މަދަނީ ކޯޓާއި އާއިލާގެ ކޯޓު ހިންގަނީ ޖުޑިޝަރީއަށް ދީފައިވާ އިމާރާތެއްގެ ބަޔަކުންނެވެ. އާއިލާ ކޯޓުގެ ބައެއް އެހެން އިމާރާތެއްގައި ވެސް ހިންގަ އެވެ. ޖިނާއީ ކޯޓު ހިންގަނީ ދެތިން ކޮޓަރިއެއްގަ އެވެ. ހައި ކޯޓާއި ސުޕްރީމް ކޯޓު ހިންގަނީ ކުރީގެ ރިޔާސީ ގަނޑުވަރުގަ އެވެ.
ދާއިމީކޮށް ރަނގަޅު ފެންވަރުގެ، އުމްރާނީ ބިނާއެއް މިއިން ސުޕީރިއާ ކޯޓެއް ހިންގާކަށް ނެތެވެ. ވަސީލަތްތައް ވެސް އެހާމެ މަދެވެ. މިއިން ތަނެއްގައި، ރަނގަޅު ސެކިއުރިޓީއެއް ހަމަޖެއްސެން ވެސް ނެތެވެ. ފަނޑިޔާރުން ދަތުރުކޮށް ހަދަން ޖެހެނީ، އާންމު އެހެން މީހެކޭ ވެސް އެއް ބީދައަކުންނެވެ.
ދައުލަތުން ބަޖެޓު ދިނުމުގައި ޖުޑިޝަރީއަށް ވެސް އޮންނަނީ އެހެން މުއައްސަސާތަކަށް އޮންނަ ހަމަ އެވެ. ފުރަތަމަ، ޑްރާފްޓް ބަޖެޓެއް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމެވެ. ދެން ފިނޭންސުން މަޖިލީހަށް ހުށަހަޅާއިރު ބޭނުން ބަދަލެއް ގެނެ އެވެ. މަޖިލީހުން ބަޖެޓު ފައިނަލް ކުރާއިރު ބައްދަލުކުރަން ފުރުސަތެއް ދިން ނަމަވެސް ބަޖެޓު ބޮޑުވުން ނާދިރެވެ.
ސަރުކާރާއި މަޖިލީހަށް ޖުޑިޝަރީން އަބަދުވެސް އާދޭސް ދަންނަވަން ޖެހޭ ސަގާފަތް ބަދަލު ނުވެ އޮއްވައި، މި ފަހަރު ޖުޑިޝަރީގެ ބަޖެޓުން 30 މިލިއަން ރުފިޔާ ސަރުކާރުން ކަނޑާލި އެވެ. އަދި އެއީ ވެސް މަޖިލީހަށް ފޮނުވުމެއް ނެތި، އެއްވެސް މަރުހަލާއެއް ވެސް ނުހިންގަ އެވެ.
ޖުޑިޝަރީއަށް ބަޖެޓުގެ މިނިވަންކަން ދިނުމުގެ ބަހުސް އަނެއްކާ ވެސް ޝަރުއީ ދާއިރާގެ ތަޖުރިބާކާރުންނާއި ބައިވެރިން (ސްޓޭކް ހޯލްޑަރުން) ގެ ތެރޭގައި ބޮޑުވެގެން މި އުޅެނީ މި ކަންތަކަށް ފަހުގަ އެވެ.
"ޖުޑިޝަލް ސާވިސް ކޮމިޝަނުން މަޖިލީހުގައި އާދޭސް ދެންނެވި، ބައެއް ވަސީލަތްތައް ހަމަޖައްސަން ރަނގަޅު ބަޖެޓަކަށް، މަޖިލީހުން އެ ކަމެއް ނުކުރި، އިންސާފުގެ ހިދުމަތަށް ދައުލަތުގެ ޝައުގު ވަރަށް ކުޑަ،" ފެހި ގާނޫނުއަސާސީ އެކުލަވާލި ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް (އިބްރާ)، އެކްސްގައި ލިޔުއްވި އެވެ.
މީގެ އަހަރެއްހާ ދުވަސް ކުރި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ޝަރީއަތުގެ އަޑުއެހުމެއްގައި ބަންޑުކޮށްލި އުދާހަކީ މިއީ އެވެ؛
ޖުޑިޝަރީގެ އިދާރީ ކަންކަން މަތިކޮށްފައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިނގަމުން ދަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށުންނެވެ. ޖޭއެސްސީން ހުށަހެޅި މައްސަލައަކާ ގުޅުމެއް ނެތަސް ސުއޫދު އޮއްސާލީ ދުވަސްވީ ކަންބޮޑުވުންތަކެވެ.
