Advertisement

ނިމުނު ދައުރުގެ ތެރޭގައި ބޭރުކޮށްލި ސޮވްރިން ޑިވެލޮޕްމަންޓް ބިލު އަލުން މަޖިލީހަށް

10 ޖޫން 2024 - 11:51 0

އަމަން ހަލީމް

އަމަން ހަލީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: އެސްޑީއެފް ބިލު ބޭރުކޮށްލީ ތަޅުމުގައި ސަރުކާރު މެމްބަރުން ނެތް ކަމަށް ބުނެ އެމްޑީޕީން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ނިމުނު ދައުރުގެ ތެރޭގައި ބޭރުކޮށްލި ސޮވްރިން ޑިވެލޮޕްމަންޓް ބިލު އަލުން މަޖިލީހަށް

10 ޖޫން 2024 - 11:51 0

ވެރިކަން ބަދަލުވީ ފަހުން ހިނގައިދިޔަ ސިޔާސީ ހައިޖައިނުގަނޑުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލި ބޭރުކޮށްލި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ބިލު އިއްޔެ އަލުން މަޖިލީހަށް ހުށަހަޅައިފި އެވެ.

އެސްޑީއެފް އަކީ ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކޮށް އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމުގެ މަގުސަދުގައި މާލިއްޔަތު ގާނޫނުގެ ދަށުން އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑަށް ޖަމާކުރަނީ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ އާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ޕްރޮޖެކްޓުތަކަށް ވަންނަ ފައިސާ އެވެ.

މި ފަންޑަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ ގޮތުން ފުރަތަމަ ބިލު ހުށަހެޅީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ މަގުޗާޓު، "ހަފުތާ14" ގައި، ހިމަނައިގެން ކުރެވުނު ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ބިލު މަޖިލީހަށް ބަލައިގަންނަން ވޯޓަށް އެހި ވަގުތު ޕީއެންސީގެ މެމްބަރުން ތަޅުމުގައި ނެތުމުން އެމްޑީޕީ މެމްބަރުން ވޯޓު ދިނީ ބިލު ބަލައިނުގަންނާށެވެ.

އަލުން މަޖިލީހަށް ބިލު ހުށަހެޅީ ފުވައްމުލައް މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ. އޭނާ ބިލު ހުށަހެޅުއްވިއިރު، ކުރިން ދައުރުގައި ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.

އެސްޑީއެފް ބިލުގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި އެ ފަންޑު ބަލަހައްޓަން ގަވަނިން ކޮމިޓީއެއް އެކުލަވާލުމާއި އެ ފަންޑަށް ޖަމާކުރާނެ ފައިސާ އާއި އެ ފަންޑު ބޭނުންކުރެވޭނެ ހާލަތްތަކުގެ އިތުރުން އެ ފަންޑަށް ޖަމާކުރާ ފައިސާ އިންވެސްޓުކުރުމުގައި އަމަލުކުރާނެ ގޮތްތައް ހިމެނެ އެވެ.

ސޮވްރިން ފަންޑަށް ހާއްސަ ގާނޫނެއް އެކުލަވާލުމަކީ ކުރީ ސަރުކާރުން ކުރަން ބުނެ ނުވެ އޮއްވައި މި ސަރުކާރުން ފަށައިގެން އުޅޭ މަސައްކަތެކެވެ. މި ފަންޑަށް ގާނޫނީ ބާރުވެރިކަން ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ވެސް މެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ އެސްޑީއެފް ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. އެ ބިލު މަޖިލީހަށް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި އެކަމާ މެދު ބަހުސްކުރުމަށް ފަހުގަ އެވެ.