Advertisement

އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލަށް ޕީއެންސީގެ ހުރިހާ މެމްބަރުން ވާހަކަނުދައްކަނީ ބިލު އަވަސްކުރަން: ޝުޖާއު

10 ޖޫން 2024 - 11:24 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރަައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. އޭނާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ބާރަށު ދާއިރާ މެމްބަރުން. ފޮޓޯ: މަޖިލީހުގެ އިދާރާ


އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލަށް ޕީއެންސީގެ ހުރިހާ މެމްބަރުން ވާހަކަނުދައްކަނީ ބިލު އަވަސްކުރަން: ޝުޖާއު

10 ޖޫން 2024 - 11:24 1

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ބިލަށް، ޕީއެންސީގެ ހުރިހާ މެންބަރުން ވާހަކަނުދައްކަވައި ތިއްބެވީ ބިލުގެ މަސައްކަތް އަވަސްކުރަން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލު ޕާސްޕޯޓް އޮންނަ މީހުން ރާއްޖެއަށް ދަތުރުކުރުން މަނާކުރަން މީކާއީލް ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ފުރަތަމަ ބަހުސްގައި ޝުޖާއު ތުހުމަތުކުރެއްވީ އެ ބިލަށް އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން ވެސް ވާހަކަ ދައްކަވަން އުޅުއްވަނީ ބިލުގެ މަސައްކަތް ދިގު ދެންމުމުގެ ބޭނުމުގައި ކަމަށެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުމުގައި އެމްޑީޕީގެ ހެޔޮނިޔަތެއް ނެތް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"މިއީ ހީލަތްތެރި ނިޔަތެއްގައި ލައިގެން އުޅޭ ކަމެއް [ބިލެއް]، މިއީ ޖެއްސުމަށް ލައިގެން އުޅޭ ކަމެއް، އަޅުގަނޑުމެންގެ ނިޔަތް ސާފު، ހަތްދިހަ ފަސް މެންބަރުން މި އިއްޒަތްތެރި މަޖިލީހުގައި ވާހަކަނުދައްކަން މިތިބެނީ އަވަސްކުރުމުގެ ބޭނުމުގައި، ބިލު ކޮމިޓީއަށް ފޮނުވައިގެން ކޮމިޓީން ގެންނަން ޖެހޭ އިސްލާހުތަކާ އެކީ އަަވަހަށް ފާސްކުރުމުގެ ބޭނުމުގައި،" ޝުޖާއު ވަރަށް ޖޯޝާ އެކީ ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާކުރުމުގައި ސަރުކާރުގެ ނިޔަތް ގޯހޭ ކިޔައިގެން (އިދިކޮޅު މެންބަރުން) ވާހަކަ ދައްކަވަނީ އޭނާ ތުހުމަތުކުރެއްވި ގޮތުގައި ރައްޔިތުންނަށް އޮޅުވައިލުމަށެވެ. ނިޔަތް ސާފީ ކޮންބައެއް ކަމާއި ނިޔަތް ސާފު ނޫނީ ކޮންބައެއްގެ ކަން ދިވެހި ރައްޔިތުން ނިންމަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް އެނގިވަޑައިގަންނަވާ އަޅުގަނޑުމެންގެ ރައްޔިތުންގެ ފަރާތުން، ދިވެހީންގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަމުގައި، މި މައުލޫއުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތް، މައިކެއް ޖެހުނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ވާހަކަދައްކަވަމުން ގެންދަވަނީ،" ޝުޖާއު ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ލިސްޓުކުރައްވަމުން އޭނާ ފާހަގަ ކުރެއްވި އެއް ކަމަކީ އިޒްރޭލުގެ ވެރިންނާ ދެކޮޅަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ސައުތު އެފްރިކާއިން ހުށަހެޅި މައްސަލަ ރާއްޖޭން ކޯސްޕޮންސާ ކުރުމެވެ.

"މިސަރުކާރުން އެކަން ކުރީ، އެމްޑީޕީން ތިބީ ނިދާފައި އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

އެއާ އެކު އޭނާ ގޮވައިލެއްވީ ކޮމިޓީގައި ބިލުގެ މަސައްކަތް އަވަސްކޮށްގެން ބިލު އަވަހަށް ފާސްކުރުމަށެވެ.

އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ޓަކައި މީކާއީލް ހުށަހެޅުއްވި ބިލުގައި އޮތީ އިމިގްރޭޝަން ގާނޫނަށް އަކުރެއް އިތުރުކޮށް، އިޒްރޭލުގެ ޕާސްޕޯޓް އޮންނަ މީހުންނާއި އިޒްރޭލު ޕާސްޕޯޓާއި އެކު އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އެ ގާނޫނު ބަދަލުކުރުމަށެވެ.

އިބްތިދާއީ ބަހުސް ނިމުމުން ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމާނެ އެވެ. އެ ވޯޓުން ތަޅުމަށް ބިލު ބަލައިގަންނަން ފާސްވެއްޖެ ނަމަ ބިލު ދިރާސާ ކުރުމަށް ކަމާބެހޭ ކޮމެޓީއަށް ފޮނުވާނެ އެވެ.

އެ ބިލު މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ހުށަހަޅާފަ އެވެ. ބިލު ފާސްކޮށް ގާނޫނަށް އިސްލާހު ގެނައުމަށް ވޯޓަށް އަހާނީ ކޮމެޓީ މަރުހަލާ ނިމުމުންނެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރާއްޖެއިން ނިންމުމުން ދުނިޔޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ އެކި ގައުމުތަކުގެ އާންމުން ވަނީ ރާއްޖެއަށް ތައުރީފުކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ނުރުހުން ވެސް ރާއްޖެއަށް އަމާޒުވެފައިވެ އެވެ.