ޖުޑިޝަރީގެ އެންމެ މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނެރަލެއް ހަމަނުޖެއްސި އޭރު ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. އެންމެ މަތީ ކޯޓުގައި އިދާރީ ކަންކަން މަތިވާ އިސް މުވައްޒަފު ނެތިގެން ދިޔުން ފަނޑިޔާރު ސިފަކުރެއްވީ ވަރަށް ބޮޑަށް ވެސް ސަރުކާރުގެ އަޅާލުން ނުލިބޭ ކަމުގެ ހެއްކެއްގެ ގޮތުގަ އެވެ.
"އިދާރީ ހިންގުން ހުއްޓިފައި މި އޮތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިއީ، ދޮޅު އަހަރު، ދެ އަހަރުވެގެން މި ދަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނެރަލަކު އައްޔަންކޮށް ދޭށޭ އާދޭސް ކުރާތާ. މިހެން އާދޭސް ކުރާގޮތަށް މިކަން ހިންގަން ބޭއްވުންތޯ މި ގާނޫނުއަސާސީ ދެކޭ ގޮތަކީ،" ސުއޫދު ވިދާޅުވެފައިވެ އެވެ.
ޖޭއެސްސީއަކީ ސިޔާސީ މީހުންގެ ބާރު އޮންނަ މުއައްސަސާއެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކާއި ސަރުކާރު ތަމްސީލްކުރާ ބަޔަކު ވެސް ހިމެނޭ އެ މުއައްސަސާއާއި ރައްޔިތުންގެ މަޖިލީހުން އެކަށޭނަ ބަޖެޓެއް ފާސްނުކޮށްދޭ ކަން ފެންނަން އެބަ އޮތެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީއަކަށް ކްރިމިނަލް ކޯޓު ބަދަލުކުރާ ވާހަކަ އާއި ހުޅުމާލޭގައި ކޯޓު ކޮމްޕްލެކްސް ބިލްޑިންއެއްގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއްވީ ނަމަވެސް އެ މަސައްކަތް ނިމޭނެ ދުވަހެއް ނޭނގެ އެވެ.
މިހާރު ވެސް ބަނދަރަކާއި މާރުކޭޓުތައް އޮންނަ، ޓްރެފިކް ބޮޑު ސަރަހައްދެއްގައި ކޯޓުތައް ހިނގަމުން ދަނިކޮށް، ސީދާ ހައި ކޯޓުގެ ކުރިމަތީގައި ލޯކަލް މާރުކޭޓެއް އަޅައި ނިންމަނީ ޖުޑިޝަރީން އޭގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށްފައި ވަނިކޮށެވެ. އެ ކަންބޮޑުވުމަށް މިހާތަނަށް އައި އިރު ވެސް ސަރުކާރުގެ ފަރާތުން ސީރިއަސް ޖަވާބެއް ލިބިފައެއް ނުވެ އެވެ.
އެ މަސައްކަތް އެކުލަވާލި މާލެ ސިޓީ ކައުންސިލުން ބުނަނީ ޕްލޭނިން މިނިސްޓްރީއަށް މަސައްކަތް ހަވާލުކޮށްފައިވާތީ އެއީ މިނިސްޓްރީގެ ކަމެއް ކަމަށެވެ. މިނިސްޓްރީން ބުނަނީ މަސައްކަތް ގެންދަނީ ހަވާލުކުރި ފަރާތް ކަމަށްވާ ސިޓީ ކައުންސިލުން އެ ކަމަށް އަންގާފައިވާ ގޮތަކަށް ކަމަށެވެ. އޭގައި ޒިންމާވާނެ ދައުލަތުގެ ވަކި ފަރާތެއް ސާފުނުވެ އޮތް އިރު، ޑީޖޭއޭއަށް އޮތްހާ ވެސް ބާރަކީ އާދޭސް ދެންނެވުމުގެ ސިޓީ ފޮނުވުމެވެ.
