Advertisement

އީޕީއޭއިން އެންގުމުން ވެސް ބިން ހިއްކުމުގެ މަޝްރޫއުތައް ހުއްޓާނުލާ ކަމުގެ ކަންބޮޑުވުން

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ: އީޕީއޭއިން ވަނީ ގާ ހުދުވާތީ ބިން ހިއްކުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން އަންގާފައި -- ފޮޓޯ: ރައީސް އޮފީސް


އީޕީއޭއިން އެންގުމުން ވެސް ބިން ހިއްކުމުގެ މަޝްރޫއުތައް ހުއްޓާނުލާ ކަމުގެ ކަންބޮޑުވުން

މި ދުވަސްވަރު، ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ ފަރުތަކުން ގާ ހުދުވަމުން ދާތީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މަޝްރޫއުތަކަށް ދޫކުރާ ހުއްދައިގެ ދަށުން ބިން ހިއްކުމާއި އަދި ފަރުމަތީގައި މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އެންގި ނަމަވެސް އެފަދަ މަސައްކަތްތައް ކުރިއަށްދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެ އެޖެންސީން ބުނެފި އެވެ.

އީޕީއޭގެ ޑިރެކްޓަރް ޖެނެރަލް އިބްރާހީމް ނައީމް "އަދަދު" އަށް ވިދާޅުވީ އެކި ތަންތަނުގައި ބިން ހިއްކުމުގެ މަސައްކަަތް ހުއްޓާނުލާ ކުރިއަށްގެންދާތީ އެކަން އެގޮތަށް ނުކުރުމަށް އަންގަމުންދާ ކަމަށެވެ.

ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓާލަން އަންގާފައި ވަނިކޮށް މަސައްކަތް ކުރިއަށްގެންދާތީ ނައީމް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، ގިނަ ފަރާތްތަކުން އީޕީއޭގެ އެންގުމާ އެއްގޮތަށް މަސައްކަތް ހުއްޓާލާފައިވާކަން ފާހަގަކުރައްވާފަ އެވެ.

ނައީމް ވިދާޅުވީ ގާ ހުދުވުމުގެ ރިޕޯޓު މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން އީޕީއޭއަށް ވަނީ ލިބިފައި ކަމަށާއި، ރާއްޖޭގައި މިހާރު ގާ ހުދުނުވާ ސަރަހައްދެއް ނެތް ކަމަށެވެ.

"ޑްރެޖްކުރުމުން ފަރުތަކަށް ގެއްލުންވާނެ. ކޮރަލް ބްލީޗިންއަކީ ކޮރަލްތައް ސްޓްރެސްވާކަމެއް. އެހާ ބޮޑަށް ސްޓްރެސްވެފައި ހުއްޓާ އަދި ދިފާއީ ބާރާ އެއްޗެހި ދަށްވެފައި ހުއްޓާ ދިމާވާ އެކްސްޓާނަލް ސްޓްރެސްއިން އެބްޒޯބް ނުކުރެވޭނެ،" ނައީމް ވިދާޅުވި އެވެ.

އީޕީއޭއިން ގާހުދުވާ މިންވަރު ދެނެގަތުމަށް ސާވޭއެއް ކުރިއަށްގެންދާއިރު، މަގްސަދަކީ އިތުރަށް ފިޔަވަޅެއް އަޅަން ޖެހޭތޯ ބެލުން ކަމަށް ނައީމް ވިދާޅުވި އެވެ.

ގާހުދުވުމުގެ ދުވަސްވަރު ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިޔުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި، ބިން ހިއްކުމުން މުރަކަތައް ދިރިހުންނާނެކަމުގެ ޔަގީންކަމެއް ނޯންނާނެ ކަމަށެވެ.

"ބްލީޗްވުމާ ދެކޮޅަށް މާ ގިނަ ކަންތައްތަކެއް ކުރެވޭކަށް ނުހުރޭ. އެކަން މިވަނީ ބައިވަރު ކަންތައްތަކެއް ދިމާވެ، ލޮނުގަނޑުވެސް ހޫނުވެގެން. ކުރެވޭނެ ހަމައެކަނި ކަމަކީ ބްލީޗްވާ ދުވަސްވަރު އިންސާނުންގެ ފަރާތުން އެ ކޮރަލްތަކަށް ސްޓްރެސް އިތުރަށް ދެވޭ ކަންތައްތައް ކުޑަކުރުން،" ނައީމް ވިދާޅުވި އެވެ.

ގާ ހުދުވާތީ ބިން ހިއްކުމުގެ މަސައްކަތްތައް މަޑު ޖައްސާލަން އީޕީއޭއިން އަންގާފައި ވަނީ ޖުލައި، 10 ގެ ނިޔަލަށެވެ.

ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިގުތިސޯދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އީޕީއޭއިން ބުނެ އެވެ.

ބިން ހިއްކުން ހިމެނޭހެން، ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން ވެސް އިލްތިމާސްކޮށްފައިވެ އެވެ.