Advertisement

ހުލާސާކޮށް އިއްޔެ: ހެލިކަޕްޓަރުތައް އުދުހުން

4 ޖޫން 2024 - 06:06 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ހުލާސާކޮށް އިއްޔެ: ހެލިކަޕްޓަރުތައް އުދުހުން

4 ޖޫން 2024 - 06:06 0

ރާއްޖޭގައި ތިބި އިންޑިއާގެ ޔުނިފޯމު އެޅި ސިފައިން އަނބުރާ ފޮނުވައިލި ނަމަވެސް އިންޑިއާ އަސްކަރިއްޔާގެ ހެލިކަޕްޓަރުތައް ގަވާއިދުން އުދުއްސަމުން ގެންދާކަން "އަދަދު" އަށް އެނގިފައިވާކަން އިއްޔެ ރިޕޯޓުކުރި އެވެ.

އެއާޕޯޓެއްގައި މަސައްކަތް ކުރާ މީހަކު ނަން ނުޖެހުމަށް އެދި "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ކޮންމެ ހަފުތާއަކު ދެ ފަހަރު މަދުވެގެން އެ ހެލިކަޕްޓަރުތައް އުދުއްސާ ކަމަށެވެ. ހެލިކަޕްޓަރުތައް އުދުއްސަނީ އެ އުޅަނދުތަކުގެ މެއިންޓެނެންސް ރެގިއުލޭޓު ކުރުމަށްޓަކައި ކަމަށް ވެސް އޭނާ ބުންޏެވެ.

"ކޮންމެ ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ހެލިކަޕްޓަރުތައް އުދުއްސާ، އަސްލު އެ އެއްޗެހި އެހެން ނުއުދުއްސާ ނުބެހެއްޓޭނެ ތާ،" އެ އޮފިޝަލް ބުންޏެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރާއްޖޭގައި ބޭނުން ކުރަމުންދިޔަ އިންޑިއާގެ ދެ ހެލިކަޕްޓަރާއި ޑޯނިއާތަކުގެ ބޭނުން ހިފުން ހުއްޓައިލީ ސަރުކާރު ބަދަލުވިފަހުންނެވެ. އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރު ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ.

އެ ވައުދު ފުއްދުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއާ އެމްބިއުލޭންސްގެ ހިދުމަތް ތައާރަަފުކޮށްފަ އެވެ. އޭގެ އިތުރުން ސިފައިން އެއާ ކޯ ތައާރަފުކޮށް އެ ހިދުމަތުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ތުރުކީން ތިން ޑްރޯން ގެނެސް ސަވައިލަންސްގެ މަސައްކަތް ވެސް ފަށައިފަ އެވެ.

އެކަންކަމާއެކު މިހާރު އިންޑިއާގެ ދެ ހެލިކަޕްޓަރާއި ޑޯނިއާގެ ބޭނުން މުޅީން ކެނޑިފައިވީ ނަމަވެސް ސަރުކާރުން އެއްބަސްވެފައި ވަނީ އެ އުޅަނދުތައް ރާއްޖޭގައި ބެހެއްޓުމަށެވެ. އަދި އެ އުޅަނދުތައް އޮޕަރޭޓު ކުރަން ގެނައީ އެ ހިލިކަޕްޓަރުތައް ހެދި، އެ ގައުމުގެ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ހިންދުސްތާން އޭރޮނެޓިކްސް ލިމިޓެޑު މުވައްޒަފުން ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ. އިންޑިއާއިން ބުނަމުން ދަނީ އެއީ ގާބިލް ޓެކްނިކަލް މީހުން ކަމަށެވެ.

އިންޑިއާ އަސްކަރިއްޔާގެ އުޅަނދުތައް އުދުއްސާތީ އެކަމާ ރާއްޖޭގެ ބައެއް ސިޔާސީ ބޭބޭފުޅުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

އެގޮތުން ކުރީގެ ހޯމް މިނިސްޓަރު، އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި، އުމަރު ނަސީރު ވަނީ އެ އުޅަނދުތައް ރާއްޖޭގައި ހުރިހައި ދުވަހަކު އިންޑިއާ އަސްކަރިއްޔާގެ އޮޕަރޭޝަންތައް ރާއްޖޭގައި ހިންގާނެ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އުމަރު ވިދާޅުވީ މި ސަރުކާރުން ވައުދުވީ ރާއްޖޭގައި ތިބި "އިންޑިއާ ސިފައިންގެ ބަޔަކު އަނބުރާ ފޮނުވައިލަން" އެކަނި ނޫން ކަމަށާއި ވައުދުވީ އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރު ކުރަން ކަމަށެވެ.

"ވައުދަކީ ވެސް އެއީ އިނގޭތޯ، އެއްގޮތަކަށް ވެސް މިއަދު މި ވައުދުގެ މަތީގައި އެކިއެކި ސްޕިން ލާނެ ކަމެއް ނެތް ގަވަންމެންޓަކުންނެއް އިނގޭތޯ. ވައުދަކީ ސިފައިން ބޭރުކުރުމެއް ނޫން، އެއީ ނޮންސެންސް، އެއީ ދޮގެއް އިނގޭތޯ، ވައުދަކީ އަސްކަރިއްޔާ ބޭރުކުރުން، މަގުމަތީ ފާރުތަކުގައި އެހެރީ [އެވައުދު] ލިޔެފައި އިނގޭތޯ،" އުމަރު ވިދާޅުވި އެވެ.

އެހެންނަމަވެސް ސަރުކާރުން ބުނަމުން ދަނީ އިންޑިއާ ސިފައިން ބޭރުކުރަންވީ ވައުދު ފުއްދައިފައިވާ ކަމަށެވެ.

ރާއްޖޭގައި ހުރި އިންޑިއާ އަސްކަރިއްޔާގެ އުޅަނދުތައް އުދުއްސުމާ ގުޅޭގޮތުން އެމްއެންޑީއެފްއަށް އަށް ގުޅުމުން ބަލައިލާނެ ކަމަށް ވިދާޅުވުމަށްފަހު ޖަވާބެއް ނުދެއްވަ އެވެ.

ނަމަވެސް ހެލިކަޕްޓަރުތައް އުދުއްސާއިރު، އޭގައި އެމްއެންޑީއެފްގެ ބޭކަލަކު އަބަދުވެސް ހުންނަވާ ކަމަށް "އަދަދު" އަށް މައުލޫމާތުދެއްވި އެއާޕޯޓުގެ އޮފިޝަލް ބުންޏެވެ.

މުހިއްމު ބައެއް ހަބަރު