"ލޯކަލް މާރުކޭޓު ފަދަ ތަނެއް ހަދާނަމަ މި ސަރަހައްދަށް ގިނަ އަދަދަކަށް މީހުން ޖަމާވުމާއި އަދި މުދާ އުފުލާ ބޭލުމުގެ މަަސައްކަތް ގިނަ އަދަދަކަށް ކުރިއަށްދާނެ ކަމާއި އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ޓްރެފިކް ޖޭމްވުމުގެ ސަބަބުން މި މާހައުލު އަޑުގަދަ ވާނަމަ ހައި ކޯޓުގެ ޝަރީއަތްތަކަށާއި މަސައްކަތަށް ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގައި ދަންނަވަން،" ޑީޖޭއޭއިން ފޮނުވި ސިޓީއެއްގައިވެ އެވެ.
މުޅިން ވެސް ފެންނަނީ ޖުޑިޝަރީން އެދޭ ކަންކަމުގައި ފަހަތުފަޔަށް މުޅި ދައުލަތް އޮންނަ ތަނެވެ. އިބްރާ ވެސް ފާހަގަކުރެއްވި ފަދައިން، މިއީ އިންސާފުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި އޭގެ ދުވެލި ރަނގަޅު ކުރުމުގެ ޝައުގު ނެތް ދައުލަތެކެވެ.
ސީދާ ނުފޫޒެއް ޖުޑިޝަރީއަށް ފޯރުވަން ސަރުކާރާއި މަޖިލީހަށް އޮންނަ ޖާގައިގެ ވާހަކަ އާއި ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމުގެ ވާހަކައަށް މާ ބޮޑަކަށް ނުޖެހޭނަމެވެ. އެ ކަންކަމުގެ ސަބަބުން ވެސް ޖުޑީޝަރީ ސަރުކާރަށް ބަރޯސާވެފައި އޮންނަ ވަރު ބޮޑެވެ.
ބަޖެޓަށް އެ އޮންނަ ބަރޯސާ ވެސް ބަދަލުވާން ޖެހޭ ކަމަށް ޝަރުއީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކެ އެވެ. އާމްދަނީ ފޯރުކޮށްދޭން ތިބޭ ބަޔަކަށް ބަރޯސާ ވާނެ އެވެ. އެއީ އިންސާނީ ތޮބީއަތެވެ. އެއީ ނުފޫޒެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މި ތަޖުރިބާއިން ބަދަލުތައް ދަނީ ގެންނަމުންނެވެ.
"އެއީ ވިޔާ ނުދާ ވެގެންވާ ކަމެއް ނޫން. އެ މީހެއްގެ ބެލެނިވެރިކަމުގައި ތިބޭހާ ހިނދަކު އެ މީހަކަށް ބަލައިލެވޭނެ، ފަނޑިޔާރުގޭގެ މިނިވަންކަމާއި މި ކަމާ ސީދާ ގުޅުމެއް ހަމަ އޮންނާނެ،" ޖުޑިޝަރީއަށް ބަޖެޓުގެ މިނިވަންކަން ދިނުމަށް ވަކާލާތުކުރައްވާ ގާނޫނީ ވަކީލު ހަމްޒާ ލަތީފު ވިދާޅުވި އެވެ.
ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގިނަ ގައުމުތަކުގައި ވެސް ޕްރެކްޓިސް ކުރަމުން އައި އެއް ގޮތަކީ ޖަސްޓިސް މިނިސްޓްރީއެއް އޮވެފައި އެ މިނިސްޓްރީން ކަނޑައަޅައި ބަޖެޓެއް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ފަހު އެ މިނިސްޓްރީގެ ސިޔާސަތުތަކާ އެއް ގޮތަށް ޖުޑީޝަރީގެ ބަޖެޓު އެކުލަވާލުމެވެ. އަދި އެންމެ ފަހުގެ މަރުހަލާއެއް ގޮތުގައި ގާނޫނު ހަދާ މަޖިލީހަށް ބަޖެޓު ފޮނުވައި، އެ މަޖިލީހުން ބަޖެޓު ފާސްކުރުމެވެ.
ނަމަވެސް މީގެ ނުވަ އަހަރު ކުރިން އެ ޔުނިއަންގެ ޔުރަޕިއަން ނެޓްވޯކް އޮފް ކައުންސިލްސް ފޮ ޖުޑިޝަރީ (އީއެންސީޖޭ) އިން އެކުލަވާލި ދިރާސާއިން ދައްކަނީ އޭގެ ސަބަބުން ސަރުކާރު ހިންގަން ތިބޭ ސިޔާސީ ފަރާތްތަކުގެ ނުފޫޒެއް ޖުޑިޝަރީ އުފެދުމުގެ ޖާގަ ލިބޭ ކަމެވެ. އެ ދިރާސާގައި ޖުޑިޝަރީއަށް ދެވޭ ބަޖެޓު ހަމަޖައްސާނެ ގޮތުގެ ރެކޮމެންޑޭޝަންތަކެއް ދީފައިވެ އެވެ.
