Advertisement

ފްރެންޗް އޯޕަން އިން ކަޓައިފި، ނަޑާލް ވިސްނަނީ އޮލިމްޕިކްސް އަށް

28 މޭ 2024 - 12:28 0


ފްރެންޗް އޯޕަން އިން ކަޓައިފި، ނަޑާލް ވިސްނަނީ އޮލިމްޕިކްސް އަށް

28 މޭ 2024 - 12:28 0

ޕެރިސް (މެއި 28) - މި ފަހަރުގެ ފްރެންޗް އޯޕަންގެ ފުރަތަމަ ބުރުން އެ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ، ރަފައެލް ނަޑާލް ކަޓާފައިވާއިރު، ދެން ބޮޑު މުބާރާތަކަށް އެނބުރި އަންނަން ބޭނުންވަނީ، އޮލިމްޕިކްސް އަށް ކަމަށް ހާމަކޮށްފި އެވެ.

ސާދަ ފަހަރު ފްރެންޗް އޯޕަންގެ ތަށި އުފުލާލައި، މުބާރާތުގެ ރެކޯޑެއް ހާސިލްކޮށްފައިވާ ނަޑާލް، 37، މި ފަހަރުގެ މުބާރާތުން ކެޓީ ފުރަތަމަ ބުރުގައި، އަލެކްސަންޑާ ޒްވެރެވް އަތުން ބަލިވުމުންނެވެ. ނަޑާލް، އެ މެޗަށް ފަހު ވަނީ، އަލުން ދެން އެ މުބާރާތުގައި އޭނަ ނުފެނިދާނެ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ.

ގްރޭންޑް ސްލޭމް ޓެނިސް 22 މުބާރާތް ކާމިޔާބުކޮށްފައިވާ ނަޑާލް ވަނީ ކެރިއަރުގައި ދެން ކުރިއަށްދާނީ ވަރަށް ރަނގަޅަށް ހަށިގަނޑަށް ބެލުމަށް ފަހު، ފިޓްނަސްގެ ކަންކަމަށް ވީ އެންމެ ރަނގަޅަށް ފަރުވާ ބަހައްޓައިގެން ކަމަށެވެ.

އެ ގޮތުން، ޖުލައި 1 ވަނަ ދުވަހު ފަށާ ވިމްބަލްޑަން ޓެނިސް މުބާާރާތުގައި ވާދަކުރުމަކީ، ރަނގަޅު ހިޔާލެއް ނޫން ކަމަށާއި ސަބަބަކީ، ކުއްލިއަކަށް ކްލޭ ކޯޓުގެ ޓްރެއިނިންތައް ވިނައިގައި ކުޅެން ބަދަލުނުކޮށްލެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި، ޕެރިހުގައި ޖުލައި 27 ގައި ފަށާ އޮލިމްޕިކްސްގައި ކުޅުމަކީ މި ވަގުތަށް އޮތް ޓާގެޓް ކަމަށް ނަޑާލް ވަނީ ބުނެފަ އެވެ.

ބެއިޖިންގައި 2008 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ޓެނިސް ފިރިހެން ބައިން ރަން މެޑަލް ހޯދި ނަޑާލް މި ފަހަރުގެ އޮލިމްޕިކްސްގައި ޑަބަލްސް އިވެންޓްގައި ވާދަކުރެވޭތޯ މަސައްކަތްކުރާއިރު، އޭނާ ޕެއާ ކުރާނީ އަރަމުން އަންނަ ޓެނިސް ތަރި، ކާލޯސް އަލްކަރާޒް އެވެ.

މިދިޔަ 18 މަސް ދުވަހު އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ނަޑާލް ބުނީ، އޮލިމްޕިކްސްގައި ކުޅުމާ މެދު ސީދާ ގޮތެއް ނިންމާނީ، އޭނާގެ ޓީމާ މަޝްވަރާކޮށް، ފިޓްނަސްގެ ކަންކަން 100 ޕަސެންޓްގައި ހުރެފިނަމަ ކަމަށެވެ.