Advertisement

ލުބްނާނަށް އެއްގަމުން އަރައިގަންނަން އިޒްރޭލުން ތައްޔާރުވެއްޖެ

ލުބްނާނަށް އެއްގަމުން އަރައިގަންނަން އިޒްރޭލުން ތައްޔާރުވުން: އިޒްރޭލުގެ ޓެންކަރުތައް ބޯޑަރު ކައިރީ ވަނީ އަތުރާލާފައި -- ފޮޓޯ: އޭއެފްޕީ


ލުބްނާނަށް އެއްގަމުން އަރައިގަންނަން އިޒްރޭލުން ތައްޔާރުވެއްޖެ

ލުބްނާނުގެ އެއްގަމުން އަރައިގަންނަން އިޒްރޭލުން ތައްޔާރުވެ، ބޯޑަރު ކައިރީ ޓޭންކަރުތައް އަތުރާލައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން އެއްގަމު މަގުން ލުބްނާނަށް އަރައިގަތުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އިޒްރޭލުން އަންނަނީ ވަމުންނެވެ.

އެއްގަމުގެ މަގުން ލުބްނާނަށް އަރައިގަންނަން އިޒްރޭލުން ތައްޔާރުވަމުންދާތީ ލުބްނާނުގެ ބައެއް މީހުން އަންނަނީ ސީރިއާގެ އިތުރުން މެދުއިރުމަތީގެ އެކި ގައުމުތަކަށް ހިޖުރަ ކުރަން ފަށާފަ އެވެ.

އިޒްރޭލުން ލުބްނާނުގައި ހިންގަމުންދާ ގަތުލްއާންމުގައި ހަފްތާއެއް ތެރޭގައި ހާހަކަށްވުރެ ގިނަ މީހުން މަރުވެ، ހާލުގައި ޖެހުނު މީހުންގެ އަދަދު މިލިއަނަކަށްވުރެ ވަނީ އިތުރުވެފަ އެވެ.

ލުބްނާނުގައި ހަރަކާތްތެރިވަމުން އަންނަ ހިޒްބުﷲ އާ ދެކޮޅަށް ކަމަށް ބުނެ އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގައި ކަމާ ނުބެހޭ ކުޑަކުދިންނާއި އަންހެނުން މަރުވަމުންދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންނެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 41،586 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމު ހުއްޓާލުމަށް އެކި ގައުމުތަކުން ގޮވާލި ނަމަވެސް، އިޒްރޭލުން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައެއް ނުވެ އެވެ. އަދި އެމެރިކާއިން އަންނަނީ އިޒްރޭލަށް ވާގިވެރިވަމުންނެވެ.