21 މޭ 2024 - 10:09 0
ސާއިފް ޝިޔާދު
އެ އިވެންޓުގައި ފިނޭންސް މިނިސްޓަރު ޝަފީގު ވާހަކަ ދައްކަވަނީ. މާލީ ރިފޯމް އެޖެންޑާ ތަންފީޒު ކުރަން ހަރަދު ކުޑަކުރުމުގެ ބާރު އޮތީ ސަރުކާރަށް ކަމަށް ވިދާޅުވި --- ފޮޓޯ: ފިނޭންސް މިނިސްޓްރީ
21 މޭ 2024 - 10:09 0
ރާއްޖޭން އެކުލަވައިލާފައިވާ މާލީ ރިފޯމު އެޖެންޑާ ތަންފީޒު ކުރުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން ފިޔަވަޅުތައް އަޅަން ފަށާނީ "އެންމެ ރަނގަޅު ވަގުތު" ގައި ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިއްޔެ ވިދާޅުވެއްޖެ އެވެ.
އިގުތިސޯދީ ކުރިއެރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ހަރަދުތައް ބޮޑުވުން ކަމަށްވާއިރު ހަރަދު ކުޑަކުރުމަށް، ދުނިޔޭގެ މާލީ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ރާއްޖެއަށް ގޮވައިލަމުންނެވެ.
"މޯލްޑިވްސް ޑިވެލޮޕްމަންޓު އަޕްޑޭޓް: ސްކޭލިން ބެކް އެންޑް ރީބިލްޑިން ބަފާސް" ރިޕޯޓު ރަސްމީކޮށް ނެރެން ވޯލްޑް ބޭންކުން އިއްޔެ ބޭއްވި އިވެންޓުގައި ޝަފީގު ވިދާޅުވީ ސަރުކާރުން ރިފޯމް އެޖެންޑާ ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމަށެެވެ. ދައުލަތުގެ ހަރަދުތައް ކުޑަކުރުމަކީ ސަރުކާރުގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް އެކަން ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ ކުންފުނިތައް ރިފޯމް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. އެކަން ލަސް ކުރެވޭކަށް ނެތް. އަދި, އާސަންދައިގެ ވެސް ލީކުތައް ވެސް އެބަހުރި. ސަބްސިޑީ ނިޒާމު ވެސް ޓާގެޓެޑް ނިޒާމަކަށް ބަދަލުވާން ޖެހޭ," ޝަފީގު ވިދާޅުވި އެވެ.
ސަރުކާރުން އެ ޕްރޮގްރާމް ތަންފީޒު ކުރުމަށް ތައްޔާރަށް އޮތް ކަމަށާއި ދުނިޔޭގެ މާލީ އިދާރާތަކުގެ އެއްބާރުލުން އެކަމަށް ބޭނުންވާނެ ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ. އަދި, އެ ފިޔަވަޅުތައް ތަންފީޒު ކުރަން ފަށާނީ "ރަނގަޅު ވަގުތު" ގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ކަނޑައެޅިގެން ކޮން ވަގުތެއް ކަމެއް ސަރުކާރުން އަދި ހާމަނުކުރެ އެވެ.
"ވޯލްޑް ބޭންކާއި އައިއެމްއެފްއިން ބުނަނީ ރާއްޖޭގެ ރިފޯމް ޕްރޮގްރާމް މާ އުންމީދީ ކަމަށް. މާ ލަހުން މާ މަދު ފިޔަވަޅުތައް އެޅި ކަމަކަށް ވާން ބޭނުމެއް ނުވޭ. އަޅުގަނޑުމެން މި އުންމީދީ ޕްރޮގްރާމަށް ތައްޔާރު," ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
ކުރީ ސަރުކާރުން އެކުލަވާލާފައިވާ މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީ (2024-2026) ގައި އަންދާޒާކުރީ މި އަހަރު 2.7 ބިލިއަން ރުފިޔާ އަދި ތިން އަހަރުގެ ތެރޭގައި 12 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.
ވޯލްޑް ބޭންކުން ލަފާކުރަނީ ރާއްޖޭގެ އިގުތިސޯދު މިއަހަރު 4.7 ޕަސެންޓުން ކުރިއަރާނެ ކަމަށެވެ. އައިއެމްއެފް އިން ވަނީ މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 3.3 ޕަސެންޓު ދަށްވާނެ ކަމަށް ލަފާކޮށްފަ އެވެ.
މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.5 ޕަސެންޓު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާ ކޮށްފައިވާ އިރު، ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 6.7 ޕަސެންޓުގަ އެވެ.
Comment