Advertisement

ޝައިހު ހުސައިން އަބްދުއްރަހުމާންގެ ފޮތުން؛ ރައްޔިތުންގެ ބާރު!

3 ޑިސެންބަރު 2024 - 06:13 9

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ޝައިހު ހުސައިން އަބްދުއްރަހުމާންގެ ފޮތުން؛ ރައްޔިތުންގެ ބާރު!

3 ޑިސެންބަރު 2024 - 06:13 9

"...ހަތަރު ހަލީފާއިންގެ ބަސްފުޅުތަކުންނާއި އަމަލުފުޅުތަކުން ދެއްކެވީވެސް އެގޮތެވެ. އުއްމަތަކީ ނުވަތަ ރައްޔިތުންނަކީ ދައުލަތުގެ ބާރުތަކުގެ މަސްދަރުކަމެވެ. ވެރީން އިސްކުރުމާއި އަޒުލުކުރުމުގެ ހައްގުވެސް އޮތީ އުއްމަތަށް ކަމެވެ."

'ދިވެހިރާއްޖޭގެ ދުސްތޫރުގައި ދައުލަތުގެ ބާރުތަކުގެ މަސްދަރު ކަމުގައި އެބުނާ އެއްޗެއްގެ މަފްހޫމަކީވެސް އެއީ އެވެ. ދުސްތޫރުގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގަ އެވެ. އެހެން އިބާރާތަކުންނަމަ، ބާރުތަކުގެ (ގާނޫނު ހެދުމާއި ވެރިކަން ހިންގުމާއި އަދުލުއިންސާފު ގާއިމުކުރުމާއި މިހުރިހައި ބާރުތަކުގެ) މަސްދަރަކީ ރައްޔިތުންނެވެ. އަދި މިބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގަ އެވެ. މި މާއްދާއިން އެކަނިވެސް ދައުލަތުގެ ހަގީގީ ވެރިފަރާތަކީ ރައްޔިތުންލަން ސާފުކޮށް އެނގެ އެވެ.'

މަތީގައި މި ބަޔާންކުރެވުނީ އަޅުގަނޑުގެ އަމިއްލަ އިބާރާތްތަކެއް ނޫނެވެ. އެ ވާހަކަތަކަކީ 'ދައުލަތާއި ވެރީންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް' މިފޮތުގެ 'ގައުމުގެ ހަގީގީ ވެރިފަރާތަކީ ރައްޔިތުންކަން އަންގައިދޭ ބައެއް އުސޫލީ ކަންތައް' މި ބާބުގައި ފަޟީލަތުއްޝައިޚު ހުސައިން އަބްދުއްރަހުމާން ލިޔުއްވާފައިވާ އިބާރާތެވެ.

ޝައިހު ހުސައިން އަބްދުއްރަހުމާނަކީ ދިވެއްސަކަށް އިތުރަށް ތައާރަފުކޮށްދޭންޖެހޭނޭ ޝަހުސިއްޔަތެއް ނޫނެވެ. އެމަނިކުފާނަކީ މިސްރުގެ އަޒްހަރު ޔުނިވަރސިޓީއިން ޝަރީއާ ވަލްގާނޫނުން ޑިގްރީ ހާސިލުކުރައްވައި، އަދި އެ ޔުނިވަރސިޓީން އައްސިޔާސަތުއްޝަރްއިއްޔާއިން މާސްޓަރސް ހާސިލުކުރައްވައިފައިވާ އާލިމެކެވެ. ދައުލަތުގެ އިސް މަގާމުތައް ފުރުއްވި ހިދުމަތްތެރިއެކެވެ. އެތައް ފޮތެއްގެ މުސައްނިފެވެ.

