްގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު ހަރަދަކީ ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ޓަކައި އެޗްޑީސީއަށް ދޭން އެއްބަސްވެފައިވާ 10.5 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން 3.3 ބިލިޔަން ރުފިޔާ ހޯދުމަށް ޓަކައި އެޗްޑީސީއަށް ދޫކުރީ ގަލުފަޅާއި މާގިރިފަޅެވެ. އަނެއް 7.7 ބިލިޔަން ރުފިޔާ ހޯދާނެ ގޮތްތައް ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން ހަމަޖައްސަން އެޗްޑީސީއަށް އޮތީ ލަފާދީފަ އެވެ.
ދައުލަތުގެ ތިޖޫރީގައި އުފެދިފައިވާ މި ބޮޑެތި ބާގަނޑުތައް ބެއްދުމަށް ޓަކައި އަޅަން ފެންނަ ފިޔަވަޅުތައް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެއީ މީގެ ކުރިން ބައިނަލް އަގުވާމީ މާލީ އިދާރާތަކުން ވެސް ލަފާދީފައިވާ ފިޔަވަޅުތަކެކެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ގެއްލުންވާ ގޮތަށް ހިންގާ ކުންފުނިތައް އިސްލާހުކުރުމާއި ސަބްސިޑީ އަކީ ސީދާ ހައްގުވާ މީހާއަށް ލިބޭ އެއްޗަކަށް ހަދަން ދީފައިވާ ލަފަ އެވެ. ކުންފުނިތަކަށް ދޫކޮށްފަައިވާ ލޯނުތަކަށް ފައިސާ އަނބުރާ ހޯދޭނެ ރަނގަޅު ނިޒާމެއް ގާއިމްކުރުމަކީ ވެސް ކުރަން ޖެހޭ ކަމެކެެވެ.
Comment