Advertisement

ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރިއްޔާ އެހެން ޓީމަކަށް ގޮސް ވެސް ތަށި ހޯދާނަން: ޓެން ހާގް

25 މޭ 2024 - 23:20 0


ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރިއްޔާ އެހެން ޓީމަކަށް ގޮސް ވެސް ތަށި ހޯދާނަން: ޓެން ހާގް

25 މޭ 2024 - 23:20 0

ލަންޑަން (މެއި 25) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އޭނާ ވަކިކޮށްފިނަަމަ، އެހެން ޓީމެއްގައި މަސައްކަތްކޮށް ވެސް ތަށި ހޯދާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުނައިޓެޑުން ވަނީ މިރޭ މެންޗެސްޓާ ސިޓީ 2-1 އިން ބަލިކޮށް، އެފްއޭ ކަޕްގެ ޗެމްޕިއަންކަން 13 ވަނަ ފަހަރަށް ހޯދައިފަ އެވެ. މި މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ޓެން ހާގް، ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރާނެ ކަމަށް އިނގިރޭސި މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ފައިނަލް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓެން ހާގަށް ވަނީ އެ ސުވާލުތައް ކުރިމަތިވެފަ އެވެ.

"އެ މީހުން (ޔުނައިޓެޑްގެ ވެރިން) ދެން އަހަރެން ބޭނުމެއް ނުވިއްޔާ، އަހަރެން އެހެން ޓީމަކަށް ދާނަން. އެ ތަނުގައި ވެސް ތަށި ހޯދާނަން. އެއީ އަހަރެން މުޅި ކެރިއަރުގައި ވެސް ކޮށްފައި ހުންނާނެ ކަމަކީ،" ޓެން ހާގް ބުންޏެވެ.

ޓެން ހާގް ބުނީ، އޭނާ ޔުނައިޓެޑް ކޯޗެއްގެ ގޮތުގައި ދެމިނުހުންނާނެ ކަމަށް އެ ކްލަބުން އަދި އަންގާފައިނުވާ ކަމަށެވެ.

އަޔަކްސްގެ ކުރީގެ ކޯޗު ޓެން ހާގް ވަނީ ޔުނައިޓެޑްގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ދެ ވަނަ ސީޒަނުގައި ޓެން ހާގް މި ވަނީ އެފްއޭ ކަޕް ހޯދައިދީފަ އެވެ.

މި ސީޒަނުގައި ޔުނައިޓެޑް، އިނގިރޭސި ޕްރިމިއާ ލީގު ނިންމާލީ އަށް ވަނައިގަ އެވެ. މިއީ، 1992 ވަނަ އަހަރު، އިނގިރޭސި ފުރަތަމަ ޑިވިޝަން، ޕްރިމިއާ ލީގަށް ރީބްރޭންޑް ވި ފަހުން ޔުނައިޓެޑްގެ އެންމެ ދަށް ފަހަރެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަންކަން ޔުނައިޓެޑުން ހޯދުމާ އެކު، އަންނަ ސީޒަނުގައި އެ ޓީމަށް ޔޫރޮޕާ ލީގުގައި ވާދަކުރުުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އާއި މިޑްފީލްޑަރު، ކްރިސްޓިއަން އެރިކްސަން ވަނީ، ޓެން ހާގަށް އަމާޒުވާ ފާޑުކިޔުންތައް އިންސާފުވެރި ނޫން ކަމަށް ބުނެފަ އެވެ.

އަޔަކްސްގެ ކޯޗަކަށް ފަސް އަހަރު ވަންދެން ހުރިއިރު، ޓެން ހާގް ވަނީ، އެ ޓީމަށް ހަ ތަށި ހޯދައިދީފަ އެވެ.

އެންމެ ފަހުން، ޔުނައިޓެޑުން އެފްއޭ ކަޕް ކާމިޔާބުކުރީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމަށް އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިދިން ކޯޗު ލުއީ ވެން ހާލް ވަނީ މަގާމުން ވަކިކޮށްފަ އެވެ.