Advertisement

އިސްލާމިކް މިނިސްޓްރީން ބޭއްވި ވޯކްޝޮޕަކަށް ފާޑުކީ އިމާމަކު ސަސްޕެންޑްކޮށްފި

23 މޭ 2024 - 12:49 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޏ. ފުވައްމުލަކުގައި އިމާމެއްގެ ވަޒީފާ އަދާކުރަމުންދާ މުހައްމަދު ހުސައިން: މިނިސްޓްރީގެ ވޯކްޝޮޕަކަށް ފާޑުކިޔައިގެން ސަސްޕެންޑުކޮށްފި


އިސްލާމިކް މިނިސްޓްރީން ބޭއްވި ވޯކްޝޮޕަކަށް ފާޑުކީ އިމާމަކު ސަސްޕެންޑްކޮށްފި

23 މޭ 2024 - 12:49 1

ޏ. ފުވައްމުލައް ސިޓީގައި އިސްލާމިކް މިނިސްޓްރީން ބޭއްވި ވޯކްޝޮޕެއްގައި ދައްކާފައި ހުރި ވާހަކަތަކަށް، ސޯޝަލް މީޑިއާގައި ފާޑުކިޔުމުން އިމާމަކު އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފި އެވެ.

މުސާރަ ލިބޭ ގޮތަށް ސަސްޕެންޑް ކުރީ އެ ސިޓީގައި އިމާމެއްގެ ވަޒީފާ އަދާކުރި ހޯދަނޑު، ހުވެލި، މުހައްމަދު ހުސައިން އެވެ. އެއީ ސިވިލް ސާވިސްގެ ވަޒީފާއެކެވެ. އެ ވަޒީފާގައި އޭނާ ހުންނަތާ ހަތަރު އަހަރު ވެއްޖެ އެވެ. އެއީ ގައުމީ ޔުނިވާސިޓީން އިސްލާމިކް ސްޓަޑީޒްގެ ޑިގްރީ ހާސިލްކޮށްފައިވާ މީހެކެވެ.

މުހައްމަދު ހުސައިން ސަސްޕެންޑް ކުރީ "މިނިސްޓްރީގެ ވޯކްޝޮޕް 'ދައުރާ' އާ ގުޅޭ ގޮތުން މުޖުތަމައުގައި ފިތުުނަ ފަސާދަ އުފެދޭހެން ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެދޭ ގޮތަށް އަދި އާންމު ރައްޔިތުންނަށް އޮޅޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރަމުން ދާތީ" ކަމަށް އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

އޭނާގެ އެ އަމަލަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފަށް އަދި ގާނޫނުލްއުގޫބާތުގައި ބުނާ "އިސްލާމް ދީނާ އިދިކޮޅު އަމަލުތައް" ހިމެނޭ ޖިނާއީ ކުށެއް ކަމަށް، އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސޮއިކުރައްވައި ފޮނުވި ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.

މުހައްމަދު ހުސައިންގެ ފޭސްބުކް ޕޯސްޓްތައް "އަދަދު" ނޫހުން ބެލި ބެލުމުން އެ ޕޯސްޓުތަކުގައި މައިގަނޑު ގޮތެއްގައި ވަނީ ސައުދީ އަރަބިއްޔާގައި އޮންނަ ސަލަފީ މަޒްހަބުގެ ފައުންޑަރެއް ކަމަށްވާ އައްޝައިހު މުހައްމަދު ބިން އަބްދުލް ވައްހާބަކީ ކާކު ކަން ހޯދައި ދެނެގަންނަން ޖެހޭ ކަމަށެވެ.

މުހައްމަދު ބިން އަބްދުލް ވައްހާބުގެ ފިކުރުގެ ފޮތްތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މަނާކުރި ކަމަށާއި މި ސަރުކާރުން އެ ފޮތްތައް ބޭނުން ކުރަން ނިންމާފައިވާ ކަމަށް ބުނުމުގެ އިތުރަށް، މިސަރުކާރު ހަރުކަށި ފިކުރާ ގުޅުން އޮތް ކަމަށް ވެސް އޭނާ ތުހުމަތުކޮށް ލިޔެފައިވެ އެވެ.

މި ސަރުކާރަށް ތާއިދު ނުކުރާ ކަމަށާއި އެއީ ސިޔާސީ ބޭނުންތަކަށް ހަރުކަށި ވިސްނުމެއް ފަތުރަން މަސައްކަތް ކުރަމުންދާތީ ކަމަށް ވެސް މުހައްމަދު ހުސައިން ފޭސްބުކްގައި ލިޔެފައިވެ އެވެ.