ފަސް އަހަރު ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު މިއަދު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިފުތިތާހު ކޮށްދެއްވައިފި އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައި އެ މަޝްރޫއު އިފުތިތާހު ކުރީ މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ފަސް އަހަރު ތެރޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފްގެ ދެ ކަނބަލުންނާއި މަޖިލިސް ރައީސްގެ އިތުރުން ދައުލަތުގެ އިސް ބޭބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެ މަޝްރޫއުގެ ދަށުން އިންދާ ގަސްތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ވެސް ދައްކައިފަ އެވެ.
އޭގެތެރޭގައި ހިމެނެނީ:
- ކާބޮލި އަރޮޅި: ރާއްޖޭގައި ވަރަށް މަދުން ހެދިފައި ހުރި ގަހެއް، އާންމުކޮށް ބޭނުން ކުރަނީ ދިވެހިބޭސް ހެދުމަށް.
- ކާމިނީ ޕޫލް: މީގެ ކުރިން ރާއްޖޭގައި އާންމުކޮށް ހުރި ގަހެއް، އެހެން ނަމަވެސް މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ބާވަތެއް. މިއީ ވަރަށް މީރު ވަސްދުވާ ހުދުމަލެއް އަޅާ ގަހެއް.
- ކިޔަވާފިލާ ގަސް: މިއީ 40 މީޓަރު ދިގުމިނަށް ހެދޭ ގަހެއް. މިގަހުގެ ލަކުޑި ކިޔަވާ ފިލާ ހެދުމަށް ކުރިން ބޭނުންކޮށް އުޅުނު. މިގަހަކީ މިހާރު ރާއްޖެއިން ވަރަށް މަދުން ފެންނަ ގަހެއް.
- ތަނޑިރަތްމާ ގަސް: މިއީ ހަމައެކަނި ސައުތު އީސްޓު އޭޝިއާ ސަރަހައްދުގައި ހެދޭ ގަހެއް. މިއީ ވަރަށް ރީތި މަލެއް އަޅާ ގަހެއް.
- މެހެލި: މިއީ ރާއްޖޭގެ ޗަސްބިންތަކުން ވަރަށް މަދުން ފެންނަ ގަހެއް. އެއް މީޓަރުގެ ދިގުމިނަށް ހެދޭ މިގަހުގެ މޭވާއަކީ ރޯގާފަދަ ބަލިތަކަށް ފަރުވާއެއް.
- ކަހަރުވައް ގަސް: މިއީ ރާއްޖޭގެ ދެކުނުގައި މީގެ ކުރިން ވަރަށް ގިނައިން ހެދޭ އެއްޗެއް. މިގަހުގެ މޭވާއަކީ ބޭސްފަރުވާއަށް ބޭނުންކުރާ އެއްޗެއް.
- ޗަންޕާ ޕޫލް: މިއީ ޖަނަވަރީ މަހާއި މެއި މަހާ ދެމެދުގައި މައު އަޅާ ގަހެއް. މިގަހުގެ ފަތަކީ ކޮލެރާއާއި މެލޭރިއާ ފަދަ ބަލިތަކުގެ ފަރުވާއެއް.
- މަރުގަސް: އުތުރުގެ ރަށްތަކުގެ ޗަސްބިންތަކުގައި އާންމުކޮށް ހެދޭ ގަހެއް. މިއީ 20 މީޓަރު ދިގުމިނަށް ހެދޭ ގަހެއް.
- ޖަވާހިރުމާ: ފަސް މީޓަރާއި 10 މީޓަރާ ދެމެދުގެ ދިހުމިނަކަށް ހެދޭ ގަހެއް. މިގަހުގައި ފިޔާތޮށި ކުލައިގެ ރީތި މަލެއް އަޅާ. މިއީ ޓްރޮޕިކަލް އޭޝިއާ ސަރަހައްދުގައި ހެދޭ ގަހެއް.
- ދޮންބެއްޔާ: މިއީ މަޑަގަސްކަރައާ ހިސާބުން ރާއްޖެއަށް އައިސްފައިވާ ގަހެއް. 20 މީޓަރާއި 30 މީޓަރުގެ ދިގުމިނަށް ހެދޭ މިގަހުގައި ފިޔާތޮށި ކުލައިގެ ވަށް ބޯޅައެއްހެން އޮންނަ މަލެއް އަޅާ.
- ޗާންދަނީމާ: މިއީ ރާއްޖޭގައި ކުރިން ވަރަށް ގިނައިން ފެންނަ ބާވަތުގެ ގަހެއް، ނަމަވެސް މިހާރު ވަރަށް ބޮޑަށް މިގަހުގެ އާބާދީ ވަނީ ރާއްޖޭގައި މަދުވެފައި
- ސަބުދެލި: މިއީ ވަރަށް މީރު މޭވާއެއް އަޅާ ގަހެއް. މިގަހުގެ ފަތާއި އޮށަކީ ވެސް ދިވެހި ބޭސްފަރުވާއަށް ވަރަށް ގިނައިން ބޭނުން ކުރާ މޭވާއެއް
- އަނޯނާ: މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުން ވަރަށް މަދުން ފެންނަ ގަހެއް. މިގަހަކީ ހަތަރު މީޓަރާއި އަށް މީޓަރާ ދެމެދުގެ ދިގުމިނަކަށް ހެދޭ ގަހެއް. މިގަހުގައި އަޅާ މޭވާއަކީ ވަރަށް މީރު އަދި ހަށިގަނޑަށް ފައިދާހުރި މޭވާއެއް އަޅާ ގަހެއް.
- ހިތި: މިއީ ބޭސްފަރުވާއަށް ވަރަށް ގިނައިން ބޭނުންކޮށް އުޅޭ ފަތެއް ހުންނަ ގަހެއް. މިގަހަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުން މިހާރުވެސް އާންމުކޮށް ފެންނަ ހަބަރެއް.
- މަދޮށި: މިއީ ގްރޭޓާ މާލެ ސަރަހައްދުން އާންމުކޮށް ނުފެންނަ ގަހެއް. މިގަހުގެ ލަކުޑިއަކީ ވަޑާން ކުރުމަށް އާންމުކޮށް ބޭނުން ކުރާ ގަހެއް. މިގަހުގައި އަޅާ މަދޮށްޓަކީ އޮށްވަޅުގޮނޑި ކުޅުމަށް ބޭނުން ކުރި އެއްޗެއް.
އޭގެ އިތުރުން ވެސް އެކި ބާވަތްތަކުގެ ގަސްތައް އެ މަޝްރޫއުގެ ދަށުން އިންދަން ނިންމައިފައިވެ އެވެ. އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ވެސް ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
Comment