26 މޭ 2024 - 23:06 2
އަހުމަދު އާއިދު
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް : އެމަނިކުފާނު ވަނީ ބޮސްނިއާ މުސްލިމުންގެ ގަތުލުއާންމު ފާހަގަ ކުރުމާ ރާއްޖެއިން ދެކޮޅު ހެދި ސަބަބު ހާމަކުރަން ގޮވާލާފަ - ފޮޓޯ: އަދަދު
26 މޭ 2024 - 23:06 2
މީގެ 29 އަހަރު ކުރިން ބޮސްނިއާގައި އެތައް ހާސް މުސްލިމުން މަރައި ހިންގި ގަތުލުއާންމު ފާހަގަ ކުރަން އދ. އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ތާއީދު ނުކުރި ސަބަބު ހާމަކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ބޮސްނިއާ ގަތުލުއާއްމު ފާހަގަކުރަން ވޯޓުނުދިން ސަބަބު ހާމަކުރަން މައުމޫނު އެދިވަޑައިގެންނެވީ ދަރިކަލުން ފާރިސް މައުމޫން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށް "ރެޕްލައި"ކުރައްވަމުންނެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ މިނިސްޓަރު ޒަމީރު އެކަން ސާފުކޮށްދެއްވުމަށެވެ.
ޖުލައި 11، 1995 ގައި ބޮސްނިއާގެ ސްރޭބްރޭނީޓްސްއާގައި 8،372 މުސްލިމުން މަރައިލި އެވެ. އެކަން ކުރީ 1992 ވަނަ އަހަރު ފެށި ބޮސްނިއާ ހަނގުރާމައިގެ ތެރެެއިން ބޮސްނިއާ ސާބްސްއަށް ނިސްބަތްވާ މިލިޓަރީ ގްރޫޕަކުންނެވެ. އޭރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ މައުމޫނެވެ.
ފާރިސްގެ ޕޯސްޓުގައި އޭނާ ވަނީ އޭރު ދިވެހިން ބޮސްނިއާގެ މުސްލިމުންނަށް ކުރި ތާއީދާއި އެކަމުގައި ދިވެހިން ދެއްކި މިސާލު، އެ ހަނދާންތައް ހުންނާނެ އުމުރުގެ މީހުންގެ ހަނދާނުން ފިލާނުދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ބޮސްނިއާ މުސްލިމުންގެ ގަތުލުއާންމު ފާހަގަކޮށް އެ ދުވަސް ހަނދާން ކުރުމަށް ހުށަހެޅި އެ ގަރާރަށް ވޯޓަށް ހުޅުވާލުމުން، ވޯޓުގައި ބައިވެރިވި ނަމަވެސް ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ. ރާއްޖެއިންވީ "އެބްސްޓެއިން" އެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން އަދި ދިވެހި ސަރުކާރުގެ އެއްވެސް ފަރާތަކުން މިހާތަަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
މި ސަރުކާރުން އެންމެ ގާތް ހާރިޖީ ގުޅުމެއް ބާއްވާ ޗައިނާއިން ވޯޓު ދިނީ އެ ގަރާރު ފާސް ކުރުމާ ދެކޮޅަށެވެ. ރާއްޖެއެކޭ އެއްގޮތަށް އަވަށްޓެރި އިންޑިއާއިން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ. އިނގިރޭސިވިލާތާއި އެމެރިކާއިން ވޯޓު ދިނީ ގަރާރު ފާސް ކުރުމަށެވެ. އިޒްރޭލުން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
ގަރާރު ފާސް ކުރީ 84 ގައުމުގެ ތާއީދާއެކު އެވެ. ގަރާރު ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ އެންމެ 19 ގައުމެވެ. ނަމަވެސް އެއްވެސް ކޮޅަކަށް ވޯޓުނުލާ 68 ގައުމެއް ތިއްބެވެ.
ބޮސްނިއާގެ މުސްލިމުން މެރި ހާދިސާއަކީ ގަތުލުއާންމެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އޮތީ ބަލައިގަނެފަ އެވެ.
Comment