Advertisement

ސްކޫލްތައް އޭސީކުރުމުގެ މަޝްރޫއު "ކޫލް ސްކޫލް" ގެ ނަމުގައި އިފުތިތާހު ކޮށްފި

2 ޖޫން 2024 - 10:28 0

އަހުމަދު އާއިދު

އަހުމަދު އާއިދު

'ކޫލް ސްކޫލް' މަޝްރޫއު ފަށަން މިއަދު މާފުށީގައި ބޭއްވި ހަފުލާގެ ތެރެއިން - ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ


ސްކޫލްތައް އޭސީކުރުމުގެ މަޝްރޫއު "ކޫލް ސްކޫލް" ގެ ނަމުގައި އިފުތިތާހު ކޮށްފި

2 ޖޫން 2024 - 10:28 0

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު 'ކޫލް ސްކޫލް' ގެ ނަމުގައި މިއަދު އިފުތިތާހުކޮށްފި އެވެ.

އެ މަޝްރޫއުގެ ދަށުން އޭސީގެ ކުރުމުގެ މަަސައްކަތް މިއަދު ފަށީ ކ. މާފުށީގައި ހުންނަ މާފުށީ ސްކޫލެވެ. އެ ރަށު ސްކޫލް އޭސީ ކުރަނީ ރަށު ކައުންސިލުން އިސް ނަގައިގެން، މާފުށި ލޯކަލް އޮތޯރިތީ ކުންފުންޏާ ހަވާލުކޮށްގެނެވެ.

މާފުށި ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ދަށުން މާފުށީ ސްކޫލު އޭސީ ކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ބެލެވެ އެެވެ.

މާފުށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަޝްރޫއު އިފުތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއަކީ ސްކޫލުތަކުގެ މާހައުލު ރަނގަޅުކުރުމަށް ވިސްނައިގެން ސަރުކާރުން ހިންގާ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އޭސީތަކަށް ދޭ ކަރަންޓުގެ 30 ޕަސެންޓު ކަރަންޓަކީ ސޯލާ ޕެނަލް ފަދަ ރިނިއުބަލް އެނާޖީ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސް މުއިއްޒު އިރުޝާދުދެއްވާފައިވާ ކަމަށް މިއަދުވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި، އެ މަޝްރޫއު ދަށުން ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއް އޭސީ ކުރެވޭނެ ކަމަށްވެސް މިއަދު ވަޒީރު ވިދާޅުވި އެވެ.

ހޫނު ގަދަ ކްލާސްތައް އޭސީ ކުރުމަށް އެންމެ ފުރަތަމަ ރައީސް އެންގެވީ ފެބްރުއަރީ 27، ގައި ހދ. މަކުނުދޫއަށް ވަޑައިގަނެ ވާހަކަދައްކަވަމުންނެވެ.

އޭގެ ފަހުން ޖަމާލުއްދީން ސްކޫލުގެ ކްލާސް ރޫމްތަކަށް ހޫނުގަދަވާތީ ފަންކާ ބަހައްޓަން ބެލެނިވެރިންގެ އެހީއަށް އެދުނު މައްސަލަ ބޮޑުވެ، ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި "ކޮމިއުނިޓީގެ އެހީތެރިކަމާއެކު" އޭސީ ހަރުކުރަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމީ މިމަހު 13 ގަ އެވެ.

މި މަޝްރޫއުގެ ދަށުން އޭސީ ހަރުކުރުމަށް 600 މިލިއަން ރުފިޔާ އަދި އެއަށްފަހު އޭސީތައް ބެލެހެއްޓުމާއި ބިލުތަކަށް އަހަރެއްގެ މައްޗަށް 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރު އަދި ފަންނީ ތަޖުރިބާކާރު ޑރ. ހަސަން ހަމީދު ލަފާކުރެ އެވެ.