Advertisement

ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް ޔޫރަޕްގެ ރަސްކަމަށް

2 ޖޫން 2024 - 02:34 0


ރެއާލް މެޑްރިޑުން 15 ވަނަ ފަހަރަށް ޔޫރަޕްގެ ރަސްކަމަށް

2 ޖޫން 2024 - 02:34 0

ލަންޑަން (ޖޫން 2) - ދެ ވަނަ ހާފުގައި ޖެހި ދެ ގޯލުން 2-0 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް، ރެއާލް މެޑްރިޑުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން 15 ވަނަ ފަހަރަށް ހޯދައިފި އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގު ރެއާލަށް ހާއްސަ އެވެ. މިއީ، އެ ކްލަބުން މެޗަކުން ބަލިނުވެ، ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ.

މިއީ، އެންމެ ފަހު 11 ސީޒަނުގެ ތެރޭގައި ރެއާލުން މި ތަށި އުފުލާލި ހަ ވަނަ ފަހަރެވެ. އަދި ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އަކީ މި ތަށި އެންމެ ގިނަ ފަހަރު ހޯދި ކޯޗެވެ. މިއީ އޭނާ މި ތަށި ހޯދި ފަސް ވަނަ ފަހަރެވެ. ކުޅުންތެރިއެއްގެ ގޮތުގައި ދެ ފަހަރު ހޯދި އެވެ.

އިނގިރޭސި ރަސްމީ ސްޓޭޑިއަމް، ވެމްބްލީގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށް ގޯލާ ސީދާކޮށް ޝޮޓެއް ވެސް ނުޖެހުނެވެ.

ފުރަތަމަ ހާފުގައި، ޑޮމިނޭޓްކޮށްގެން ކުޅުނު، ޑޯޓްމަންޑްގެ ކަރީމް އަޑެޔޭމީ އަށް ލިބުނު ހުސް ފުރުސަތުގައި ގޯލަށް ފޮނުވާނުލެވުނުއިރު، ޑޯޓްމަންޑްގެ ފޯވާޑް ނިކްލަސް ފުލްކްރޫގް ޖެހި ޝޯޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެ ވަނަ ހާފު ފަށައިގެން ރެއާލުން ކުރިއަށް ޖެހިގެން އެޓޭކްތައް ގިނަކުރިއިރު، ޑޯޓްމަންޑްގެ ކީޕަރު ގްރެގޯ ކޮބެލް ވަނީ ރެއާލްގެ ހަމަލާތައް ހުއްޓުވައިފަ އެެވެ. ޑޯޓްމަންޑްގެ ރަނގަޅު އެޓޭކްތަކެއް ފެނިގެންދިޔައިރު، އެ ބޯޅަތައް ހުއްޓުވުމުގައި ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާގެ ހުށިޔާރުކަން ފެނިގެންދިޔަ އެވެ.

ކޯޓުއާ މި މެޗުގައި ކުޅުނުއިރު، މި ފަހަރު ޗެމްޕިއަންސް ލީގުގައި ރެއާލް ގޯލު ބެލެހެއްޓުމުގައި ތަފާތު ދެއްކި ޔޫކްރެއިންގެ ކީޕަރު އަންޑްރީ ލުނިން އިނީ ބެންޗުގަ އެވެ. ކޯޓުއާ ވަނީ މި މެޗުގައި، އޭނާގެ ތަޖުރިބާގެ ބޭނުންކޮށް މުހިންމު ވަގުތުތަކުގައި ތަފާތު ދައްކައިފަ އެވެ.

ރެއާލުން ލީޑުނެގީ، މެޗުގެ 74 ވަނަ މިނިޓްގަ އެވެ. ޓޯނީ ކްރޫސް ނެގި ކޯނަރަކުން މި ލަނޑު ޖެހީ ޑެނީ ކާވަހާލް ބޮލުންނެވެ.

އޭގެ އިރުކޮޅެއް ފަހުން، ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަށް ހުސްކޮށް ލިބުނު ފުރުސަތުން ލީޑުފުޅާނުކުރެވުނެވެ. އެކަމަކު، މެޗުގެ 83 ވަނަ މިނިޓްގައި ރެއާލުން ދެ ވަނަ ލަނޑު ޖެހީ، ބެލިންހަމްގެ އެހީއާ އެކު އެވެ. ޑޯޓްމަންޑްގެ އިއަން މާޓްސަން ފަހަތަށް ދިން ބޯޅަ ހޯދައި، ބެލިންހަމް ވަނީ ހުސްކޮށް ހުރި، ވިނީޝިއުސް ޖޫނއާ އަށް ދީފަ އެވެ. އޭނާ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވައިލައިފަ އެވެ.

އަލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި، ޑޯޓްމަންޑްގެ ފުލްކްރޫގް ބޮލުން ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ޑޯޓްމަންޑް މި ވަނީ އަނެއްކާ ވެސް ވެމްބްލީ ސްޓޭޑިއަމްގައި ޗެމްޕިއަންސް ލީގު ފައިނަލަކުން ބަލިވެފަ އެވެ. އެ ޓީމުން، އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލުގައި، 2013 ވަނަ އަހަރު ބަލިވީ ބަޔާން މިއުނިކް އަތުންނެވެ.

ރެއާލުން މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، މި މެޗާ އެކު، ޓޯނީ ކްރޫސް، އޭނާގެ ކްލަބް ފުޓްބޯޅަ ކެރިއަރު ނިންމާލާފައިވަނީ ހަ ޗެމްޕިއަންސް ލީގާ އެކު އެވެ. އެއީ ރެއާލާ އެކު ފަސް ފަހަރާއި ބަޔާން މިއުނިކާ އެކު އެއް ފަހަރު ތަށި ހޯދައިގެންނެވެ.