22 މޭ 2024 - 10:38 1
މުހައްމަދު އުޝާމް
މިނިސްޓަރު އިހުސާން ރައީސް އޮފީހުގައި: ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނާ މައްސަލާގައި ބައްދަލުވުން އަދިވެސް ނުބޭއްވޭ - ފޮޓޯ: ރައީސް އޮފީސް
22 މޭ 2024 - 10:38 1
ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ފުލުހުންގެ އިސްވެރިންތަކެއް ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި ބަލަމުންދާ މައްސަލާގައި މިނިސްޓަރާއި ފުލުހުންގެ މުއައްސަސާއާ ބައްދަލުކުރަން ނިންމިތާ މަސް ދުވަސްވީ ނަމަވެސް އެ ބައްދަލުވުން އަދިވެސް ނުބޭއްވޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކޯޓުން ތުހުމަތު ކުރަނީ އިހްސާނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދު އަދި ސަބް އިންސްޕެކްޓަރު މަމްދޫހް ހަސަން އެ ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ގާޒީން ބައްދަލުވެ މަޝްވަރާކޮށްފައިވެ އެވެ. އޭޕްރީލް 18، ގައި ބޭއްވި އެ ބައްދަލުވުމުގައި ގާޒީން ނިންމެވީ ފުރަތަމަ ކަމަކަށް މިނިސްޓަރުގެ އިތުރުން ފުލުހުންނާ ބައްދަލު ކުރުމަށެވެ. އަދި އެ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބައިވެރިކުރުމަށެވެ.
ބައްދަލުވުން ނުބޭއްވި ލަސްވާ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ކްރިމިނަލް ކޯޓުން ބުނީ ލަސްވަމުން ދަނީ ބައެއް އިންތިޒާމުތައް ހަމަނުޖެހިގެން ކަމަށެވެ. އެއީ ކޮން އިންތިޒާމުތަކެއް ކަމެއް ކޯޓުން ނުބުންޏެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކްރިމިނަލް ކޯޓުން ބުނަނީ 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވި މައްސަލައިގައި ފުލުހުން އޭޕްރީލް 4، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ވަރަށް ބޮޑަށް ކްރިމިނަލް ކޯޓަށް ފާޑުކިޔައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ނަން ހާމަ ކުރުމަށްފަހު ވެސް ފުލުހުން ވަނީ އެ ބައްދަލުވުމުގައި ފާޑުކިޔައިފަ އެވެ.
އޭގެ ފަހުން ފުލުހުން ހިމެނޭހެން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގެ ބައެއް ވެރިންނާއެކު މިނިސްޓަރު ބޭއްވި ޕްރެސް ކޮންފެރެންސެއްގައި "އަދަދު" ނޫހުން ސުވާލުކުރުމުން އިހުސާން ވިދާޅުވީ ފުލުހުން ކުރި ތަހުގީގަކަށް ފަހު ދައުވާކުރި މައްސަލައެއްގައި ކުށް ސާބިތުނުވާ ކަމަށް ނިންމުމުން އެ ތަހުގީގުގެ މައުލޫމާތު އާންމު ކުރުން ކަމަށެވެ. އެފަދަ މައުލޫމާތެއް އާންމު ކުރުމަކީ ކޯޓާ ޗެލެންޖު ކުރުން ނޫން ކަމަށެވެ.
Comment