Advertisement

ރެއާލް ކައިރިން ޑޯޓްމަންޑް އުންމީދުކުރަނީ ހައިރާންކުރަނިވި ނަތީޖާ އަަކަށް

1 ޖޫން 2024 - 10:45 0

ޑޯޓްމަންޑްގެ ކޯޗު ޓާޒިޗް.


ރެއާލް ކައިރިން ޑޯޓްމަންޑް އުންމީދުކުރަނީ ހައިރާންކުރަނިވި ނަތީޖާ އަަކަށް

1 ޖޫން 2024 - 10:45 0

ލަންޑަން (ޖޫން 1) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު، ބޮރޫޝިއާ ޑޯޓްމަންޑުން އުންމީދުކުރަނީ ހައިރާންކުރަނިވި ނަތީޖާއެއް ނެރެ ކާމިޔާބު ހޯދުމަށް ކަމަށް އެ ޓީމުގެ ކޯޗު، އެޑިން ޓާޒިޗް ބުނެފި އެވެ.

ރެއާލުން 15 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމުގެ އަޒުމުގައި މިރޭގެ ފައިނަލަށް ނުކުންނައިރު، މިއީ، އެ ޓީމުން އެންމެ ފަހުން 11 ސީޒަނުގެ ތެރޭގައި ފައިނަލުގައި ކުޅޭ ހަ ވަނަ ފަހަރެވެ. ޑޯޓްމަންޑުން އެންމެ ފަހުން ފައިނަލުގައި ކުޅެފައިވަނީ، 2013 ވަނަ އަހަރު އެވެ. ބަޔާން މިއުނިކާ ވާދަކޮށް ޑޯޓްމަންޑް ވަނީ ބަލިވެފަ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މި ފަހަރު ވެސް ޑޯޓްމަންޑުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެން ޖެހުނުއިރު، އެ ޓީމުގެ ކޯޗު ޓާޒިޗް ބުނީ، މުބާރާތުގައި މިހާތަނަށް އެ ޓީމުން ކޮންމެ ހަރުފަތެއް ގިރާކުރީ ވެސް ފޭވަރިޓުންގެ ގޮތުގައި ކުރިމަތިލައިގެނެއް ނޫން ކަމަށެވެ.

"ފޭވަރިޓަކީ އެ މީހުން (ރެއާލް މެޑްރިޑް)، އެކަމަކު އެއީ އަހަރެމެން ވިސްނަން ޖެހޭ ކަމެއް ނޫން. އެއީ އަހަރެމެން ކުރިމަތިލި އެއްވެސް ޗެެލެންޖެއްގައި އަހަރެމެންނަކީ ފޭވަރިޓުންނެއް ނޫން. މިސާލަކަށް، އެތުލެޓިކޯ މެޗު ވިޔަސް، ޕީއެސްޖީއާ އެކު ވިޔަސް،" ޓާޒިޗް ބުންޏެވެ.

"މަސައްކަތް ކޮށްގެން ހައިރާންކުރަނިވި ނަތީޖާއެއް ނެރެވިދާނެ،"

ޑޯޓްމަންޑުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވަނީ 1997 ވަނަ އަހަރު އެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ފަސޭހަނުކޮށްލައި، މެޗުގެ މުހިންމުކަން ދެކިގެން މަސައްކަތްކުރަން އެ ޓީމުގެ ކުޅުންތެރިންނަށް ގޮވާލައިފަ އެވެ.

"ޗެމްޕިއަންސް ލީގުގެ ފައިނަލަކީ ސީޒަނުގެ އެންމެ މުހިންމު މެޗު. އަހަރެން ދެކޭ ގޮތުގައި ފުޓްބޯޅައިގައި އެންމެ ބިރުވެރި، ހީނުކުރާ ނަތީޖާ ވެސް ނުކުމެދާނެ މެޗު،" ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އަންޗެލޮޓީ ބުންޏެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ރެއާލަށް މޮޅު ކުޅުމެއް ދެއްކި ގޯލްކީޕަރު، ޔޫކްރެއިންގެ އަންޑްރީ ލުނިން، ފައިނަލް މެޗަށް ޓީމާ އެކު ދަތުރުނުކުރީ ބަލިވެ އުޅޭތީ، ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. ފައިނަލު މެޗުގައި ފުރަތަމަ އެގާރައިގައި ކުޅޭނީ، ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާ ކަމަށާއި ލުނިން ބެންޗަށް އަންނާނެ ކަމަށް އަންޗެލޮޓީ ވަނީ ހާމަކޮށްފަ އެވެ.

ރެއާލުން މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކުޅުނު، 54 މެޗުގެ ތެރެއިން ބަލިވީ ދެ މެޗުންނެވެ.