Advertisement

ކޮމްޕެނީގެ އެދުމަށް ބަޔާނުން ފެނާންޑޭސް އަށް ފާރަލަނީ

4 ޖޫން 2024 - 07:01 0


ކޮމްޕެނީގެ އެދުމަށް ބަޔާނުން ފެނާންޑޭސް އަށް ފާރަލަނީ

4 ޖޫން 2024 - 07:01 0

މިއުނިކް (ޖޫން 4) - ބަޔާން މިއުނިކްގެ އާ ކޯޗު ވިންސެންޓް ކޮމްޕެނީ އެދޭތީ، އެ ޓީމުން، މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަށް ބިޑް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފެނާންޑޭސް، 29، މި ވަގުތު ޔުނައިޓެޑާ އެކު ކޮންޓްރެކްޓްގައި ހުރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ފާއިތުވި ހަފްތާތަކުގައި މީޑިއާގައި ފެނާންޑޭސްގެ މުސްތަގުބަލާ ގުޅުވައިގެން ގިނަ ވާހަކަތަކެއް ދެކެވުނެވެ. އެކަމަކު، އެފްއޭ ކަޕްގެ ޗެމްޕިއަންކަން ޔުނައިޓެޑުން ހޯދި މެޗަށް ފަހު ފެނާންޑޭސް ބުނީ، ޔުނައިޓެޑުން އޭނާ ބޭނުންވާހާ ހިނދަކު އެ ޓީމުގައި މަޑުކުރާނެ ކަމަށެވެ.

ޖަރުމަނުގެ ގަދަބާރު، ބަޔާންގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، އަލުން އެ ޓީމު ކުރީގެ ޓްރެކަށް ގެންނަން ކުރާ މަސައްކަތުގައި ކޮމްޕެނީ ވަނީ އެ ޓީމަށް ގެންނަން ޖެހޭ ކުޅުންތެރިންގެ ޝޯޓްލިސްޓެއް ހަދައިފަ އެވެ. ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ލިސްޓުގެ ކުރީގައި އޮތީ ފެނާންޑޭސްގެ ނަމެވެ.

ޕޯޗުގީސް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފެނާންޑޭސްގެ އޭޖެންޓާ އެކު، ބަޔާންގެ އޮފިޝަލުން ވަނީ ލިޒްބަންގައި ބައްދަލުވުންތަކެއް ތާވަލުކޮށްފަ އެވެ.

ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން، 233 މެޗުން ފެނާންޑޭސް ވަނީ 79 ލަނޑު ޖަހައި، 66 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.