އެ ދިރާސާއަށް ހަވާލާދެއްވައި، ވަކީލު ހަމްޒާ ވެސް ވިދާޅުވީ ދައުލަތުގެ ބަޖެޓު ނުވަތަ ޖީޑީޕީގެ ވަކި ނިސްބަތެއް ފަނޑިޔާރުގެއަށް ހާއްސަކޮށްގެން ނަމަވެސް ސަލާން ޖެހުމާ ފަނޑިޔާރުގެ ދުރުކުރަން ޖެހޭ ކަމަށެވެ. އެ ބަދަލަށް އޭނާ ވެސް އެދޭ ސަބަބަކީ ފަނޑިޔާރުގެއަށް ހަގީގީ މާނައެއްގެ މިނިވަންކަން ލިބުމެވެ.
"މެސެޖު ވަރަށް ގޯސް، ގަސްތުގައި ކުރި ކަމެއް ނޫން، އެކަމަކު ފިނޭންސް މިނިސްޓްރީން ހަމަ ހުރެފައި، ޖުޑިޝަރީގެ ބަޖެޓެއް ކަނޑާލަން ފުރުސަތު އޮތުމަކީ، އެއީ ދެވޭ ވަރަށް ގޯސް މެސެޖެއް ގޮތަށް ފެންނަނީ، ކުޑަމިނުން މަޖިލީހަށް ބަޖެޓު ރިވިޝަނެއް ފޮނުވައިގެން ކުރަން ވާނީ،" ހަމްޒާ ވިދާޅުވި އެވެ.
ރާއްޖެއަކީ ރިޔާސީ ނިޒާމުގެ ސިފަތަކަށް ވިސްނައިގެން ދައުލަތުގެ ތިން ބާރު ވަކިކޮށް އޮންނަ ގައުމެކެވެ. ރިޔާސީ ނިޒާމު ޕްރެކްޓިސް ކުރާ ގައުމުތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ގައުމު ކަމަށްވާ އެމެރިކާގައި ވެސް ޖުޑީޝަރީ ކޮންފެރެންސަށް ޖުޑިޝަރީގެ ބަޖެޓު ސީދާ ކޮންގްރެސް ނުވަތަ މަޖިލީހަށް ހުށަހެޅެ އެވެ. އަދި އެ ގައުމުގެ ޖުޑީޝަރީ ކޮންފެރެންސްގައި ސިޔާސީ އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނޯވެ އެވެ.
އެއް ކަމަކީ، ބަޖެޓުގެ މިނިވަންކަން ޖުޑީޝަރީއަށް މިހާތަނަށް ދެވިފައިވާ ގައުމުތައް ވަކި ގިނައެއް ނޫނެވެ. އަނެއް ކަމަކީ އެ ގޮތަށް މިނިވަންކަން ދީފައިވާ ގައުމުތަކަކީ ނިސްބަތުން އާބާދީ އާއި އާމްދަނީ އަދި އިގުތިސޯދު ބޮޑެތި ގައުމުތަކެވެ. ބިމުގެ ވަސީލަތް ވެސް މުއްސަނދި ގައުމުތަކެވެ.
ރާއްޖެއަށް ހަރަދު ސަލާމަތް ކުރުމުގެ މާލީ ހަރުދަނާ ސިޔާސަތެއް ބޭނުންވެފައިވާއިރު ޖުޑީޝަރީން މި ފަހުން އުނިކުރި ބަޖެޓަކީ އެހެން ބައެއް މިނިވަން މުއައްސަސާތަކަށް ވެސް އެއް ހަމައަކުން ފިނޭންސް މިނިސްޓްރީން ކުރި ކަމެކެވެ. ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި ވެސް ބޭނުމަކީ ހަރަދުތަކެއް ސަލާމަތް ކުރުމެވެ.
