26 މޭ 2024 - 11:14 0
26 މޭ 2024 - 11:14 0
ޕެރިސް (މެއި 26) - ފްރެންޗް ކަޕްގެ ފައިނަލްގައި ރޭ ލިޔޯން އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ, ޕީއެސްޖީ އަށް ފްރާންސްގެ ގައުމީ ޓީމުގެ ފޯވަޑް ކީލިއަން އެމްބާޕޭ ކުޅުނު ފަހު މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އޮސްމާން ޑެމްބެލޭ އާއި ފަބިއަން ރުއިޒް އެވެ. ދެ ވަނަ ހާފުގައި ލިޔޯން އަށް ލަނޑު ޖަހައިދިނީ ޑިފެންޑަރު ޖޭކް އޯ ބްރައިޔަން އެވެ.
މި މެޗަކީ ޕީއެސްޖީގެ ތަރި އެމްބާޕޭ ،25، އެ ކްލަބަށް ކުޅުނު ފަހު މެޗެވެ. މި ސީޒަނަށް ފަހު އެ ކްލަބާ އެކު އެމްބާޕޭ ހަދާފައިވާ ކޮންޓުރެކްޓް ހަމަވާއިރު، އޭނާ ދެން ފެންނާނެ ކަމަށް ބެލެވެނީ ރެއާލް މެޑްރިޑުންނެވެ.
ޕީއެސްޖީ އަށް 2017 ވަނަ އަހަރު ބަދަލުވި އެމްބާޕޭ އެ ކްލަބާ ވަކިވާނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ. އެމްބާޕޭ ވަނީ އެ ޓީމަށް ކުޅުނު 308 މެޗުގައި 256 ލަނޑު ޖަހައިފައެވެ.
ފްރާންސް ލީގުގައި ޕީއެސްޖީ އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެމްބާޕޭ ފުރަތަމަ 11 ގައި ކުޅުނީ ދެ މެޗުގަ އެވެ.
އެމްބާޕޭ ބުނީ ޕީއެސްޖީއަށް ކުޅުނު ފަހު މެޗުގައި ތައްޓެއް ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަހަރެން އަބަދުވެސް ބޭނުންވީ ތައްޓަކާއެކު ޕީއެސްޖީއަށް އަލްވަދާއު ކިޔަން. މިއަށްވުރެ މޮޅު ގޮތަކަށް ޓީމަށް އަލްވަދާއު ނުކިޔޭނެ،" އެމްބާޕޭ ބުންޏެވެ.
އެމްބާޕޭ ބުނީ އޭނާ ދެން ފެންނާނެ ކްލަބެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
Comment