ލިޔުއްވި ފޮތްތަކުގެ ތެރޭގައި 'އަބުރާބެހުމާއި ހުތުރު އެއްޗެތިކިޔުމުގެ ކުށް- ފުރަތަމަ ބައި އަދި ދެވަނަ ބައި'، 'އިސްލާމީ ނަޒަރަކުން ތުނބުޅި'، 'ކަށްވަޅުގެ ބިރުވެރިކަން' އަދި 'ފިރިހެނުންނާއި އަންހެނުން އަދި ޖިންސު' މި ފޮތްތައް ހިމެނެ އެވެ. އެހެންވީމާ، ދައުލަތާއި ވެރިންނާއި ކިޔަމަންވުމުގެ މަފްހޫމް ފަދަ މައުލޫއަކަށް ފޮތެއް ލިޔުއްވަން އެމަނިކުފާނަށްވުރެ ގާބިލު އިތުރު ބޭފުޅަކު ނުވެސް ނެތްމެ އެވެ.

'ދައުލަތާއި ވެރީންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް' ފޮތުގައި އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުން، ރައްޔިތުންނަކީ ވެރިންކަމުގައި ވުމުގެ މަފްހޫމަކީ އިއްޔެއަކު މިއަދަކު ތައާރަފުވެގެން އުޅޭ މަފްހޫމެއް ނޫނެވެ. އެއީ އެއަށްވުރެ މާ ދޮށީ ފަލްސަފާއެކެވެ. އެބަސްފުޅުގެ ހެކި ދެއްކެވުމަށްޓަކައި ފުރަތަމަ ގެނެސް ދެއްވާފައި އޮތީ މުސްލިމުންގެ ފުރަތަމަ ހަލީފާ އަބޫބަކުރުގެފާނު ދެއްވި ފުރަތަމަ ހުތުބާ އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. 'ތިޔަބައިމީހުންގެ ކަންކަން ބެލެހެއްޓުމަށް ތިމަންކަލޭގެފާނު މިވަނީ އިސްކުރެވިފަ އެވެ. ތިމަންކަލޭގެފާނީ ތިޔަބައިމީހުންކުރެ އެންމެ ހެޔޮވެގެންވާ މީހަކީމެއް ނޫނެވެ. ފަހެ، ތިމަންކަލޭގެފާނު ވަނީ ހައްގުގެ މަތީގައިކަމަށް ތިޔަބައިމީހުންނަށް ފެންނަނަމަ ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް އެހީތެރިވެދޭށެވެ. އަދި ތިމަންކަލޭގެފާނު ބާތިލުގޮތުގައި ކަންތައްކުރާކަމަށް ތިޔަބައިމީހުންނަށް ފެނިއްޖެނަމަ ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނު ހައްގުގެ މަގަށް އަޅުވައި ސީދާކޮށްދޭށެވެ.'

ހުތުބާގެ މި އިބާރާތްތައް ގެންނެވުމަށްފަހު ހުސައިން އަބްދުއްރަހުމާން ވިދާޅުވީ، "މިބަހުން އެނގެނީ ދައުލަތުގެ ހަގީގީ ވެރިފަރާތަކީ ރައްޔިތުން ކަމެވެ. އެފަރާތުން އެކަން ހަވާލުކުރުމުން ހިންގާ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ހިންގާ ރައްޔިތުންގެ ވެރިކަމެއް ކަމެވެ. އަދި ވެރިކަމުގެ ހުރިހައި ހައްގެއް އޮތީ ރައްޔިތުންނަށް ކަމެވެ."

މި ވާހަކަފުޅަށް ފަހު ދެން ދަލީލު ގެންނެވީ ދެވަނަ ހަލީފާ، އުމަރުގެފާނުގެ ހުތުބާއިންނެވެ. އެކަލޭގެ ވިދާޅުވީ ތިމަންގެ ކިބައިގައި ގުދުކަމެއްވާތީ ތިޔަބައިމީހުންނަށް ފެނިއްޖެނަމަ އެކަމެއް ތިޔަބައިމީހުން ތެދުކުރާށެވެ. އުއްމަތުގެ މީހުން އަމީރުލްމުއުމިނީންއާ ދިމާއަށް ތިބާ ތަގުވާވެރިވާށޭ ނުބުނާނަމަ އެ އުއްމަތުގައި ހެވެއް ނެތެވެ. އަދި އެބަސް ބުނެވޭހިނދު އެބަސް އަޑުނާހާ އަމީރުންގެ މެދުގައިވެސް ހެވެއްނެތެވެ.