ރާއްޖޭގައި ދައުލަތުގެ މާލިއްޔަތުގައި "ފިސްކަލް ސޭވިން" ނުވަތަ ރައްކާކުރެވިފައިވާ އާމްދަނީއެއް ރަނގަޅު އަދަދަކަށް ނެތް އިރު ކޮންމެ މުއައްސަސާއަކަށް ވަކި "މިނިވަން" ބަޖެޓެއް ހަމަޖައްސަން ފެނިވަޑައިނުގަންނަ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީގަލް އެޑްވައިޒަރު މުހުތާޒު މުހުސިން ވިދާޅުވި އެވެ.
އޭނާގެ ނުކުތާއަކީ އެއް ހަމައެއް ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް އޮންނަން ވާނެ ކަމެވެ. ޖުޑީޝަރީއަށް ވަކި ހާއްސަ ބަޖެޓެއް ހަމަޖައްސާ ނަމަ ދައުލަތުގެ އެހެން މުއައްސަސާތަކުން ވެސް އެ ކަމަށް ޕްރެޝަރު އަންނާނެ އެވެ. އެ ކަން ކޮށްދޭނެ ޖާގައެއް ދިވެހި ދައުލަތަކަށް އަދި ނެތެވެ.
"ޕާސަނަލީ ތާއީދު ކުރާ ކަމެއް ނޫން. އެ ތާކަށް ފެންނަހާ ގޮތަކަށް ބަޖެޓު އެލޮކޭޓް ކުރަން ދިނުމުން ވަރަށް އުނދަގޫ ވާނެ ދައުލަތް ހިންގަން. ޝަރުއީ ދާއިރާއަށް ދީފިއްޔާ، ދެން ހުރި ހުރިހާ މުއައްސަސާއަކަށް ވެސް ދޭން ޖެހޭނެ. އެއީތާ ހަމަހަމަ ގޮތަކީ ވެސް،" މުހުތާޒު ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާއި ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ މުހުތާޒު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ މުޖުތަމައަކާއި އާބާދީއެއް އޮތް ގައުމަކަށް އޭގެ ބޭނުމެއް ވެސް ނުފެންނަ ކަމަށެވެ.
"ބޮޑެތި އިގުތިސޯދުތަކުން ވަކި ޕަސެންޓޭޖެއް ޖުޑިޝަރީ އެލަކޭޓް ކުރިއަސް ރާއްޖޭގެ އެ ޖާގައެއް ދެވެން ދަތިވާނެ، ދެން މި ފަހުން ހިނގި ކަމަކީ ހުރިހާ މުއައްސަސާއަކަށް ވެސް ކުރި ކަމެއް، ހުރިހާ މިނިސްޓްރީއަކަށް ވެސް އުނި ކުރި ކަމެއް،" މުހުތާޒު ވިދާޅުވި އެވެ.
މުހުތާޒު ވިދާޅުވި ގޮތުގައި ކުރިމަތީގައި އޮތް މައްސަލައަކީ ކޯޓުތަކަށް ރަނގަޅު އުމްރާނީ ބިނާތައް ނުވަތަ އިންފްރާސްޓްރަކްޗާ އަދި ހަމަޖެހިފައި ނެތުމުގެ މައްސަލަ އެވެ. އެ ކަމަށް މިހާރު އޮތް ސަރުކާރުން މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށާއި ރައީސްގެ ތަސައްވުރުގައި އެ ކަމަށް ޖާގަ ދީފައިވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެއް ނޫން، އެއްވެސް ހައްގަކަށް އުނިކަމެއް އަންނާނެ ގޮތަކަށް ބަޖެޓު ކުޑަ ކުރުމުގެ، އުނި ކުރުމުގެ ވިސްނުމެއް ނުގެންގުޅެއްވާ، އެ ވިސްނުމުގައި ކުރި ކަމެއް ވެސް ނޫން، މި ވަގުތަށް އުނިކުރި ބަޖެޓެއް އުނިކުރުމަކީ ވެސް،" މުހުތާޒު ވިދާޅުވި އެވެ.
މި ވަގުތަށް ޖުޑިޝަރީއަށް އޮތް ބަޖެޓު ކުޑަ ކަމަކަށް ވެސް މުހުތާޒު ދެކެވަޑައެއް ނުގަންނަވަ އެވެ. ނަމަވެސް ބަޖެޓު ބޭނުންކުރާނެ ގޮތް ކަނޑައެޅުމުގައި، ރާއްޖެއާ ނުބައްދަލު ވިސްނުންތަކެއް ކުރީގައި ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސުޕީރިއާ ކޯޓުތަކަށް ކަންކަން ހަމަޖެއްސުމުގެ ބަދަލުގައި ކޮންމެ ރަށެއްގައި ކޯޓު އިމާރާތް އަޅަން ކޮށްފައިވާ ހަރަަދުތަކަކީ އޭނާ ފާހަގަ ކުރެއްވި ބައެއް މިސާލެކެވެ.
