31 މޭ 2024 - 23:41 0
އަހުމަދު އާއިދު
ގުޅީފަޅު ހިއްކުމުގެ މަސައްކަތުގެ ތެރެއިން : ގިރާވަރުން ގުޅީފަޅަށް ގޯތި ބަދަލުކުރަން އެދުނު މީހުންގެ ގުރުއަތުލުން އަންގާރަ ދުވަހު ބާއްވަނީ - ފޮޓޯ: ބޮސްކާލިސް
31 މޭ 2024 - 23:41 0
ކުރީގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރަން މި ސަރުކާރުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ މެދުގައި ނަގާ ގުރުއަތުލުން އަންގާރަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލުކުރަން ހުޅުވާލި ފުރުސަތުގައި 2210 މީހުން އެ ކަމަށް އެދި ފޯމު ހުށަހެޅި އެވެ. ގުރުއަތު ނަގަނީ އޭގެ ތެރެއިން 1،250 އަކަފޫޓުގެ ގޯތިތަކާއި 1،650 އަކަފޫޓުގެ ގޯތިތަކަށް ހުށަހެޅި ފަރާތްތަކުގެ އަދަދު، ކަނޑައެޅިފައިވާ ގޯތިތަކުގެ އަދަދަށް ވުރެ ގިނަ ވުމުންނެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ގުރުއަތުލުން އޮންނާނީ ޖޫން މަހުގެ ހަތަރުވަނަ ދުވަހު މެންދުރު 12:00 ގައި ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.
ގުރުއަތުލުމަށް ނުދެވޭ ފަރާތްތަކުން ބަދަލުގައި ފޮނުވާ ފަރާތުގެ މައުލޫމާތާއި އައިޑީކާޑު ކޮޕީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ޖޫން ތިނެއްގެ މެންދުރު 12:00 ގެ ކުރިން ފޮނުވުމަށްވެސް މިނިސްޓްރީން އެދިފައިވެ އެވެ.
މި ފުރުސަތުގައި 1،250 އަކަފޫޓުގެ 196 ގޯއްޗަށް 1،093 ފަރާތަކުން ހުށަހަޅާފައިވެ އެވެ. 1،650 އަކަފޫޓުގެ 663 ގޯއްޗަށް 880 ފަރާތަކުން ހުށަހަޅާފައިވެ އެވެ. 2،050 އަކަފޫޓުގެ 234 ގޯއްޗަށާއި 2،450 އަކަފޫޓުގެ ތިން ގޯއްޗަށް ކުރިމަތިލީ އެ އަދަދަށެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލު ކުރަނީ ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ ވަރަށް ގޯތި ދޭން ޖާގަ ނެތިގެން ކަމަށެވެ.
ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށް މި ސަރުކާރުން ބުނެ އެވެ.
އެ ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެ ނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
ގުޅީފަޅުން އިތުރު ގޯތި ދިނުމުގެ ވިސްނުމުގައި ކުރިން ކަނޑައަޅާފައިވާ ވަރަށް ވުރެ އިތުރަށް ހިއްކުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ.
Comment