އިސްލާމީ ވެރިކަމުގެ އެންމެ ކުރީކޮޅުން ފެންނަންހުރި ދަލީލުތަކަށްފަހު ދެން އެމަނިކުފާނު ވިދާޅުވެދެއްވީ ރާއްޖޭގެ ގާނޫނުއަސާސީގެ ހާލަތެވެ. ދިވެހިރާއްޖޭގެ ދުސްތޫރުގައި، ދައުލަތުގެ ބާރުތަކުގެ މަސްދަރުކަމުގައި ބުނެފައިވާ އެއްޗެއްގެ މަފްހޫމަކީވެސް އެއީމެ ކަމަށް ވިދާޅުވަމުން އެކަމުގެ މައްޗަށް ގާނޫނުއަސާސީން ދަލީލު ދެއްކެވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ފުރަތަމަ ދަލީލަކީ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނުއަސާސީގައި ކޮށްފައި އޮތް އަމުރެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ރިޔާސީ ބަޔާނުގައި ރައްޔިތުންގެ މަޖިލީހާ މުހާތަބުކުރިޔަސް ހަގީގަތުގައި އެއީ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނާ މުހާތަބު ކުރާ ކުރުމެކެވެ.

"އެވަގުތަކީ ދައުލަތުގެ އެންމެހައި ބާރުތަކުގެ މަސްދަރު އަދި ސިޔާދަތު ލިބިގެންވާ ހަގީގީ ވެރިފަރާތްކަމުގައިވާ ރައްޔިތުން އެއީ ސާހިބުކަމާއި، ޖުމްހޫރިއްޔަތުގެ ރައީސް އެއީ ހާދިމުކަން އެންމެ ބޮޑަށް ފާޅުވާންވީ ވަގުތެވެ." ޝައިހު ހުސައިން އަބްދުއްރަހުމާން ލިޔުއްވާފައި ވެ އެވެ.

ދެވަނަ ދަލީލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބަޖެޓު ހުށަހަޅަންޖެހުމެވެ. އެމަނިކުފާނު ވިދާޅުވާގޮތުން، ރައްޔިތުންގެ ފައިސާއިން ހަރަދުކުރަންވީ ގޮތެއްގެ ހުއްދަ ރައްޔިތުންގެ ކިބައި ހޯދަންޖެހުމަކީ ރައްޔިތުންނަކީ ހަގީގީ ބާރުވެރިކަން ސާބިތުކޮށްދޭ ދަލީލެކެވެ. ވަޒީރުންގެ މަޖިލީހާއި، ދައުލަތުގެ ކަންކަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މަގާމުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނުއަސާސީގައި އޮންނަ އޮތުމުންވެސް ރައްޔިތުންގެ ބާރުވެރިކަން ނޫން އެއްޗެއް ރަމްޒުކޮށް ނުދޭކަމުގައި ޝައިހު ހުސައިން އަބްދުއްރަހުމާން ދެކެވަޑައިގަންނަވަ އެވެ.

ދައުލަތެއްގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން، މިފަދަ ހަރުދަނާ ދަލީލުތަކުން ސާބިތުކޮށްދެއްވުމަށްފަހު ދެން ވިދާޅުވެއްދެއްވީ މިހާރަކަށް އައިސް ފެންނަ ހަގީގަތްތަކުގެ ވާހަކަ އެވެ. ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ރައްޔިތުންގެ ވަކީލުންނަށްވުރެ ބޮޑަށް ޝަރަފުވެރިކަމާއި ހައިބަތާއި ޖާހުގެ މަތިވެރިކަން ދައްކަވާ ރައީސުންގެ ޒިންމާދާރުކަމެއް ނެތްކަމުގެ ވާހަކަ އެވެ. ތިމަންނާއަކީ ރައްޔިތުންގެ ހާދިމެއްކަމާއި، މި ހުރެވެނީ ސާހިބުންގެ ކުރިމަތީގައިކަން ދަނެ އަދަބުވެރިކަން އިސްނުކުރާ ވާހަކަ އެވެ. ވެރިންގެ ހައިބަތު އިސްކޮށް ވެރިންނަށް ލިބިފައިވާ ހައިބަތުގެ ބޮޑުކަމުގެ މައްޗަށް އުފާކޮށް އެ ވާހަކަ ދައްކައި އުޅެނީ ކަމުގެ ހަގީގަތް ނޭނގޭ މީހުންކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ.