"ހަރަދު ސަލާމަތް ވެސް ކުރަން ޖެހޭ، ކޮންމެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓު އަޅަން އެހާ ގިނަ ހަރަދުތަކެއް ހިންގުމުގެ ބޭނުމެއް ވެސް ނުފެނޭ، ކޮންމެ އަތޮޅެއްގައި މަދު ކޯޓު އިމާރާތެއް ހުރެފައި ޓެކްނޮލޮޖީގެ އެހީގައި ޝާރީއަތްތައް ހިންގޭނެ ޒަމާނެއް މިއީ،" މުހުތާޒު ވިދާޅުވި އެވެ.
ޖުޑީޝަރީއަށް ވަކި ޕަސެންޓޭޖެއް ބަޖެޓުން އެލޮކޭޓް ކުރުމަކީ ރަނގަޅު ވިސްނުމެއް ވިޔަސް ދައުލަތަށް އެ ބުރަ ނެގޭނެތޯ ވެސް ބައެއް ތަޖުރިބާކާރުން ސުވާލު އުފައްދަ އެވެ.
"އަޅުގަނޑުމެންގެ ގައުމުގައި ފިސްކަލް ސޭވިންއެއް ވެސް އަދި ނެތް، ބިލްޑް ނުކުރެވި ހުއްޓައި ކްރައިސިސް ވެސް އައިސް އެ މެއިންޓެއިން ކުރަން ޖެހުނީ. އެހެންވެގެން އެފަދަ ބައެއް ބަދަލުތައް ގެނައުމުގައި ކޮންމެ ސަރުކާރެއްގައި ދަތިތަކެއް ފެންނަނީ،" ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.
ނަމަވެސް ވަކީލު ހަމްޒާ ދެކެވަޑައިގަންނަވާ ގޮތުގައި ޖުޑީޝަރީއަށް އެ މިނިވަންކަން ދޭން ޖެހެ އެވެ. ރާއްޖޭގެ އިގުތިސޯދާ އެކަށޭނަ ނިސްބަތަކަށް ބަލާފައި ވަކި އިންތިޒާމެއް އޭގައި އޮންނަން ޖެހެ އެވެ.
"މިއީ އަޅުގަނޑުމެން މި ކަން އޮންނަން ބޭނުންވާ ގޮތަކީ،" ވަކީލެއްގެ ހައިސިއްޔަތުން ކުރަން ޖެހިފައިވާ ތަޖުރިބާ ހިއްސާކުރައްވަމުން ހަމްޒާ ވިދާޅުވި އެވެ.
-
އަބަދުވެސް ފަނޑިޔާރުގެ، ސަރުކާރުގައި ނުވަތަ ސިޔާސީ މީހުންގެ ބާރުގައި އޮންނަ ޖޭއެސްސީގައި ދަންނަވައިގެން އެއިން ތަނަކަށް ބޭނުންވާ އާންމު ތަކެތި ހޯދަން ޖެހުމުން އިންސާފުގެ ހިދުމަތް އެންމެ ރަނގަޅަކަށް ނުދެވޭނެ އެވެ.
ޖޭއެސްސީގެ އެކުލެވުން ވެސް އެއް ކަމަކަށް ބަދަލު ކުރަން ޖެހެ އެވެ. އަދި ރަނގަޅު ހޭދައެއް ޖުޑީޝަރީއަށް ކުރަން އެބަ ޖެހެ އެވެ. ޖުޑީޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކުގެ މުގުލުގައި އޮންނަ އެންމެ މައި މައްސަލަައަކީ މި ވަސީލަތްތައް ހަމަޖެހުމާއި ބަޖެޓުގެ މިނިވަންކަން ނެތުމުގެ މައްސަލަ އެވެ.
ޖުޑީޝަރީއަށް ބަޖެޓުގެ މިނިވަންކަން ދެވެން އޮތް އެންމެ ތަންމިނަށް ދެވޭނެ އުސޫލެއް މި ދައުލަތުގައި ވަކި އޮވެވިގެން ނުވާނެ ހެއްޔެވެ؟
Comment