2 ޖޫން 2024 - 23:00 0
މުހައްމަދު ޝަހްޒާން
އޭޝިއާ ޕެސިފިކް ޑިޕާޓްމެންޓް އޮފް ދަ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު، ޕައޮލާ ޕަމްޕަލޮނީއާ އެކު ފޮރިން މިނިސްޓަރު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓަރީ
2 ޖޫން 2024 - 23:00 0
ދިވެހިރާއްޖޭގެ ނޫ އިގުތިސާދު ކުރިއަރުވައި ވަރުގަދަ ކުރުމަށް ޔޫރަޕިއަން ޔޫނިއަނުން 6.5 މިލިއަން ޔޫރޯގެ އެހީ ރާއްޖެއަށް ދީފި އެވެ.
އެ ފައިސާ ރާއްޖެއަށް ހަދިޔާ ކުރީ މިއަދު އޭޝިއާ ޕެސިފިކް ޑިޕާޓްމެންޓް އޮފް ދަ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު، ޕައޮލާ ޕަމްޕަލޮނީއާ އެކު ފޮރިން މިނިސްޓަރީގައި މިނިސްޓަރު މޫސާ ޒަމީރު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިންނެވެ.
އެ ބައްދަލުވުމުގައި ޕަމްޕަލޮނީ ވަނީ ޔޫރަޕިއަން ޔޫނިއަންއާ ގުޅިގެން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލި އަޅުވާލައިފަ އެވެ.
އެގޮތުން އެކަމަނާ ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން އަރައިގަތުމުގައްޔާއި ޝަރުއީ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީ އެކަމަނާ ފާހަގަކުރެއްވި އެވެ.
ދިވެހިރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާގެ އިތުރުން ސެކްރެޓަރީ ބައިލެޓްރަލް ޑރ. ހަލާ ހަމީދު އާއި ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދުގެ އިތުރުން ވެސް ފޮރިން މިނިސްޓަރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ ރާއްޖޭގެ ފެހި، ނޫ އިގުތިސާދު ސިންދަފާތު ކުރުމާއި ތިމާވެށްޓާ ރައްޓެހި ތަރައްގީ ގެނައުމުގައި ޔޫރަޕިއަން ޔޫނިއަނުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
އޭގެއިތުރުން މިނިސްޓަރު ޒަމީރު ވަނީ ޝެންގެން ވިސާގެ ޝަރުތުތަކުން އިސްތިސްނާވާ ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ހިމެނައިދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ޕަމްޕަލޮނީ ރާއްޖެ ވަޑައިގެން އުޅުއްވަނީ ދިވެހިރާއްޖެއާޢި ޔޫރަޕިއަން ޔޫނިއަން ސީނިއާ އޮފިޝަލްސް ބައްދަލުވުން ކޯ-ޗެއާ ކުރެއްވުމަށެވެ.
Comment