27 މޭ 2024 - 10:11 0
އަހުމަދު އާއިދު
މީދޫ ދާއިރާގެ މެންބަރު ސިޔާމް : މަޖިލީހުގެ ރައީސާއި ނައިބު ހޮވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ސިޔާމް - ފޮޓޯ: މަޖިލިސް އިދާރާ
27 މޭ 2024 - 10:11 0
މާދަމާ ހުވާކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވަން ބާއްވާ، އެ މަޖިލީހުގެ ފުރަތަަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރަން ބާއްވާ ޖަލްސާ އޮންނާނީ މާދަމާ 9:00 ގަ އެވެ. އާ މަޖިލީހުގެ 93 މެންބަރުން ހުވައި ކުރެއްވުމަށް ފަހު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ 10:15 ގަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ފިޔަވާ، ނުވަތަ އެ ދެ މަގާމަށް މެންބަރަކު އައްޔަންކުރާ ހާލަތުގައި ރިޔާސަތު ބަލަހައްޓަވާނީ އެ ވަގުތު މަޖިލީހުގައި އިންނެވި މެދުނުކެނޑި މަޖިލީހުގައި އެންމެ ގިނަ ދައުރު އަދާކޮށްފައިވާ މެންބަރެވެ.
މަޖިލީހުގެ ޑިރެކްޓަރް އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު "އަދަދު" އަށް ވިދާޅުވީ މާދަމާގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ސިޔާމް ކަމަށެވެ.
އެފަދައިން ދައުރުގެ އަދަދު އެއްގޮތްވާ މެންބަރު ތިބި ނަމަ ބަލާނީ އުމުރުން އެންމެ ދޮށީ މެންބަރަކަށެވެ.
މާދަމާ މަޖިލިސް ހުވާ ކުރާއިރު އެޕްރީލް 21، ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީއިން 66 ގޮނޑި ކާމިޔާބު ކުރި އިރު، އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބު ކުރި އަށް މެންބަރަކު ވަނީ ޕީއެންސީއާ ގުޅިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ތާއީދު އޮވެގެން ވާދަކުރި މީހުން ވެސް ހިމެނެ އެވެ. މި މެންބަރުންނާއެކު އެކު ޖުމްލަ މިވަގުތު ޕީއެންސީގެ 75 މެންބަރަކު މަޖިލީހުގައި އެބަތިއްބެވެ.
ހަމައެހެންމެ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެ ޕާޓީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް މަސައްކަތް ކުރައްވަނީ ސަރުކާރާ އެކީގަ އެވެ.
މިއާއެކު 20 ވަނަ މަޖިލީހުގައި ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ދޭން މަޖިލީހުގައި ތިބޭނެ މެމްބަރުންގެ އަދަދު ވަނީ 79 އަށް އަރަ އެވެ. މިއީ މިދިޔަ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު ވަރަށް ވުރެ ވެސް ބޮޑު އަގުލަބިއްޔަތެކެވެ. އިދިކޮޅު އެމްޑީޕީއަށް މިފަހަރުގެ މަޖިލިސް އިންތިހާބުގައި ކާމިޔާބު ކުރެވިފައިވަނީ އެންމެ 12 ގޮނޑި އެވެ.
Comment