11 ޖޫން 2024 - 12:16 0
އަހުމަދު އާއިދު
ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދަނީ: ކޮންމެހެން ކުރަން ޖެހޭ ބިންހިއްކުމުގެ މަޝްރޫއުތަކަށް ހުއްދަ ދީފި - ފޮޓޯ: ރައީސް އޮފީސް
11 ޖޫން 2024 - 12:16 0
ގާ ހުދުވަމުން ދާތީ ޖޫން 10، އާ ހަމައަށް ހުއްޓާލަން އަންގާފައިވާ ބިން ހިއްކުމާއި ފަރުތަކަށް ސްޓްރެސް ބޮޑުވާ ފަދަ އެންމެހައި މަސައްކަތްތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކަށް ހުއްދަ ދޭން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ ފަރުތަކަށް ނުރައްކާ ބޮޑުވެފައި ވާތީ މިފަދަ މަސައްކަތްތައް ހުއްޓާލަން އީޕީއޭއިން އެންގީ މެއި 9، ގަ އެވެ. އޭރު އެ އެޖެންސީއިން ބުނީ ބުނީ މިފަދަ ދުވަސްވަރެއްގައި ހިންގޭ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ، އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމަށެވެ.
ކުރީގެ އެންގުމުގެ މުއްދަތު އިއްޔެއަށް ހަމަވިއިރު އީޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ގާހުދުވުމުގެ މައްސަލަ ދެމިއޮތް ނަމަވެސް ރާއްޖެ މިހާރު ވަނީ އެލާޓް ލެވެލް، ލެވެލް 1 އާއި 2 އިން ވޮޗް ސްޓޭޓަސް އަށް ބަދަލުވެފައި ކަމަށެވެ.
"ބިންހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތަކުގައި، މި ވަގުތު މޫދާއި ފަރު ހިމެނޭ ސަރަހައްދުތަކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ނޫން އެހެން ހުރިހާ ކަމެއް އޮގަސްޓު، 31 ގެ ފަހަށް ކުރިއަށްގެންދާގޮތަށް ހަމަޖައްސަވައިދެއްވުމަކީ މި އޭޖެންސީގެ ވަރަށް ބޮޑު އެދުމެއް،" އީޕީއޭއިން މިއަދު ބުނެފައިވެ އެވެ.
މީގެ އިތުރުން ކޮންމެހެން ކުރަން ޖެހޭ ބިން ހިއްކުމާއި ފަޅުކޮނުމުގެ މަސައްކަތްތަކަށް އެނބުރި ރުޖޫއަވާއިރު، އީއައިއޭ ރިޕޯޓުގައި މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ވެސް އީޕީއޭއިން ވަނީ ގޮވާލާފަ އެވެ.
ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިގުތިސޯދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އީޕީއޭއިން ބުނެ އެވެ.
ބިން ހިއްކުން ހިމެނޭހެން، ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން ވެސް އިލްތިމާސްކޮށްފައިވެ އެވެ.
Comment