Advertisement

ހުލާސާކޮށް އިއްޔެ: ސީޕީ ދެއްވީ އެއްވަނައިގެ ތަގުރީރެއް!

30 މޭ 2024 - 06:34 0

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު


ހުލާސާކޮށް އިއްޔެ: ސީޕީ ދެއްވީ އެއްވަނައިގެ ތަގުރީރެއް!

30 މޭ 2024 - 06:34 0

މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުން ދުރުވެ ތިބެގެން ނޫނީ ރައްޔިތުންގެ އިތުބާރާއި ލޯބި ފުލުހުންގެ މުއައްސަސާއަށް ނުލިބޭނެ ކަމަށާއި ދިވެހި ގައުމަށް ދެރަވާނޭ ފަދަ އެއްވެސް ކަމެއް ނުކުރާން އަޒުމު ކަނޑައެޅުމަށް ފުލުހުންގެ ކޮމިޝަނަރު، އަލީ ޝުޖާއު އިލްތިމާސް ފުލުހުންނަށް ރޭ އިލްތިމާސްކުރެއްވި އެވެ.

ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު ޝުޖާއު ވިދާޅުވީ ކޮންމެ ފަރުދަކާމެދު ވެސް ހަމަހަމަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަކީ ފުލުހުން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމެއް ކަމަށެވެ.

"އަބަދުވެސް ކަންކަން ހައްލުކުރުމުގައި ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުން ކުރުމަކީ އެންމެފަހުން ކުރާ ކަމެއްގެ ގޮތުގައި ހަދަން އެބަޖެހޭ، އިސްލާމީ ރިވެތި ސުފަތައް ނަފުސުތަކުގައި ހަރުލައްވަން އެބަޖެހޭ، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުން ފުލުހުން އެއްކިބާ ވާންޖެހޭ،" ޝުޖާއު ވިދާޅުވި އެވެ.

މިފަހުން ސޯޝަލްމީޑިއާގައި މީހުންނަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ މީހާއަކީ ފުލުހެއްކަން އެނގުނު ހިސާބުން، އެކަމަށް އާންމުން ކޮށްފައި ހުރި ކޮމެންޓުތައް ކިޔައިލުމުން އެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެފައިވާކަން ވަޒަން ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދަން ބޭނުން ނަމަ މަަސައްކަތުގެ މާހައުލުގައި ވެސް އަމިއްލަ ދިރިއުޅުމުގައި ވެސް އެއްވެސް ފުލުހެއްގެ ފަރާތުން ގައުމަށް ނުވަތަ ފުލުހުންގެ ހިދުމަތަށް ދެރަވާނޭ ފަދަ އެއްވެސް ކަމެއް ނުކުރާން އަޒުމު ކަނޑައެޅުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

އޭގެއިތުރުން ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށް ގަވާއިދުގެ ތެރެއިން ކަންކަން ކުރުމަށް ވެސް ޝުޖާއު ގޮވައިލެއްވި އެވެ.

"ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް މި މުއައްސަސާ ހެދޭނީ ތިޔަ އޮފިސަރުން މި މުއައްސަސާއިން ބޭނުންވާ ކަންކަން ހާސިލު ކުރަން މުއައްސަސާގައި ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކޮށްގެން، އެއްގޮތަކަށް ވެސް ސިޔާސީ ފަރާތެއްގެ އެހީތެރިކަން ހޯދައިގެން އެފަދަ ކަންކަން ކުރުމުގެ ވިސްނުން ނުގެންގުޅޭތި،" އަލަށް ފުލުހުންގެ ވަޒީފާގެ ހުވާ ކުރި ފުލުހުންނާ މުހާތަބު ކުރައްވައި ޝުޖާއު ނަސޭހަތް ދެއްވަމުން ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުވާލައި ޝުޖާއު ވިދާޅުވީ މިހާރު މިއޮތީ ކޮންމެ ފުލުހަކު ވަކިވަކީން ވެސް މަސްތުވާތަކެތި ހުއްޓުވުމަށް މަސައްކަތް ކުރާންޖެހޭ ހިސާބަށް ކަންކަން ގޮސްފައި ކަމަށެވެ.

އެހެންކަމުން މަސައްކަތުގައި ހީވާގިވުމަށް ޝުޖާއު ފުލުހުންނަށް ނަސޭހަތްތެރިވި އެވެ.

"ގައުމު ދެކެ ލޯބިވާކަން، ގައުމީ ލޭ ތިޔައިން ކޮންމެ އޮފިސަރެއްގެ ހަށިގަނޑުގައި ހިނގާކަން ފެންނަން އެބަޖެހޭ، ތިޔަ އޮފިސަރުންނާ ހަވާލު ކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރާ ގޮތުން މިދެންނެވި ސިފަތައް ހުރިކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެ، ރައްޔިތުންގެ ކަންބޮޑުވާ ކޮންމެ ކަމަކީ ތިޔަ އޮފިސަރުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަޖެހޭ، ހަވާލު ކުރެވޭ ޑިއުޓީ އަދާ ކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަންޖެހޭ" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއުގެ ވާހަކަކޮޅު ނިންމަވައިލައްވަމުން ފުލުހުންގެ ހިދުމަތުގެ ތަރައްގީއަށް ސަރުކާރުން ކޮށްދެއްވާ ކަންކަމަށް ރައީސްއަށާއި މިނިސްޓަރަށް ޝުކުރު އަދާ ކުރެއްވި އެވެ.

މުހިއްމު ބައެއް ހަބަރު