ދައުލަތެއްގެ ވެރިންނަކީ ރައްޔިތުންކަން ފަދަ ވަރަށް އަސާސީ މަފްހޫމެއް ސާބިތުކޮށްދިނުމަށް ޝައިހު ހުސައިން އަބްދުއްރަހުމާން ދަލީލުތައް ހުށަހަޅުއްވާފައި ހުރީ ވަރަށްވެސް ވަރުދަޔަށެވެ. އިސްލާމީ ޝަރީއަތުންނާއި ތާރީހުން ދަލީލުތައް ގެނެސްދެއްވީ އެ ދަލީލުތަކަށް ގޮންޖަހައި އެއްވެސް މީހަކަށް ދެއްކޭނޭ ހަމަ އެއްވެސް ވާހަކައެއް ނޯންނާނޭ މިންވަރަށެވެ. އަދި ގާނޫނީ ގޮތުން ދަލީލުތައް ގެނެސްދެއްވީ އެއަށް ދެވޭނޭ ޒުވާބެއް، ޖަދަލެއް ނޯންނާނޭ މިންވަރަށެވެ. މިހައި ވަރުގަދަކޮށް މިވާހަކަ ދެއްކެވީ، މި ވާހަކަތައް ގަބޫލުނުކުރާ، ބޯހަރު މީހަކު ރާއްޖޭގެ ރައީސްކަމަށް އަންނާނޭ ދުވަހެއް ދިވެހިން ދެކެފާނެޔޭ ހިތްޕުޅަށް އެރީތީއޭ ހީވެ އެވެ. މި އިލްމުވެރި އާލިމު ދެއްވި ނަސޭހަތާއި ދެއްކެވި ދަލީލުތަކުގައި ބުއްދީގެ އަހުލުވެރިއަކަށް ހިލާފެއް ނޯންނާނެ އެވެ.

ވެރިންނަށާއި ރައްޔިތުންނަށްވެސް އެތައް ފިލާވަޅެއް ލިބިދެވޭ މި ފޮތުގެ 'ރައްޔިތުންގެ ބާރުގެ ބާބު' ނިންމަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

"ހައިބަތެއް އޮންނަންޖެހޭނަމަ އެ ހައިބަތުގެ ހަގީގީ ވެރިޔަކީ ރައްޔިތުންކަމާމެދު އެމީހުން ވަނީ ޣާފިލުވެފަ އެވެ...ދައުލަތުގެ ރައީސަކީ ވަކި މުއްދަތަކަށް ރައްޔިތުން އެބައިމީހުންގެ މަސްލަހަތުތައް ބަލަހައްޓައި ހިންގުމަށް ހަވާލުކޮށްފައިވާ ހަވާލުދާރެކެވެ. ވަކީލެކެވެ. އަދި ހާދިމެކެވެ. ވީމާ، އެކަން އޭނާގެ ހުރިހައި އަމަލަކާއި މުއާމަލާތަކުން ފެންނަންވާނެ އެވެ... ރައްޔިތުންގެ މައްޗަށް އޭނާގެ ނަފުސު އުފުލައި ހައިބަތާއި ޖާހުގެ ބޮޑުކަން އެކިއެކި މަހާޒިރުތަކުން ދައްކައި އެމީހުން ނިކަމެތިކޮށް އަޅުދާސްކޮށްގެން ނުވާނެ އެވެ. އެއީ ކުރުން ހެޔޮނުވާނޭ ކަމެކެވެ. އަދި ގައުމުގެ ސިޔާދަތު ލިބިގެންވާ ހަގީގީ ވެރިފަރާތްކަމުގައިވާ ރައްޔިތުން އެކަމަށް ރުހި ތިބެގެންވެސް ނުވާނެ އެވެ."